17 ޖޫން 2023 - 13:18

ލެސްޓާ (ޖޫން 17) - މިދިޔަ ސީޒަނުގައި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި މެންޗެސްޓާ ސިޓީ އިން ތާރީހީ ތިން ތަށި ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗު އެންޒޯ މަރެސްކާ، ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.
އިޓަލީގެ މަރެސްކާ، 43، ލެސްޓާގެ ކޯޗުކަމާ ހަވާލުވީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވުމުން ލެސްޓާ އަންނަ ސީޒަނުގައި ކުޅޭނީ އިނގިރޭސި ދެ ވަނަ ޑިވިޝަން ކަމަށްވާ ޗެމްޕިއަންޝިޕްގަ އެވެ.
ރެލިގޭޓް ވީއިރު ލެސްޓާގެ ކޯޗަކަށް ހުރީ ޑީން ސުމިތެވެ. އޭނާ ކޯޗުކަމާ ހަވާލުވެ ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމު މޮޅުވީ ދެ މެޗުންނެވެ. ސުމިތު ލެސްޓާއާ އެކު ހަދައިފައިވާ އެއްބަސްވުން މި މަސް ނިމުމުން ހަމަވާނެ އެވެ. ލެސްޓާ އިން ބުނީ ސުމިތާ އެކު ހަދައިފައިވާ އެއްބަސްވުން އާ ނުކުރާނެ ކަމަށެވެ.
"ލެސްޓާއާ އެކު އަހަރެންނަށް އޮތީ ބޮޑު ސީޒަނެއް. ބޭނުމަކީ ކޮންމެ ދުވަހަކު ލެސްޓާ އަށް ކުރިއެރުން ގެނެސް މޮޅު ފުޓްބޯޅައެއް ކުޅުން. ރަނގަޅު ފިލޯސޮފީއަކާ އެކު މެޗުތަކުން މޮޅުވާން މަސައްކަތް ކުރާނަން" ލެސްޓާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މަރެސްކާ ބުންޏެވެ.
ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުކަމުގައި މަރެސްކާ މަސައްކަތްކުރީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. އޭގެކުރިން އޭނާ ވަނީ ސިޓީގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދީފަ އެވެ.
ސިޓީގައި ހޭދަކުރި އަހަރެއްހާ ދުވަހަކީ މަރެސްކާ އަށް ކާމިޔާބު ދުވަސްތަކެކެވެ. މިދިޔަ ސީޒަނުގައި ސިޓީ އިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕް އަދި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ.
ކުރިން އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ ސެވިއްޔާ އަށް ކުޅުނު މަރެސްކާ ވަނީ 2021 ވަނަ އަހަރު ޕާމާގެ ކޯޗުކަން ކޮށްފަ އެވެ. އެކަމަކު އެޓީމުގެ ނަތީޖާތައް ދަށްވެ 180 ދުވަސްތެރޭ މަގާމް ގެއްލުނެވެ. މަރެސްކާގެ ކޯޗުކަމުގައި ޕާމާ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ ހަތަރު މެޗުންނެވެ.