02 ޖުލައި 2023 - 15:31

ޕެރިސް (ޖުލައި 2) - ފްރާންސްގެ ފުލުހުން ބަޑި ޖަހައި ފުރާވަރު އުމުރުގެ ޒުވާނަކު މަރައިލުމުން، އެ ގައުމުގެ އެކި ހިސާބުތަކުގައި ހިނަގުމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން 700 މީހުން ހައްޔަރުކޮށްފި އެވެ.
އުތުރު އެފްރިކާ ދަރިކޮޅުގެ ނެހެލް، މަރާލުމުން ހިނގަމުންދާ ހަމަނުޖެހުންތައް ފަސްވަނަ ރެޔަކަށް ވަނީ ދެމިގެން ގޮސްފަ އެވެ. ޒުވާނާގެ މަރަށް އިންސާފު ހޯދަން މަގުތަކަށް ގިނައިން ނުކުތީ ވެސް ޒުވާނުންނެވެ. ހަމަނުޖެހުން ހިންގައި ފުލުހުންނާ ރޭ ވެސް ކުރިމަތިލި އެވެ. އަދި ރޭ ވަނީ ޕެރިހުގެ މޭޔަރުގެ ގެޔަށް ވެސް ހަމަލާ ދީފައި ވެއެވެ.
މިއަދު ހެނދުނާ ހަމައަށް އެ ގައުމުގެ އެކިހިސާބުތަކުން މިކަމާ ދެކޮޅަށް އަޑުއުފުލަން ނުކުމެ ހަމަނުޖެހުން ހިންގި 700 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މަރުވި ޒުވާނާގެ ނަމަކީ ނެހެލް އެވެ. އިއްޔެ ބޭއްވި އެ ޒުވާނާގެ ޖަނާޒާގެ ފަހުން އިތުރު ފުލުހުން ފްރާންސުގެ ސަރުކާރުން ވަނީ މަގުތަކަށް ނެރެފަ އެވެ.
ފްރާންސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ 2018 ވަނަ އަހަރުގެ ފަހުކޮޅު "ޔެލޯ ވެސްޓް" މުޒާހަރާތަކަށް ފަހު އެ ގައުމުގައި ހިނގަމިުންދާ އެންމެ ބޮޑެތި ހަމަނުޖެހުންތަކެވެ. މިފަހަރުގެ ހަމަނުޖެހުންތަކަކީ އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮންގެ ލީޑާޝިޕަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެކެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން މެކްރޯން މިއަދު ޖަރުމަނަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު ފެންމަތިވި ހަމަނުޖެހުންތަކަށް ފަހު އޭނާ އަށް ކުރިމަތިވި ޕްރެޝަރާ އެކު ދަތުރުފުޅު ވަނީ ފަސްކޮށްފަ އެވެ.