ދެ މެޗުން ޕާކިސްތާނު ކޮޅަށް އަށް ލަނޑު، ސެމީގެ ޖާގަ ކުވެއިތަށް ގާތްގަނޑަކަށް ޔަގީން
ދެ މެޗުން ޕާކިސްތާނު ކޮޅަށް އަށް ލަނޑު، ސެމީގެ ޖާގަ ކުވެއިތަށް ގާތްގަނޑަކަށް ޔަގީން

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގައި ފަސޭހަ ކަމާއެކު 4-0 އިން ޕާކިސްތާން ބަލިކޮށް ކުވެއިތުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ޔަގީން ކޮށްފި އެވެ.

ކުވެއިތަކީ މިއަހަރުގެ މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އެޓީމުން ވަނީ ގުރޫޕް އޭގެ ފުރަތަމަ މެޗުގައި 3-1 އިން ނޭޕާލް ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި އެޓީމަށް ބާކީ އޮތީ އިންޑިއާއާ ދެކޮޅާށް ކުޅޭ މެޗެވެ.

މުބާރާތް ފެށި ދުވަހުގެ މެންދުރު ފަހު އިންޑިއާ އަށް އާދެވުނު ޕާކިސްތާން ވަނީ އެ ދުވަހު، އެޓީމުގެ ފުރަތަމަ މެޗުގައި 4-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ.

ބެންގަލޫރުގެ ސްރީ ކަންތީވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޕާކިސްތާނުގެެ ގޯލު ބެލެހެއްޓީ ޔޫސުފް ބަޓް އެވެ. ފުރަތަމަ މެޗުގައި ގޯލު ބެލެހެއްޓި ސާގިބް ހަނީފް މިއަދު އިނީ ބެންޗުގަ އެވެ.

ކުވެއިތުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. މެޗުގެ 10 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ޕާކިސްތާން ޑިފެންޑަރުންނަށް ކްލިއާ ކޮށް ނުލެވި އުޅެނިކޮށް ކާމިޔާބު ކޮށްދިނީ ފާ ޕޯސްޓުގައި ހުސްކޮށް ހުރި ޑިފެންޑަރު ހަސަން އަލަނޭޒީ އެވެ. އޭގެ ހަތް މިނިޓު ފަހުން އީދު އައްރަޝީދީ ދިން ޕާހަކުން ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ މޮބާރަކް އަލްފަނީނީ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކުވެއިތުން ތިންވަނަ ގޯލެއް ޖެހީ ޕާކިސްތާނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޑިފެންޑަރެއް އަތުން ބޯޅަ ހޯދައިގެން ކުވެއިތުގެ އައްރަޝީދީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯލަ ކީޕަރު ދިފާއު ކުރި ނަމަވެސް ރީބައުންސްވި ބޯޅަ ކީޕަރު ބޯ މަތިން ގޯލަށް ފޮނުވާލީ އަލްފަނީނީ އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި އައްރަޝީދީ ވެސް ގޯލެއް ޖެހި އެވެ. ނަމަވެސް އޭނާ އޮފްސައިޑް ވުމުން ގޯލު ބަލައެއް ނުގަނެ އެވެ. އެޓީމުގެ ހަތަރުވަނަ ގޯލު 69 ވަނަ މިނިޓުގައި ޖަހައިދިނީ އައްރަޝީދީ އެވެ.

ޕާކިސްތާނުން ވަނީ ދެވަނަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެޓީމުގެ މުހައްމަދު ރަޝީދު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު ބަދަލު ކުޅުންތެރިޔާ މުހައްމަދު ވަލީދު ހާން ފޮނުވާލި ބޯޅައެއް ކުވެއިތުގެ ކީޕަރު ބަދުރު ޝާނޫން ވަނީ ދިފާއު ކޮށްފަ އެވެ. އަދި އޯޓިސް ހާން ނަގައިދިން ކޯނަރަކުން ސުލްތާން އަލެނޭޒީ ބޮލުން ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ޝާނޫން ދިފާއު ކުރި އެވެ.

މެޗުގެ ފަހު ވަގުތު ކުވެއިތުގެ ހަސަން ނަވީދު ބަޝީރު ފޮނުވާޅި ނުރައްކާތެރި ހަމަލާއެއް ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަޓް ވަނީ ދިފާއު ކޮށްފަ އެވެ.

މި ގުރޫޕުގައި ހިމެނޭ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ. އެ މެޗު އިންޑިއާ ކާމިޔާބު ކޮށްގެން، އިންޑިއާ އާއި ކުވެއިތަށް ވެސް ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ވާނެ އެވެ.