19 ޖޫން 2023 - 11:29

ދިވެހިންގެ މެދުގައި މަގުބޫލު "އުޖާލާ ފައިނޭންސިން" ފެސިލިޓީގެ ލިމިޓް އިތުރު ކޮށްފި އެވެ.
ކޮންޒިއުމާ ގުޑްސްއަށް އެމްއައިބީން ފައިނޭންސްކޮށް، ކަސްޓަމަރުންނަށް އިންސްޓޯލްމަންޓުގެ ގޮތުގައި އެ ފައިސާ އެމްއައިބީއަށް ދެއްކުމުގެ ފުރުސަތުދޭ އެ ފެސިލިޓީއަށް މީގެ ކުރިން މުދާ ނެގޭ ލިމިޓަކީ 25،000ރ.- 400،000ރ. އާ ދެމެދުގެ އަދަދެކެވެ. އަދި އެ ފެސިލިޓީ މެދުވެރިކޮށް ގަންނަ ތަކެތީގެ ފައިސާ އަނބުރާ ދައްކަން ލިބޭ އެންމެ ދިގު މުއްދަތަކީ ހަތަރު އަހަރެވެ.
މި ފެސިލިޓީގެ ލިމިޓަށް ގެނައި ބަދަލުގެ ދަށުން 25،000ރ-700،000ރ. ދެމެދުގެ އަދަދަކަށް ކަސްޓަމަރުންނަށް "އުޖާލާ ފައިނޭންސިން" މެދުވެރިކޮށް މުދާ ގަނެވޭނެ އެވެ. އަދި އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު ގިނަވެގެން ފަސް އަހަރު ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.
އަލަށް ގެނައި ބަދަލުގެ ސަބަބުން 34،000ރ.ގެ އާމްދަނީ ލިބޭ ކަސްޓަމަރުންނަށް ހަތް ލައްކައާ ހަމައަށް މުދާ ނެގޭނެ އެވެ. އަދި މި ފެސިލިޓީ ހޯދުމަށް މިހާރު ގެރެންޓާއެއް ބޭނުން ނުވާނެ ކަމަށް ވެސް އެ ބެންކުން ބުނެ އެވެ.
އެމްއައިބީއިން ބުނި ގޮތުގައި މި ފެސިލިޓީއަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ރިކުއެސްޓާއި ފެސިލިޓީއަށް އޮތް ޑިމާންޑު އިތުރުވަމުން ދިއުމުންނެވެ.
އެމްއައިބީން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ބެންކުގެ ހިދުމަތްތައް ފުރިހަމަކޮށް، ފުޅާކުރަން ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.