15 ޖޫން 2023 - 18:05

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒަށް މަގުމަތިން ފުރައްސާރަކުރި މައްސަލަ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ ކުށްވެރިކުރައްވައިފި އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ އިޔާޒު، މަޖީދީ މަގުން ސޯޝަލް ސެންޓަރު ކައިރިން ސައިކަލުގައި ދަނިކޮށް، ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ދިމާކޮށްލާ މަންޒަރެވެ. އިދިކޮޅުގެ ހަރަކާތެއްގެ ތެރެއިން އިޔާޒުއާ ދިމާކޮށްލާއިރު ސައިކަލުގެ ފަހަތުން އަޑުގަދަކުރަމުން އެމީހުންދާ މަންޒަރު ފެނެ އެވެ. އެއާ އެކު އިޔާޒު ވަނީ އައިޖީއެމްއެޗު މަގަށް އަނބުރާލައި އެތަނުން ވަޑައިގެންފަ އެވެ.
އިޔާޒަށް ދިމާކޮށްލުމަށް ފަހު، "ބިރުން ފިލީ" ކަމަށް ބުނެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރިއިރު އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ކަހަލަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެކަމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.
އިޔާޒަށް ފުރައްސާރަކުރި މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ޕީޕީއެމްގެ އަންހެން އެކްޓިވިސްޓުންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅުވައިގެން އިޔާޒް ކުރައްވާ ޓްވީޓުތަކަށް ބައެއް ފަހަރު ގިނަ ބަޔަކު ފާޑުކިޔަ އެވެ. މިއަހަރުގެ ކުރީކޮޅު އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް އަދާލަތު ޕާޓީގެ ފަރާތުން ފުލަހަށް ހުށަހަޅާފައިވެ އެވެ.