05 ޖުލައި 2023 - 23:47

ރ. އަނގޮޅިތީމުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ ބެޓެރި ގޮވައި ހިނގި ހާދިސާގައި ރެޕް ލޭބަލްއެއް ކަމަަށްވާ ސިމްބޮލިކް ރެކޯޑްސްގެ ދެ އާޓިސްޓުންނަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
"ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ އެ ލޯންޗުގައި ހިނގި ހާދިސާގައި ފިހިފައިވަނީ ދެ އާޓިސްޓުން ކަމަށްވާ ހުސެއިން ޒިޔާދު (ޒިއާ) އަދި އަހުމަދު ނާއިލް (ނައިޑެން) އެވެ. ދެ މީހުންގެ ވެސް ފައި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
އެމީހުން މިއަދު އެ ލޯންޗުގައި ދަތުރު ކުރަމުން ދިޔައީ އީދު ޝޯ ދިނުމަށް ރ. އަތޮޅުގެ ހަ ރަށަކަށް ކުރި ދަތުރު ނިންމާލުމަށްފަހު އެވެ.
ސިންބޮލިކް ރެކޯޑްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު ދެ އާޓިސްޓުން ވެސް ތިބީ ލޯންޗުގެ އެންމެ ފަހަތު ސީޓުގައި ކަމަށާއި އެހެންކަމުން އެންމެ ބޮޑަށް އަނިޔާވީ އެ ދެ މީހުންނަށް ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަހުމަދު މުހައްމަދު ބުނި ގޮތުގައި، ހާދިސާ ހިނގި ވަގުތު ލޯންޗުގެ ފަހަތުން ކުއްލިއަކަށް ބޮޑު އަލިފާންގަނޑެއް އެރި ކަމަށާއި އިރުކޮޅެއްގެ ތެރޭ އަލިފާންގަނޑު ނިވިގެން ދިޔަ ކަމަށެވެ.
އެ އަލިފާނުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެެޗްގައި ދެ އާޓިސްޓުންނަށް ވެސް ފަރުވާދެމުންދާއިރު ހާލު މިހާރު ސްޓޭބަލް ކަމަށް އަހުމަދު ބުންޏެވެ. އެ ދެ މީހުންގެ އިތުރުން ވެސް ލޯންޗުގައި ދެން ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާވެފައި ވެ އެވެ.