14 ޖޫން 2023 - 13:11

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހަލަބޮލިވި ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ފޯނު ކޯލެއް އައިސް، "އާދެ މަޖިލިސް މި ނިންމާލަނީ" ވިދާޅުވުމަށް ފަހު ޖަލްސާ ނިންމާލައްވައިފި އެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާ މައްސަލަ އެޖެންޑާ ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރުމުން މިއަދުގެ ޖަލްސާ ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.
ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.
"އާދެ... މި ނިންމާލަނީ. ނިންމާލަން މި އުޅެނީ." އެހެން ވިދާޅުވުމަށް ފަހު އަފީފު ފޯނު ބޭއްވެވި އެވެ.
ފޯނު ކުރީ ކާކު ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޖަލްސާ ހުއްޓާލަން އިރުޝާދު ދެއްވީ މި ވަގުތު ކުޅުދުއްފުށީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކުރެވެ އެވެ.
މަޖިލީހުގެ ތަޅުމުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ފޯނު ބޭއްވި ގޮތަށް އަފީފު ވިދާޅުވީ މަޖިލީހުގެ ނިޒާމް ގެއްލިފައިވާތީ ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.
އެއަށް ފަހު ދެން ޖަލްސާ އެއް އޮންނާނީ އަންނަ ހޯމަ ދުވަހުކަން އިއުލާން ކުރައްވައި އަފީފް ޖަލްސާ ނިންމާލި އެވެ.
މަޖިލީހުގައި މިއަދު އެންމެ ގަދައަށް އަޑުގަދަ ކޮށް އިހުތިޖާޖު ކޮށްފައި ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ އެމްޑީޕީ މެންބަރުންނެވެ. އަފީފް އަކީ ވެސް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.