16 ޖޫން 2023 - 14:06

ނޭޕްލްސް (ޖޫން 16) - ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކޯޗުކަމުން މިދިޔަ އޭޕްރީލް މަހު ވަކިކުރި ފްރާންސްގެ ރުޑީ ގާސިއާ، އިޓަލީގެ ޗެމްޕިއަން ނަޕޯލީ އާ ހަވާލު ވެއްޖެ އެވެ.
ނަޕޯލީ އަށް 33 އަހަރު ފަހުން އިޓާލިއަން ސެރީ އޭ ކާމިޔާބު ކޮށްދިނުމަށް ފަހު ކޯޗު ލޫސިއާނޯ ސްޕަލޭޓީ ވަނީ، އަރާމު ކުރަން ވަގުތު ހޯދަން ކަމަށް ބުނެ ޓީމު ދޫކޮށްލައިފަ އެވެ.
ސައުދީ ލީގުގެ އެއްވަނަ ނަސްރަށް ގެއްލި، ނަތީޖާ ގޯސް ވުމުގެ ސަބަބުން ގާސިއާ، 59، ކްލަބް ދޫކޮށްލީ ދެ ފަރާތް އެއްބަސް ވެގެންނެވެ. އޭނާ ވަކިވީ ނަސްރަށް 10 މަސްދުވަހު ކޯޗު ކޮށްދިނުމަށް ފަހު އެވެ.
ނަސްރަށް ކޯޗު ކޮށްދިނުމުގެ ކުރިން ގާސިއާ ވަނީ ފްރާންސްގެ ލިޔޯން އާއި މާސޭގެ އިތުރުން އިޓަލީގެ އޭއެސް ރޯމާ އަށް ވެސް ކޯޗު ކޮށްދީފަ އެވެ. އޭނާ ވަނީ 2017/2018 ސީޒަންގެ ޔޫރޮޕާ ލީގު ފައިނަލަށް މާސޭ ގެންގޮސްދީފަ އެވެ.
ކޯޗެއްގެ ގޮތުގައި ގާސިއާގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ ރޯމާ އަށް ކޯޗު ކޮށްދިނުމުގެ ކުރިން ފްރާންސްގެ ލިލް އާއެކު އެވެ. ލިލް އާއެކު ފަސް ސީޒަން ހޭދަކުރި އިރު އޭނާ ވަނީ 2010/2011 ސީޒަންގައި އެޓީމަށް ފްރެންޗް ލީގާއި ފްރެންޗް ކަޕް ކާމިޔާބު ކޮށްދީފަ އެވެ.