14 ޖޫން 2023 - 22:47

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން އެކަން ދޮގުކޮށް، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހެޅުމަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.
ބޮންޑޭ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގައި އަދީބު އޭނާއާ ދެކޮޅަށް ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ. އޭގެ ސަބަބުން އޭނާގެ އަބުރަށް އުނިކަމެއް އައިސްފައިވާ ކަމަށް ބޮންޑޭގެ ސިޓީގައި ބުންޏެވެ.
"މި ވަގުތަކީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ވެސް ހުއްޓިފައިވާ ވަގުތެއް ކަމުގައި ވާތީ، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިދެއްވުމަށް އެދި ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.
ފުއްގިރީގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ބޮންޑޭގެ ނަން އެންމެ ފުރަތަމަ އައީ އެ މައްސަލާގައި ހެކިބަސް ދިން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުއާ ސުވާލުކުރުމަށް ދިން ފުރުސަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުންނެވެ. ފުއްގިރިއާ ބެހޭ ގޮތުން އިބްރާހިމް ރަޝީދު ކިޔާ މީހަކާ އެއްވެސް މުއާމަލާތެއް ކުރިތޯ ދިފާއުން ސުވާލުކުރި އެވެ. އެހެން ކިޔާ މީހަކާ މުއާމަލާތް ނުކުރާ ކަމަށް ޒިޔަތު ވިދާޅުވުމުން ދިފާއުން ވަނީ އެއީ މެމްބަރު ބޮންޑޭކަން ސާފުކޮށް ބުނެފަ އެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޒިޔަތާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވިދާޅުވީ ފުއްގިރި މުއާމަލާތުގައި އަހުމަދު ކްރިކް ރިޒާ ނޫން މީހަކާ މުއާމަލާތު ނުކުރާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ހަމަ އެ ސުވާލު ކުރިމަތިކުރައްވައިފަ އެވެ. އިބްރާހިމް ރަޝީދު ކިޔާ މީހަކާ ޒިޔަތާ މުއާމަލާތް ނުކުރި ނަމަވެސް އެމްއެމްޕީއާރްސީއާ މުއާމަލާތްކުރިތޯ ޔާމީން ސުވާލުކުރެއްވި އެވެ.
ޒިޔަތުގެ ފަހުން އަދީބު ދެއްވި ހެކިބަހުގައި ވިދާޅުވީ ފުއްގިރި އިންޑިއާގެ ބަޔަކަށް ދޭން ދެންނެވީ ޔާމީން ކަމަށެވެ. އަދީބު ވިދާޅުވި ގޮތުގައި އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ މީހުންނާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ.
ދިފާއުގެ ސުވާލުތަކުން މާނަކުރެވުނީ ފުއްގިރި ކުއްޔަށް ދިން ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ދިން ފައިސާތަކެއް ލިބުމުގައި ބޮންޑޭގެ ބައިވެރިވުން ނުވަތަ އެނގުން އޮވެގެން ކުރި ކަމެއްގެ ގޮތުގައި ބުނެދޭން މަސައްކަތްކުރި ކަމަށެވެ.