29 ޖެނުއަރީ 2017 - 20:59

ތ. އަތޮޅުގެ ފަސް ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ރާވާފައިވާ ގޮތެއް ސާފުކޮށް ދިނުމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ތޯރިގަށް މިމަހުގެ 16 ވަނަ ދުވަހު ރިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ ތ. ކިނބިދޫ އާއި އޮމަދޫ އާއި ހިރިލަންދޫގެ އިތުރުން ކަނޑޫދޫ އަދި ވަންދޫއަކީ ނަރުދަމާ އާއި ސާފުކޮށް ބޯފެން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ ފަސް ރަށް ކަމަށާއި ނަރުދަމާ އާއި ސާފު ބޯފެނުގެ ނިޒާމެއް އެ ރަށްރަށުގައި ނެތް ކަމަށެވެ.
ސާފު ފެނާއި ނަރުދަމާ އެކަށީގެންވާ މިންވަރަކަށް ފޯރުކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވާތީ އެ ފަސް ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ރާވާފައިވާ ގޮތް ސާފުކޮށްދެއްވުމަށް އެ ސިޓީގައި ރިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.
ތ. ވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތާ ބެހޭގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި މިނިސްޓަރު ތޯރިގު މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މިދިޔަ އަހަރުގެ ކުރީކޮޅު ރިޔާޒް މަޖިލީހަށް ހުށަހެޅުއްވި އެވެ. އެކަމަކު މިދިޔަ އަހަރު ފަހު ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު ވެސް އެ ދެ ވަޒީރުން ހާޒިރެއް ނުކުރެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ވެސް އެ ދެ ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރެވޭތީ، އެ ފުރުސަތު ބޭނުން ނަމަ އެކަމަށް އެދި އަލުން ނޯޓިސް ހުށަހެޅުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ މިދިޔަ ހަފުތާގައި ރިޔާޒަށް އަންގަވައިފަ އެވެ.