15 ޖޫން 2023 - 21:02

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުން އެ ކޮމިޝަނަށް ދިޔައިރު އެ ތަނަަށް ދިޔަ ޗެނަލް 13 ގެ ނޫސްވެރިއެއްގެ ފޯނު އަތުލައި، އޭނާއަށް ފުރައްސާރަކޮށް ބިރު ދެއްކި ކަމަށް ތުހުމަތުކޮށްފި އެވެ.
އެކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ އެ ސަރަހައްދުގައި ހިނގަމުންދިޔަ ކަންތައްތައް ކަވަރުކުރުމުގައި އުޅުނު އެ ޗެނަލްގެ ނިއުސް ހެޑް، މަރިޔަމް އިއްސާދާގެ ފޯނު އަތުލައި ބިރު ދެއްކީ ކޮމިޝަންގެ މެންބަރަކާ ގުޅުން އޮންނަ މީހެއް ކަމަށެވެ.
ބަޔާނުގައި ބުނީ އެ ސަރަހައްދުގައި ނޫސްވެރިޔާ ހުއްޓާ، އެ އިދާރާގެ މެމްބަރަކު ނިކުމެ އެ ސަރަަހައްދު ދޫކޮށް ދިއުމަށް އަންގައި އެކި ގޮތްގޮތަށް އިންޒާރުދީފައި ކަމަށެވެ. އޭގެ ފަހުން އެތަނަށް އެހެން މީހަކު ގޮސް، "ދަންނަ މީހެއްގެ ކޯލެއް ކަމަށް ބުނެ" ނޫސްވެރިޔާއާ ފޯނު ހަވާލުކުރި ކަމަށާއި އެ ވަގުތު ފޯނުން ވާހަކަ ދެއްކި މީހާ ވަނީ މީޑިއާ އެތަނުގައި ތިބުމުން އެޗްއާރުސީއެމްގެ މެމްބަރަށް ބިރުން ބޭރަށް ނިކުންނަން ނުކުރެވިފައި ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.
އެކަމަކު ފަހުން ސީދާ އިންޒާރު ދިނީ އެތަނަށް ފޯނު ހިފައިގެން ދިޔަ މީހާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މަރިޔަމް އިއްސާދާ އެ ސަރަހައްދުގައި އަދި އެ ސަރަހައްދުގެ މަންޒަރުތައް ކަވަރުކުރަމުންދާތީ އޭނާ ވަނީ އިއްސާދާއާ ކުރިމަތިލާ، އެ މަންޒަރުތައް ރިކޯޑުކުރަމުންދިޔަ ޗެނަލް13 ގެ ފޯނު ޖަހައިގެންފަ އެެވެ،" ބަޔާނުގައިވެ އެވެ.
އެ އަމަލު ހިންގާފައި ވަނީ އެޗްއާރުސީއެމްގެ މެމްބަރު އަންގައިގެން ކަމަށް ތުހުމަތުކޮށް ޗެނަލް13 އިން ވަނީ އެ އަމަލަކީ މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅަން ހިންގި ފިނޑިއަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބުންޏެެވެ.