21 ޖޫން 2023 - 09:59

"އަޅުގަނޑު މިހާރު މިހިރީ އައިޖީއެމްއެޗުގެ ދޮރުމަތީގަ." އޭނަ ބުންޏެވެ.
"ކިހިނެއްތޯވީ؟" ފައިސަލް ސުވާލުކުރި އެވެ. "ވީ ކިހިނެއްތޯ؟"
ވީ ގޮތް ފޯނުން ނުބުނަން އޭނަ އުޅުނުހެން ފައިސަލަށް ހީވި އެވެ. އެއްޗެއް ނުބުނެ ކުޑަކޮށް މަޑުޖެހުމުންނެވެ.
"... މިކޮޅަށް ދުރުވޭ!" އޭނަ އެދުނެވެ. "އަޅުގަނޑު މިހިރީ އިމަޖެންސީ ބައިގެ ދޮރުމަތީގަ."
"ވަރަށް އިމަޖެންސީކަމެއް ޖެހިގެން ދާންޖެހިއްޖެ!" އެހެން ބުނި އިރު ފައިސަލު ތެދުވެގެން ހިނގައިގެންފިއެވެ.
ވީ ކީއްކަން ނޭނގޭތީ ރިންދާ އަށް އެ ކަން މާނަކުރެވުނީ ނައްސިކޮށެވެ. ވަރަށް ހިތްހަމަނުޖެހުނެވެ. ރިންދާއަކީ މީހަކު ދިން ދައުވަތަކަށް އައި މީހެކެވެ. އެ މީހާ ކުއްލިއަކަށް އެ ގޮތަށް ދިޔުމުން ދޭހަކޮށްދެނީ ކޯޗެއް ހެއްޔެވެ؟ ހިތާހިތުން ރިންދާ ބުނެލި އެވެ. ރިންދާއަކީ އެއްވެސް މީހެއް ނޫނެވެ. ރިންދާގެ ވަގުތަކީ ވެސް ފައިސަލަށް މުހިންމު އެއްޗެއް ނޫނެވެ. ބިލަށް އެރީ ފަސްދޮޅަހަކަށް ރުފިޔާއެވެ. އަދަދަށް ބަލައިފި ނަމަ، އެއްވެސް އެއްޗެއް ނޫނެވެ. އެ ވެސް ރިންދާ މާނަކުރީ އެހެން ގޮތަކަށެވެ. ފައިސަލް ދިޔައީ ބިލު ވެސް ނުދައްކައެވެ.
ހޮސްޕިޓަލުގެ ދޮރުމަތިން ޓީޗަރު ބައްދަލުކުރިއެވެ. ވީ ގޮތް ކިޔައިދިނެވެ.
"ހަމަ ހުރެފަ ވެއްޓުނީ،" ޓީޗަރު ބުންޏެވެ. "ދީފައި އޮތް ޕޭރަންޓް ނަންބަރަކުން ނުއެއް ގުޅުނު. އޮފްކޮށްފައި އޮންނަނީ. އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެނެއްސަ، ފައިސަލް ނަންބަރު ހޯދައިގެން މި ގުޅީ."
ދެ މީހުން އެކުގައި އެތެރެއަށް ހިނގައިގަތެވެ.
"ދެން ގުޅުއްވާނީ އަޅުގަނޑަށް،" ފައިސަލް އެދުނެވެ. "ޒިޔާނަށް ކިހިނެއްތޯވީ؟"
"ޑޮކްޓަރު ބުނަނީ ހޭނެތުނީއޭ،" ޓީޗަރު ތަފުސީލުކޮށްދިނެވެ. "ގެނައި މަގުމަތީގަ އަޅުގަނޑު އިނިން ޒިޔާން ކައިރީގަ. އޭނަ ލޯހުޅުވި. ވާހަކައެއްނުދައްކާ! އަޅުގަނޑާ ދިމާލަކަށް ނުވެސް ބަލާ! މައްޗަށް ބަލަހައްޓައިގެންއޮންނަނީ. އެހެން އޮވެފަ، މީހަކު ހިނގައިފަ ދިޔައިމަ އެ މީހާއަށް ބަލާހެން މަޑުމަޑުން ބޯއަނބުރާ! އަޅުގަނޑަށް އެނގޭ އަޅުގަނޑު މިހެން ބުނާ އިރު ވެސް ގަބޫލުކުރަން އުނދަގޫވާނެކަން އެކަމަކު ޒިޔާން މައްޗަށް އިޝާރާތް ވެސް ކުރި. ހަމަ އިނގިލި ދިއްކޮށްފަ އިޝާރާތްކުރީ. ދެން އަނެއްކާ ވެސް މަޑުމަޑުން ލޯމަރައިލީ!"
ޓީޗަރު ވާހަކަދައްކަނިކޮށް ފޯނެއްއައެވެ. ޒިޔާން ހޭއެރި ވާހަކަ ބުންޏެވެ. ދެމީހުން އެކުގައި ޒިޔާން ކައިރިއަށް ދިޔައެވެ. ޒިޔާން އޮތީ ލޯހުޅުވައިގެންނެވެ. ކަމެއްވީހެން ވެސް ހީނުވެއެވެ. ފައިސަލްއާ ވާހަކަދެއްކި އިރު އަޑުގައި ވެސް ހާސްކަމެއް ނެތެވެ. ޒިޔާން އުޅުނީ ޒިޔާން ހޮސްޕިޓަލަށް ގެނައި ސަބަބެއް ނޭނގިގެންނެވެ. އަނެއްކޮޅުން ޒިޔާނަށް ވީ ކިހިނެއްކަމެއް ޑަކުޓަރަކަށް ވެސް ނޭނގުނެވެ. ޒިޔާނަކީ ހެނދުނު ވަރަށް ރަނގަަޅަށް ނާސްތާކޮށްގެން އަންނަ ކުއްޖެކެވެ. ހޭނެތެންޖެހޭ ސަބަބެއް ނެތެވެ.
"ރެސްޓުކޮށްލާ!" ޑަކުޓަރު ބުންޏެވެ. "އެބަ އަންނަން ޑެޑީޔާ ވާހަކަދައްކާލައިފަ."
ޑަކުޓަރާ ވަކީން ދެކެވުނު ވާހަކަތަކުގައި، ޒިޔާން އެއްވެސް ކަމަކާ މާ ބޮޑަށް ފިކުރުކޮށް، ކަންބޮޑުވޭތޯ ޑަކުޓަރު އެހިއެވެ.
"މަންމަޔާ ދޭތެރޭ އޭނަ ވަރަށް ވިސްނާ،" ފައިސަލް ޖަވާބުދިނެވެ. "އަބަދު އެ ވާހަކަދައްކާ! ހެނދުނެއް، މެންދުރެއް، ދަންވަރެއް ނޯވޭ! ވަރަށް އެޓޭޗްވެފަ ހުއްޓާ އާމިރާ ރުޅިއައިސްގެން އިންޑިޔާއަށް ދިޔައީ. ދިޔަ ގޮތަށް ގުޅާ ވެސް ނުލާ! އެ ކަމާ ޒިޔާން ވަރަށް ދެރަވެފަ ހުންނަނީ."
"ދަރިފުޅު އެބަޖެހޭ ސައިކިއެޓްރިސްޓަކަށް ދައްކާލަން،" ޑަކުޓަރު ލަފާދިނެވެ. "ކުޑަކުދީންނަކަށް ނޭނގޭނެ ސްޓްރެސްއާ ޑީލްކުރާކަށް."
ފައިސަލަށް ވެސް އެ ކަން ގަބޫލުކުރެވެއެވެ. މައްސަލައަކީ، ފައިސަލް އަތުގައި އޭގެ ހައްލު ނެތުމެވެ. އެ ވަގުތު ރިންދާގެ ފޯނެއްއައެވެ. ފައިސަލް އެ ފޯނެއް ނުނަގައެވެ.
"މައިންބަފައިންގެ މައްސަލަތަކަކީ ދަގަތްފާނުގަނޑެއް ކަހަލަ އެއްޗެއް،" ޑަކުޓަރު ބުންޏެވެ. "ނޭނގިހުއްޓާ ކުދީން އޭގެ ތަތްލާނެ."
ފައިސަލަށް ގަބޫލުކުރެވުނީ މައްސަލައަކީ ފައިސަލްކަމުގައެވެ. އާމިރާއަށް ވަގުތުދެވުނު ނަމަ، އާމިރާ ގޭގައިހުރި ނަމަ، އެއިން އެއްވެސް ކަމެއް ނުވީހެވެ. އެހެން ހިތަށްއެރުމާއެކު އެހެން އެއްޗެއް ވެސް ހިތަށްއެރިއެވެ. އާމިރާ ސާބިތުކޮށްދޭން އެ އުޅެނީ އެ ކަމެވެ. އާމިރާ ދިޔުމުން ހުރިހައިކަމެއް ބޮއްސުންލާނެކަމެވެ. އެހެން ވިޔަކަ ނުދޭނަމެވެ.
ޒިޔާން ގޮވައިގެން ފައިސަލް ގެއަށް އައެވެ. އެ ދުވަހު ދެން އޮފީހަށް ނުވަތަ ފިހާރަޔަށް ދިޔުމުގެ ފިކުރެއް ފައިސަލްގެ ނެތެވެ.
"އަސްލު ޒިޔާނަށް ކިހިނެއްތަވީ ޑެޑީ؟" ޒިޔާން އެހިއެވެ.
"ޒިޔާނަށް މަންމަ މިސްވަނީ،" ފައިސަލް ބުންޏެވެ. "ޑަކުޓަރު ވެސް ބުނީ އެހެން."
"މަންމަ ގާތުގަ މި ވާހަކަ ބުނާނަންތަ؟" ޒިޔާން ސުވާލުކުރިއެވެ.
"ބުނަންވީތަ؟" ފައިސަލް ވެސް ސުވާލެއްކުރިއެވެ.
އެ ވަގުތު ވެސް ރިންދާގެ ފޯނެއްއައެވެ. ފައިސަލް އެ ފަހަރު ވެސް ފޯނެއްނުގައެވެ. އެއީ ކީއްވެކަމެއް ރިންދާއަކަށް ނުވިސްނުނެވެ. އެކަމަކު ދެން އިސްވެ ނުގުޅަން ރިންދާ ނިންމިއެވެ.
"ދަރިފުޅު ކޯޗެއް ކާނީ؟" ޒިޔާންގެ ކޮޓަރިއަށް ވަދެފައި ފައިސަލް އެހިއެވެ. "އެއްޗެއް ގެންނަމާ ހިނގާ! ހައު އެބައުޓް ސީފުޑް؟"
"ނޫން! މޫޑެއް ނެތް!" އެނދުގައި އިށީނދެފައި ޗޮކުލެޓު ނަގަމުން ޒިޔާން ބުންޏެވެ. "ފޮނިއެއްޗެއް ކާހިތްވަނީ."
ޒިޔާން ޗޮކުލެޓުގެ ކަރުދާސްގަނޑު ނިއުޅުވައިލިއެވެ. އެތެރޭގައި އޮތްކަރުދާސްގަނޑުން ތަންކޮޅެއް ނައްޓައިލިއެވެ. ފައިސަލް ހިތަށްއެރިއެވެ. އެ ޗޮކުލެޓު ކެއި ވާހަކަ ޒިޔާން ބުންޏެވެ. ނުކަނޑައި ކެއީ ކިހިނެއް ހެއްޔެވެ؟
"އަދި ކިރިޔާއެއްނު ތި ކެނޑީ،" ފައިސަލް ބުންޏެވެ. "އެކަމަކު ކުރީ ރޭ ބުނީމެއްނު ކެއީމޭ!"
"ޑެޑީ!" ފައިސަލަށް ވިސްނައިދޭ ކަހަލަ ރާގެއްގައި ޒިޔާން ބުންޏެވެ. "އެއީ މި ޗޮކުލެޓެއް ނޫނޭ! އެއްކަލަ ރޭ ޑެޑީ އައީމެއްނު ފްރޮގަކަށް..."
އެ ވަގުތު ފައިސަލުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެ ފަހަރު ގުޅީ ސީމާއެވެ. ފައިސަލް ފޯނުނެގިއެވެ.
"ކޮބާ ކިހިނެއް ހާލު؟" ފައިސަލް ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. "ދިޔަ ގޮތަށް ޚަބަރެއް ވެސް ނުވޭ! ފޯނެއް ނުނަގާ! މެސެޖަކަށް ޖަވާބެއް ނުދޭ! ހުރިހާ ކަމެއް އޯކޭތަ؟"
ފައިސަލް ކުރި އެއްވެސް ސުވާލަކަށް ސީމާ ޖަވާބެއް ނުދެއެވެ. ދެއްކި ވާހަކަތައް އަޑުއެހިހެނެއް ވެސް ހިޔެއްނުވެއެވެ.
"ޒިޔާން ހަނދާންވެގެން މި ގުޅާލީ،" ސީމާ ބުންޏެވެ. "އޭނަ ކިހިނެއްތަ؟"
ފައިސަލް ވަގުތުން ޒިޔާނަށް ފޯނު ދިނެވެ. ވާހަކަދެއްކުމަށް އެދުނެވެ. ޒިޔާން އަވަހަށް ފޯނުގައިހިފީ އާމިރާގެ ފޯނެއްކަމަށް ހީކޮށެވެ. ޒިޔާނަށް ބޮޑަށް އޮޅުނީ ފައިސަލް ކުރި ސުވާލުތަކުގެ ސަބަބުންނެވެ.
"މަންމާ؟" ޒިޔާނަށް ބުނެވުނެވެ.
"ސީމާ!" މަޑުމަޑުން ފައިސަލް ބުންޏެވެ.
ސީމާއާއި ފައިސަލް އިރުކޮޅެއްވަންދެން ވާހަކަދެއްކިއެވެ. ވަކި ހާއްސަ ވާހަކައެއް ސީމާ ނުދައްކައެވެ.
"ހެޔޮހޯ ޒިޔާންއާ މީޓުކޮށްލަން އަޔަސް؟" ޒިޔާން އެހިއެވެ.
އެ ހުއްދަ ދޭކަށް ފައިސަލް ބޭނުމެއް ނޫނެވެ. އެހެނަސް، ހުއްދަ ނުދީފިއްޔާ ދެން ވާނީ ކިހިނެއްބާއޭ ފައިސަލް ހިތަށްއެރިއެވެ. ފައިސަލަކީ އަބަދު ގޭގައި އުޅޭ މީހެއް ނޫނެވެ. ކަމެއްކުރަން އުޅޭ ނަމަ ސީމާ ކޮންމެހެން ގެއަށް އަންނާކަށް ވެސް ނުޖެހޭނެއެވެ. ރަނގަޅު ގޮތެއްކަމަށް ފައިސަލަށް ވިސްނުނީ، ދެކޮޅުވެރިކަމެއް ނުބޭއްވުމެވެ. ފައިސަލްގެ ހިތްހެޔޮކަން ސީމާއަށް ދެއްކުމެވެ.
"ބުނޭ އޯކޭއޭ!" ހިތާ ދެކޮޅަށް ފައިސަލް ބުންޏެވެ.
ފައިސަލް ހުއްދަދިން ވާހަކަ ބުނުމުން ސީމާ ކުޑަކޮށް ހައިރާންވިއެވެ. ސީމާ ނަމަ، ޔަގީނުން ވެސް ހުއްދައެއް ނުދޭނަމޭ ހިތަށްއެރިއެވެ. އިރުކޮޅަކު ވާހަކަދައްކައިލާފައި ފޯނު ބޭއްވުމުން ސީމާ ކައިރީގައި އިން ދައްތަ، އަތުގެ އިޝާރާތުން ކިހިނެއްހޭ އެހިއެވެ.
"ޒިޔާނާ މި ވާހަކަދެއްކީ!" ސީމާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އޭނަ އޯކޭ! ޗޮކުލެޓު ކާށޯ މީނީ."
"އޯކޭއެއް ނުވާނެ!" ޔަގީންކަމާ އެކުގައި ދައްތަ ބުންޏެވެ. "އޭނަ ލައްވާ ބުނުވާނީ ސީމާ ގެންނާށޭ! ކޮން ކަހަލަ ޗޮކުލެޓެއް އޭނައަށް އެންމެ މީރީ؟ ގަނެގެން އާދޭ! ބޮޑުވި ވަރެއް ރަނގަޅީ."
ރިންދާ ވަރަށް ފަރުވާތެރިކަމާއެކު ބިއްލޫރި ޖަގެއް ނެގިއެވެ. އެ ސައިޒުގެ ޖަގެއް ހޯދަން ރިންދާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސަތޫ އެނބުރުނީ ތެލިތައް ކައިރީގައެވެ.
"ރީތި ތެލިތައް ހުސްވެފައެއްނު މިހިރީ!" ސަތޫ ބުނި އަޑުއިވުނެވެ. "އޭ! އަހަރެން އެބަ ހިތަށްއަރާ ކަރަންޓުން ކައްކަން. އޭރުން ކައްކާ އިރު ވެސް ފަންކާޖެހޭނެއްނު!"
"އާނ! ބޮޑުސިންގާ ބިލެއްއައިމަ ލާރި ވެސް ދައްކަންޖެހޭނެ!" ރިންދާ ޖަވާބުދިނެވެ. "މި ޖަގު ލޯބިތަ؟"
އެ ވަގުތު ރިންދާއަށް ފޯނެއްއައެވެ. ޖަގު ބަހައްޓައިފައި ރިންދާ ފޯނަށް ބަލައިލިއެވެ. ގާތުގައި ސަތޫ ހުއްޓެވެ. ފޯނަށް އަރާފައި އޮތީ ފައިސަލްއެވެ. ރިންދާ އެ ފޯނެއް ނުނަގައެވެ. ސަތޫ އެއްފަހަރު ފޯނަށް، އަނެއް ފަހަރު ރިންދާގެ މޫނަށް ބަލަބަލާހުއްޓެވެ. އެންމެ ފަހުން ފޯނުކެނޑުނީއެވެ. އަނެއްކާ ފައިސަލް ގުޅިއެވެ. ރަނގަބީލުވޭވޭ ހުއްޓައި ރިންދާ ފޯނު ދަބަހަށްލިއެވެ.
"އެއްކަލަ ރިންދާ!" ސަތޫ ބުނެލިއެވެ.
"ޖެހޭނެ ކުޑަކޮށް ތަޅުވާލަން،" ރިންދާ ބުންޏެވެ. "އެއްޗެއް ޗީޕްވާ ވަރަކަށް އޭތި ކަޑަ ވެސް ވާނެ. އަހަރެން އެހާ ޗީޕެއްނުވާނެ."
ފޯނުގެ އަޑު ކެނޑިފައި އިރުކޮޅަކުން އިވުނީ މެސެޖެއްއައި އަޑެވެ. އެއީ ކޮން މެސެޖެއްކަން ރިންދާއަށް އެނގެއެވެ. ފޯނު ބަލައިލި އިރު ފައިސަލް މާފަށްއެދިފައި އޮތެވެ. ރިންދާގެ ފޯނު ނުނެގުނީތީއެވެ. ބިލު ނުދައްކާ ދެވުނީތީއެވެ. ބައްދަލުވެގެން ތަފުސީލު ކިޔައިދޭން ފުރުސަތަކަށް އެދިފައި އޮތެވެ. ރިންދާ ގަޑިއެއް ދިނީ ދެގަޑި އިރު ފަހުންނެވެ.
ރޭގަނޑުގެ ވަގުތެވެ. ކާނިވާ ސަރަހައްދުގައި ހުރި ހިތްގައިމު ރެސްޓޯރަންޓެކެވެ. ރިންދާއާއި ފައިސަލް ތިބީ، ކައިރިން މޫދު ފެންނަ ގޮނޑިއެއްގައެވެ. ބިންދާލާ ރާޅުގެ އަސަރު، ބައެއް ފަހަރު، ކޮންމެވެސް ވަރަކަށް ކުރާ ހިސާބުގައެވެ. ވީ ގޮތް ފައިސަލް ކިޔައިދިނެވެ. ރިންދާ ހަމުދަރުދީވިއެވެ. ސީމާ އައިސް ޒިޔާންގެ އެޕާޓުމަންޓުގެ ރަނގަބީލުޖެހީ އެ ވަގުތުއެވެ. ކުރިން ބުނެފައި އޮތުމުން، ޒިޔާން ދުވެފައި އައިސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ސީމާއަށް، ސޯފާގައި އިން ހަމްޝާ ފެނުނެވެ. ހަޝްމާ ހިިނިތުންވިޔަސް ސީމާއަކަށް ނުވެވުނެވެ. ސީމާގެ ދެކޭ ގޮތުގައި އެ ތަނާއި ފައިސަލްގެ ހިތަކީ ވެސް ސީމާގެ ހައްގެކެވެ. އެހެނަސް، ފަރުދާ ބިއްދޮށުގައި ކުޅިބައި އެތުރެމުންދިޔައީ އެހެން ގޮތަކަށެވެ.
"ފައިސަލްގެ ލައިފް އަހަންނަށް އަންޑަސްޓޭންޑުވޭ! ވަރަށް ބޮޑު ކަންތައްގަނޑެއްގެ ތެރޭގަ ފައިސަލް ތި އުޅެނީ،" ރިންދާ ބުންޏެވެ. "އެކަމަކު މިރޭ އަހަރެން އެބަ ޖެހޭ ސުވާލެއްކުރަން. އެއްވެސް ވަރަކަށް އަހަރެން ދެކެ ލޯބިވޭތަ؟"---- (ނުނިމޭ)