ހަންގޭރީ ސްކޮލާޝިޕް ލިބުނު ދިވެހިންނަށް ވިސާ ނަގަން ލުއިތަކެއް ހޯދައި ދެނީ
ހަންގޭރީ ސްކޮލާޝިޕް ލިބުނު ދިވެހިންނަށް ވިސާ ނަގަން ލުއިތަކެއް ހޯދައި ދެނީ

ހަންގޭރީ ސަރުކާރުގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން އެ ގައުމަށް ދާ ދިވެހި ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާނުކުރި ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމުގެ ދަށުން ކިޔަވަންދާ ދަރިވަރުންގެ ވިސާ ފަސޭހަކަމާ އެކު ހަމަޖެއްސުމަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއާ އެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން، މާލޭގައި ހުންނަ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރަށް ވިސާ ފޯމު ހުށަހެޅުމުން، އެ ފޯމު ދިއްލީގައި ހުންނަ ހަންގޭރީ އެމްބަސީއަށް ފޮނުވައި، އެ ފޯމު ލިބުމާ އެކު، އެ ދަރިވަރަކާ އެކު އޮންލައިން މީޓިން އެއް ބާއްވައިގެން ވިސާގެ ކަންކަން ފުރިހަމަ ކުރެވޭނެ އެވެ.

އަދި ވިސާ ޕްރޮސެސް ނިންމައި، ޕާސްޕޯޓުގައި ވިސާ ސްޓޭމްޕުކޮށް، މާލޭގައި ހުންނަ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރަށް އަނބުރާ ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.

"އޭރުން އެއްވެސް ދަރިވަރަކު ވިސާ ނަގަން ނިއު ދިއްލީގައި ހުންނަ ހަންގޭރީ އެމްބަސީއަށް ދާކަށް ނުޖެހޭނެ،" ޖަނާހް ވިދާޅުވި އެވެ.

މީގެއިތުރުން, ވިސާ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމަށާއި ދަރިވަރުންގެ ހުރި ސުވާލުތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނަމަ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އީމެއިލް މެދުވެރިކޮށް އެންގުމުން އޮނަރަރީ ކޮންސުލް ޖެނެރަލްގެ އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބަދަލާ އެކު، 2024 ވަނަ އަހަރާ ހަމަ އަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހިންނަށް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.