ދިވެހި ސާފް ލީގު ކުރިއަށް، ހިންމަފުށީ މުބާރާތް މާދަމާ
ދިވެހި ސާފް ލީގު ކުރިއަށް، ހިންމަފުށީ މުބާރާތް މާދަމާ

ކ. ހިންމަފުށީގައި ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ދިވެހި ސާފް ލީގުގެ ތިންވަނަ މުބާރާތް ކަމަށްވާ "ގާމާދޫކޮޅު" މުބާރާތް ފަށަން ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފިރިހެން އޯޕަން ޑިވިޝަނުގައި 46 ރާޅާއެޅުންތެރިން ބައިވެރި ވެފައި ވެއެވެ. އަދި ޖޫނިއާ ބައިގައި 18 އެތުލީޓުން ވާދަ ކުރާނެ އެވެ.

މިދިޔަ އަހަރު ފެށި ދިވެހި ސާފް ލީގުގައި އޮތް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ރާއްޖޭގެ އެންމެ ކާޟިޔާބު ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) އެވެ. އެއީ، 2019 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖަށް ފަހު ލިބުނު އަނިޔާއަކާ ގުޅިގެން އަލުން އެނބުރި އައިސް ވާދަކުރި ފުރަތަމަ މުބާރާތެވެ.

މި އަހަރުގެ މުބާރާތުގެ އޯޕަން ބައިގެ ފުރަތަމަ ހީޓުގައި އިބޫ ވާދަ ކުރަން ޖެހެނީ މުހައްމަދު ރިފާސް އަބްދުއްރައްޒާގާއި މުހައްމަދު ސުމަން އަދި މޫސާ އަހުމަދާ ދެކޮޅަށެވެ.

އެ މުބާރާތުގެ ފައިނަލްގައި އިބޫ އަތުން ބަލިވި ހޫދު އަހުމަދު (ހޫބްޒް) ވާދަކުރާ ފުރަތަމަ ބުރުގެ ހީޓުގައި ހިމެނެނީ އަޒްލީ ނަސީމް އާއި އަހުމަދު ފައިރޫ އަދި އިސްމާއިލް މަދުހު އަހުމަދެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ލީގުގެ "މުލީކޮޅު ރާޅުގަނޑު" މުބާރާތް ކާމިޔާބު ކުރި އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރާ ހީޓުގައި ހިމެނެނީ އަބްދުﷲ އަރުޝަދު (ބިއްލޫ) އާއި އަހުމަދު އާފިއު އެވެ. އަންމަޑޭ އަކީ މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަނެވެ.

މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" ގެ ޗެމްޕިއަން ނަޖާހު މުހައްމަދު (ކަބޯ) މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ. ކަބޯ އަކީ ސާފިން ގައުމީ ޓީމުގެ ވެސް އެތުލީޓެކެވެ. އޭނާގެ އިތުރުން ގައުމީ ޓީމުގައި ހިމެނޭ ޖައިލަމް ނިޒާރު ވެސް މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

މިއަހަރުގެ ސާފް ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ ކަބޯ އެވެ. އިބޫ އަށް ދެވަނަ އެވެ. ތިން ވަނައިގައި އޮތީ އަންމަޑޭ އެވެ.

މިދިޔަ އަހަރު ގާމާދޫކޮޅުގައި ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. އޭނާ ވަނީ މިއަހަރުގެ ލީގުގެ ފުރަތަމަ މުބާރާތުގައި ވެސް ޖުނިއާ ބައިން އެއްވަނަ ހޯދައިފަ އެވެ. ނަމަވެސް މި މުބާރާތުން ޗޮއްޕު ނުފެންނާނެ އެވެ.

އެކަމަކު މިދިޔަ އަހަރު ހިންމަފުށީގައި ޖޫނިއާ ބައިން ދެވަނަ ހޯދި މުހައްމަދު އިނާން އަބްދުލް ހަންނާން ވާދަ ކުރެ އެވެ. ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި އިނާން އާ އެއް ހީޓެއްގައި ވާދަ ކުރާނީ މުހައްމަދު ސުމަން އާއި އަހުމަދު އަރޫމް މުހައްމަދެވެ.

އެންމެ ފަހުން ބޭއްވި މުލީކޮޅު ރާޅުގަނޑުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝާނިފް ޝަފީގު، މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ބުރުގެ ހީޓުގައި ނުކުންނާނީ ނޫހު މުހައްމަދު ދުނައިމް އިރުޝާދާއި އިސްމާއިލް ވިފާގު ލަތީފް އާ ދެކޮޅަށެވެ.

މިދިޔަ އަހަރާ ހިލާފަށް މިއަހަރު ލީގުގައި ޖޫނިއާ ޗެމްޕިއަން ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެއްވަނައިގައި މިވަގުތު އޮތީ ޔަސީން އަހުމަދު ނާޝިދެވެ. ކަޔާން އަބްދުﷲ އަރީފް ދެވަނައިގައި އޮތްއިރު އިނާން އޮތީ ތިންވަނައިގަ އެވެ. އިނާންގެ ފަހަތުގައި އޮތީ ޗޮއްޕު އާއި ޝާނިފް އެވެ. ޗޮއްޕު އާއި ޝާނިފް އަށް ވެސް މިހާތަނަށް ލިބިފައި ވަނީ ދެ އެތުލީޓުން ވެސް ޗެމްޕިއަންކަން ހޯދި މުބާރާތުން ލިބުނު ޕޮއިންޓެވެ.

މި މުބާރާތަށް ފަހު ދެން ކުރިއަށް އޮންނާނީ ޖުލައި 8-17 އަށް ކ. ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕެވެ. އެއަށް ފަހު ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރަތް ކަމަށްވާ ރ. ކިނޮޅަހުގައި ބާއްވާ "ހުރާކޮޅު ރާޅުގަނޑު" މުބާރާތް އޮންނާނެ އެވެ.

ހުރާކޮޅު ރާޅުގަނޑު މުބާރާތް ޖުލައި 26-30 އަށް ކުރިއަށް ގެންދަން ނިންމިއަސް، މިހާރު ވަނީ މި މުބާރާތުގެ ތާރީހަށް ބަދަލު ގެނެސް ޖުލައި 28 އިން އޮގަސްޓް 1 އަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފަ އެވެ.