06 ޖުލައި 2023 - 11:49

އދ. އަތޮޅު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތައް ޑިޖިޓަލައިޒްކުރަން ބޭނުންވާ ސާމާނުތަކާ އެކު ދޯންޏެއް ރޭ އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން ފުރައިގެން ދަތުރުކުރި "ރިކާޑޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑުން އަޑިއަށް ދާކަމަށް އިރުއޮއްސުނު ފަހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާއެކު، ދޯނީގައި ތިބި އަށް މީހުން ސަލާމަތްކޮށް، އެ އަތޮޅު މަހިބަދުއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މަހިބަދުއަށް ގެންދިޔަ ހުރިހާ މުދަލަކާއެކު ރިކާޑޯ ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ. ނަމަވެސް، ދޯނީގެ ހިޔާގަނޑު ފެނިފައިވާތީ، އެ ދޯނި ނެގުމަށް ރަށުގެ ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް ފުރައިފަ އެވެ.
އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް، މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދޯނީގައި 500،000ރ. ގެ ސާމާނު ހުންނާނެ ކަމަށެވެ. އެއީ، އެ ހޮސްޕިޓަލާއެކު އަތޮޅުގެ ޖުމްލަ 10 ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރިންޓަރާއި އައިޕެޑް އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ފަދަ ތަކެއްޗެވެ.
"މެންދުރު ފަހު މާލެއިން ފުރިއިރު ކަނޑު މަޑުކަމަށް ބުނީ. އެކަމަކު، ދިޔަވެގެން ގޮސް އަޑިއަށް ދިޔައީ. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. މީގެ ކުރިން ވެސް މި އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެއްޗެހި ގެންނަނީ އެ ދޯނިން." އޭނާ ވިދާޅުވި އެވެ.
ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒެއް ޑިޖިޓަލައިޒްކުރަން ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ދަށުން، ރީޖަނަލް ފަސް ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ތަކެތި ހަވާލުކުރީ މިދިޔަ މަހުގެ 11 ގަ އެވެ.
އެ މަޝްރޫއު ނިމޭއިރު 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެ އެވެ.