29 ޖޫން 2023 - 09:57

ޔޫރަޕްގެ ކްލަބްތަކަށް ކުޅުންތެރިން ގަތުމުގައި ޓްރާންސްފާ ފީ ދެއްކުގެ މުއްދަތަކީ، ކުޅުންތެރިޔާގެ ފުރަތަމަ ކޮންޓްރެކްޓުގެ ގިނަވެގެން ފަސް އަހަރު ދުވަސް ކަމަށް ޔޫއެފާ އިން ކަނޑައަޅައިފި އެވެ.
މިއީ ޗެލްސީ އިން ދިގު މުއްދަތަކަށް ކުޅުންތެރިން ގަންނަން ހަރަދު ކުރަމުން ގެންދާ އުސޫލާ ގުޅިގެން، ޔޫއެފާގެ ފައިނޭންޝަލް ޕެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދަށް ބަދަލު ގެންނަން އެ އެސޯސިއޭޝަނުން މިއަހަރުގެ ކުރީކޮޅު ނިންމި ނިންމުމެކެވެ. އުސޫލަށް އަމަލު ކުތަން ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައި 1 ގައި ފެށޭ މިއަހަރުގެ ހޫނު މޫސުމުގެ ޓްރާސްފާ ބާޒާރުންނެވެ.
ނިމިދިޔަ ޖެނުއަރީ މަހު ޗެލްސީ އިން ވަނީ ބޮޑު އަގުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އާއި ޔޫކްރޭންގެ މިކައިލޯ މުޑްރިކް، އަށް އަހަރާ ބައިގެ މުއްދަތަކަށް ސޮއި ކުރުވައިފަ އެވެ. ކުރިން ނިމިފައިވާ ޓްރާންސްފާ ތަކުން މި އާ އުސޫލަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ.
ކުރިން ނަމަ ކޮންޓްރެކްޓް ދިގުވި ވަރަކަށް، ކްލަބްތަކުން އަހަރަކަށް ދައްކަން ޖެހޭ ފީ ކުޑަވެގެން ދެއެވެ. އެންމެ ފަހުން ޗެލްސީ އިން ޔުކްރޭނުގެ ވިންގާ މިކައިލޯ މުޑްރިކް ގެނައީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) ގެ އަގަކަށެވެ. އަށް އަހަރާ ބައިގެ ކޮންޓްރެކްޓާ އެކު އޭނާގެ ޓްރާންސްފާ ފީ ރެކޯޑް ކުރެވޭނީ އަހަރަކު ގާތްގަނޑަކަށް 12 މިލިއަން ޑޮލަރުގެ ރޭޓުންނެވެ.
އެ ގައުމެއްގެ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަންގެ ގަވާއިދުގެ ދަށުން ކުޅުންތެރިއެއްގެ ފުރަތަމަ ކޮންތްރެކްތުގެ މުއްދަތު ފަސް އަހަރަށް ވުރެ ދިގު ކުރެވިދާނެ އެވެ، ނަމަވެސް ފުރަތަމަ ފަސް އަހަރުގެ ތެރޭ ޓްރާންސްފާ ފީ ދައްކައި ހަލާސް ކުރަން މަޖުބޫރު ވާނެ އެވެ. މީގެ އިތުރުން ކޮންތްރެކްޓުގެ މުއްދަތު އިތުރު ކުރެނޭނީ ވެސް ފަހަރަކު އެންމެ ގިނަވެގެން ފަސް އަހަރުގެ މުއްދަތަކަށެވެ.
ޔޫއެފާއިން ބުނީ އާ ގަވާއިދުގެ ސަބަބުން، ހުރިހާ ކްލަބުތަކާ މެދު ހަމަހަމަ ގޮތެއްގައި އަމަލު ކުރެވި، މާލީ ގޮތުން ކްލަބްތައް ބަލިކަށިވުމުން ސަލާމަތް ކޮށްދޭނެ ކަމަށެވެ.