ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

ފައިސަލަށް ވެސް އޮތީ ނިދިފައެވެ. ދެބަފައިންނަށް ނިދުނީ، ނިދަން ތައްޔާރުވުމަށް ޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށެވެ. ކިޔަންޖެހޭ އެއްވެސް އެއްޗެއް ވެސް ނުކިޔައެވެ. ތަނަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އަނެއްކޮޅުން، ރިންދާގެ ލޮލަށް ނިދިނައި ތަނުގައި، އެނދުގައި އޮށޯވެގެން ވެސް ނޯވެވުނެވެ. ތެދުވެ، ރިންދާގެ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އެއީ، ކޮންމެކޮންމެ ރެޔަކު ލިބޭނެ ފުރުސަތެއް ނޫންކަމާއި، ރަނގަޅު ގޮތަކަށް ގޮއްސިއްޔާ ކިހައި ރަނގަޅުވާނެކަމާއި، ގޯސް ގޮތަކަށް ގޮއްސިއްޔާ އަލުން ރަނގަޅުކުރަން ވެސް ފުރުސަތު ނުލިބޭނެކަން ރިންދާއަށް ރަނގަޅަށް އެނގެއެވެ. ނިދީގެ ތެރޭގައި ފައިސަލް ފުރޮޅިލި ވަގުތު، ގާތުގައި މީހަކު ހުރިހެން ހީވެގެން ފައިސަލް ލޯހުޅުވައިލިއެވެ. އެނދުގެ ފައިލާކޮޅުގައި ހުރީ، ހަށިގަނޑު ހިމަ، އިސްކޮޅުން ވަރަށް ދިގު މީހެކެވެ. ނުވަތަ ހިޔަންޏެކެވެ. ދިގުކަމުން، ފަންގިފިލާގައި އޭނަގެ ބޯޖެހޭތީ އޭނަ އޮތީ ފާޑަކަށް ގުދުވެގެންނެވެ.

"ކާކު ކާކު؟" ފައިސަލަށް ބުނެވުނީ އެހެންނެވެ.

ފޭދިގެންދާ ކަހަލަ ގޮތަކަށް ގޮސް ހިޔަނި ގެއްލުނެވެ. ގުޑައިލަން ނޭނގިފައި، އިރުކޮޅެއްވަންދެން ފައިސަލް އޮތެވެ. އެ ވަގުތު، ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. ވަންނާނީ ރިންދާކަން ފައިސަލަށް އެނގެއެވެ. ކީއްކުރަންކަން ވެސް އެނގެއެވެ. އެހެނަސް ކަންތައްވަމުންދިޔައީ ފައިސަލް ހީކުރި ގޮތަކަށް ނޫނެވެ. ފާހާނަޔާ ދިމާއަށް ދިޔުމުގެ ބަދަލުގައި ރިންދާ އައީ އެނދާ ދިމާއަށެވެ. ފައިސަލް ކުޑަކޮށް ލޯމަރާލައިގެން ބަލަހައްޓައިގެން އޮތެވެ. ހީކުރެވުނީ ޒިޔާންގެ ބޮލުގައި ފިރުމައިލުން ފަދަ ކަމެއްކުރަން އަންނަނީ ކަމުގައެވެ. ރިންދާގެ މިސްރާބު އަނބުރައިލީ ޒިޔާނާ ދިމާއަކަށް ނޫނެވެ. ފައިސަލާ ދިމާއަށެވެ.

"ޑެޑީ.." ޒިޔާން ކުކުރައިލާފައި، ވޭނީ އަޑަކުން ގޮވައިލިއެވެ.

ރިންދާ އެނބުރިފައި ފާހާނަޔާ ދިމާއަށް، ނިކަން ބާރަށް ހިނގައިގަތެވެ. ޒިޔާންގެ އަޑަށް ފައިސަލް ހޭލުމުގެ ކުރިން ފާހާނައަށް ވަދެވޭތޯއެވެ. ޒިޔާން ރޮމުން ތެދުވިއެވެ. އޭރު ރިންދާ ފާހާނަޔަށް ވަދެ ނިމިއްޖެއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ފައިސަލް އެހިއެވެ. "ހުވަފެނެއް ފެނުނީ؟"

"ޒިޔާނަށް ކޮންމެވެސް ގޮތެއް އެބަ ވޭ!" ޒިޔާން ބުންޏެވެ. "ބޮލުގަޔާ ބަނޑުގަ ވެސް އެބަ ރިއްސާ! ހޮޑު ވެސް ލަވާ! ނޭވާލާން ވެސް އުނދަގޫ! ފެންފޮދެއް.."

ފައިސަލް ފުންމައިގެން ތެދުވިއެވެ. ކައިރީގައިހުރި ފެންފުޅި ނަގައިފައި ޒިޔާނަށް ދިއްކޮށްލިއެވެ. ޒިޔާނަށް ފެންފުޅީގައި ނުހިފެނީސް ހޮޑުލެވިއްޖެއެވެ.

"ރިންދާ!" ފައިސަލް ގޮވައިލިއެވެ.

ފާހާނަ ތެރޭގައި އަޑުއަހަންހުރި ރިންދާ ނުކުތެވެ. ކޮޓަރީގައި ދިއްލެންހުރި ހުރިހައި ބޮތްކެއް ދިއްލިއެވެ. ޒިޔާން ގޮވައިގެން ފައިސަލް ފާހާނައަށް ވަނެވެ. ކެއި އެއްޗެހި ހުސްވަންދެން ޒިޔާނަށް ހޮޑުލެވުނެވެ. ދެން ވެސް އޯކަށްދެމުމެއް ނުހުއްޓުނެވެ.

"ހިނގާ ހޮސްޕިޓަލަށް ގެންދަން." ރިންދާ އެދުނެވެ.

ކާރެއް ނުލިބޭނެކަން ފައިސަލަށް އެނގެއެވެ. ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ޒިޔާން އުރާލައިގެން ފައިސަލް ހިނގައިގަތެވެ. ކާރަކަށް ގުޅޭތޯ ރިންދާ، ކެނޑިނޭޅި މަސައްކަތްކުރިއެވެ. ހޮސްޕިޓަލަށް ވަން އިރު ވެސް އެ ކަން ކާމިޔާބެއް ނުވެއެވެ. ހޮސްޕިޓަލުގައި އެ ވަގުތު އިން ޑަކުޓަރު ލަފާދިނީ ހޮސްޕިޓަލުގައި ޒިޔާން ބޭއްވުމަށެވެ. އިންޖެކުޝަނެއްޖަހައި، އައިވީ ވެސް ގުޅިއެވެ.

ރިންދާއާއި ފައިސަލް އެ ރޭ ދެން ގެއަކަށް ނުދެއެވެ. ޒިޔާން ކައިރީގައި ތިބީއެވެ. ޒިޔާނަށް ވީ ގޮތް ޑަކުޓަރަކަށް ވެސް ނޭނގުނެވެ. ފައިސަލް ނިންމީ ކާނާވިހަވީކަމުގައެވެ. އެހެނަސް ކޮޓަރިން ފެނުނު ހިޔަންޏާ ގުޅޭ ގޮތުން ފައިސަލް އެއްވެސް އެއްޗެއް ނުބުނެއެވެ. ފައިސަލް ގަބޫލުކުރި ގޮތުގައި އެއީ ވަހުމެއް ނޫނެވެ. އެ ތަނުގައި "މީހަކު" ހުއްޓެވެ. އެ ކަމާއި ޒިޔާން ބަލިވުމާ ދެމެދު ގުޅުމެއްހުރިކަމެއް ނުވަތަ ނޫންކަމެއް ފައިސަލަކަށް ޔަގީނެއް ނޫނެވެ. ޑަކުޓަރު ހުއްދަދިން ނަމަ ޒިޔާން މާލެގެންނަން ވެސް ފައިސަލް ހުރީ ތައްޔާރަށެވެ.

ހޭލާތިބި އިރު ފައިސަލަށް އެންމެ ފާހަގަކުރެވުނީ ރިންދާގެ އޯގާތެރިކަމެވެ. މުރާލިކަމާއި ޒިޔާން ދެކެ ލޯބިވާވަރެވެ. ފައިސަލާ މެދު ވިސްނާ ވަރު ވެސް މެއެވެ. ދެތިން ފަހަރަކު ފައިސަލް ތާއްޔާޖެހުނެވެ. ރިންދާގެ ލޮލުން ނިދިފިލާފައިވާ ކަހަލައެވެ. ނަރުހަކަށް ގޮވަންޖެހުނަސް، އަލުން ކޮޓަރިއަށް ގޮސް އެއްޗެއް ގެންނަންޖެހުނަސް، ދަންވަރު އެކަނިމާއެކަނި ކޮޓަރިއަށް ދަނީ ވެސް ރިންދާއެވެ. ދާ މަގުމަތީގައި ކިހައި ކުދިކިޔާކަމެއް، ކޮޓަރިއަށް ވަދެވައި އެނދުގައި އޮށޯވެގެން ކިހައި އިރަކު އޮތްކަމެއް ފައިސަލަކަށް ނޭނގެއެވެ. ރެސްޓޯރަންޓުން ޒިޔާނަށް ފެންފުޅި ގެނައި އިރު، ފެނަށް ވިހައެއްލެވޭނެ ނަމައޭ ވެސް ރިންދާ ހިތަށްއެރިއެވެ. ހިތަށްއަރާ އެއްޗެހި ބޭރަށް ފާޅުނުވާތީ އެ ކަން ވެސް ފައިސަލަށް ނޭނގުނީއެވެ.

"އިރާދަކުރެއްވިއްޔާ ޒިޔާނަށް ދެރަގޮތެއް ނުވާނެ." ތަސްބީހައެއްހެން ރިންދާ ކިއި އެއްޗަކީ އެއީއެވެ.

ޒިޔާން ގޮވައިގެން ފައިސަލަށް މާލެއާދެވުނު އިރު މެންދުރުވަނީއެވެ. އޭރު ވެސް ޒިޔާން މުޅިން ރަނގަޅެއް ނުވެއެވެ. ޒިޔާން ބުނި ގޮތުގައި ޒިޔާން ހުންނަނީ މޭނުބައިކޮށްފައެވެ. އޯކަކަށް ނުދެމެއެވެ. އެކަމަކު އިރުއިރުކޮޅާ ހޮޑުލާން އުޅެއެވެ. މުޅި ދުވަހު ވެސް ޒިޔާން އުޅުނީ ބަލިކޮށެވެ. އޮއްޓަރުހުރި އެއްޗެއް ނުކެވެއެވެ. ފައިސަލްގެ އަތުން ދުލެއްނުކުރެއެވެ. ފައިސަލަށް ފެނުނު ކަޅުމީހާގެ ވާހަކަ މަންސޫރަށް ކިޔައިދޭންޖެހުނީ ވެސް ވައިބާ މެދުވެރިކޮށެވެ. ފައިސަލް ހީކުރީ މަންސޫރު އެ ވާހަކަ ގަބޫލެއްނުކުރާނެ ކަމަށެވެ.

"އިވޭ ކޮންމެ އަޑެއް، ފެންނަ ކޮންމެ އެއްޗެއް ނާމާނެއް ނުވާނެ،" މަންސޫރު ދިގު ޖަވާބެއްލިޔުނެވެ. "އަޑު ބިރުވެރިވިޔަސް، ބިރުގަންނަ ކަހަލަ އެއްޗެއް ފެނުނަސް އެއީ ރައްކަލަކަށް ވެސް ވެދާނެ. ކުރިމަތިވާން އުޅުނު މުސީބާތަކުން ލިބުނު ހިމާޔަތަކަށް ވެސް ވެދާނެ. ރޫހާނީ ބާރަކުން އިންސާނަކަށް ބޮނޑިއެއްދޭން އެ ބާރު އިންސާނާގެ ލޮލަށް ފެންނަން ޖެހޭނެތަ؟ ނުޖެހޭނެ. އަދިވެސް އަހަރެން ބުނާނީ، ވީހައި ވެސް އަވަހަކަށް ތި ކަން އެބަ ޖެހެޔޭ ކަށަވަރުކުރުން. އެކަމަކު ފައިސަލްގެ ވާހަކަ ވެސް ރަނގަޅު. ދަރިފުޅު ރުއްސައިގެން ނޫނީ މި ކަހަލަ ކަމެއް ނުއެއް ކުރެވޭނެ."

"ހަށިރައްކަލަށް މީހުން ކަންކަން ކުރެއެއްނު!" ފައިސަލް ބުންޏެވެ. "އެ ކަހަލަ ކަމެއް ވެސް ނުކުރެވޭނެ؟"

"ނޫނޭ! ކޮށްދޭ މީހުން ތިބޭ! އެކަމަކު އަހަންނަކީ، ބަލި ނޭނގެނީސް ބޭސްދޭ މީހެއް ނޫން،" މަންސޫރު ބުންޏެވެ. "ބަލައިގެންއުޅެން ބޭނުމިއްޔާ ކުރެވިދާނެކަމެއް ބުނެފާނަން. ކަނޑު ހުރަސްކޮށް ދާ އެއްވެސް ތަނަކަށް ދިޔުން އިހަށް މަޑުޖައްސާލާ!"

ކުއްޖަކު ވަރަށް ފަރިތަކޮށް ދުވެލައިފައި ގޮސް މޫދަށް ފުންމައިލިއެވެ. މެންދުރުފަހުގެ ވަގުތެވެ. ފައިސަލާއި ޒިޔާން ތިބީ، އެ މަންޒަރު ބަލަން ވާޓަރު މަތީގައި އިށީނދެގެންނެވެ. ދެ މީހުން ވެސް ތިބީ ތެމިފައެވެ. ޒިޔާން އިން ގޮތުން ހީވަނީ ގަޔާނުވެފައިއިންހެނެވެ.

"މާ ސަކަރާތްވަނީތަ؟" ޒިޔާންގެ ބުރަކަށީގައި ފިރުމައިލައިފައި ފައިސަލް އެހިއެވެ. "ހީކަރުވަނީ؟"

ޒިޔާން ގެއިން ނުކުމެލީ ގޭގައި އޮވެއޮވެ ފޫހިވެގެންނެވެ. ލުޔެއްލިބޭނެކަމަށް ހީކޮށެވެ. އެއްވެސް ލުޔެއް ނުލިބުނެވެ. އެހެން ބުނެފިއްޔާ ބައްޕަ ކިހައި ދެރަވާނެކަން ޒިޔާނަށް އެނގެއެވެ. ޒިޔާން ކުރިކަމަކީ ފައިސަލްގެ ސުވާލު ނީވޭކަމަށް ހެދުމެވެ.

"ޑެޑީއަށް އެނގޭތަ އެ ގޮތަށް ޑައިވްޖަހަން؟" ޒިޔާން އެހިއެވެ.

"އެހެންޏަ! އެއީ މެޓައެއްނު! ދާންވީތަ ޑައިވެއް ޖަހާލަން." ފައިސަލް އެހެން ބުނީ ޒިޔާން އާނއެކޭ ނުބުނާނެކަމަށް ހީކޮށެވެ.

"އަޅެ ދޭބަލަ!" ޒިޔާން ބުންޏެވެ.

"މިހާރު؟ މިހާރު ތަންކޮޅެއް ދިޔަވަރު ހިއްކެއްނޫންތަ؟" ފައިސަލް ބަހަނާއެއްދެއްކިއެވެ.

"އޯކޭ! ހިނގާ މިއަދު ކާކަށްތޯ އެންމެ ދުރަށް ސުވިމް ކުރެވެނީ ބަލަން؟" ޒިޔާން އެދުނެވެ.

"ޔަގީނުން ވެސް މިއަދަކު ޑެޑީއަކަށް ދެނެއް ނުފެތޭނެ. ވަރަށް ޓަޔަޑް." ފައިސަލް ހަތިޔާރު ބެހެއްޓިއެވެ.

އެ ވަގުތު ޒިޔާން އެހެން ކަމެއް ހަނދާންވިއެވެ.

"އެކަމަކު މިއަދު އަދި އެބަ ޖެހޭ ހުޅުމާލެއަށް ދާން،" ޒިޔާން ވިސްނައިލާފައި ބުންޏެވެ. "މީކާ މިހާރު އުޅެނީ ހުޅުމާލޭގަ. އޭނައަށް ގޭމެއް ވެސް ގެންދަން ޖެހޭ. ޒިޔާން ބުނިން މިއަދު ގެންދާނަމޭ!"

އެ ނިންމުން ފައިސަލަކަށް ރަނގަޅެއް ނޫނެވެ. ހުޅުމާލޭގައި އުޅޭ ރައްޓެހި ކުއްޖަކާ ބައްދަލުކުރަންދާކަށް ޒިޔާންގެ ސިއްހަތު ތަނެއް ނުދެއެވެ. އެހެނަސް، އެހެން ބުނެފައި ޒިޔާން ގޭގައި ބަހައްޓައިފިއްޔާ ނަފުސާނީ ގޮތުން ޒިޔާން ބަލިކަށިވާނެއެވެ. ހުން ނާންނަނީސް ރަޖާލައިފާނެއެވެ. ޑަކުޓަރެއް ނޫނަސް ފައިސަލަށް އެ ވަރު އެނގެއެވެ.

"ހިނގާދަމާ! މަޖާވާނެ!" ފައިސަލް ބުނީ ހިތުގައި އޮތް ގޮތަކަށް ނޫނެވެ. "އަދި އެބަ އޮތް ވަރަށް ސަޅި އައިޑިޔާއެއް. ކިހިނެއްވާނެ ރިންތަ ވެސް ގޮވައިގެން ދިޔުން؟ ގޮސް މަޖާކޮށްލާ، ޕިއްޒާއެއް ކާލާ... އޯކޭވާނެތަ؟"

"ޔެސް! ރިންތަ ވަރަށް މަޖާވާނެ. ހިނގާ ގުޅަމާ!" ޒިޔާން ވަގުތުން އެއްބަސްވިއެވެ.

"ދަރިފުޅަށް އޯކޭ ދޯ އަހަރުމެންނާ އެއްކޮށް، ތަންކޮޅެއް ގިނައިން ރިންތަ އުޅުނަސް؟" ވަރަށް ފަރުވާތެރިކަމާއެކު ޒިޔާންގެ މޫނަށް ބަލަހައްޓައިން އިނދެ ފައިސަލް ބުންޏެވެ.

"ހިނގާ ތަންކޮޅެއް ގިނަ ދުވަހަށް ރިންތަ ގެންނަމާ!" ޒިޔާން ދިނީ މާ މޮޅު ހިޔާލެކެވެ. "ރިންތަ ވަރަށް ސަޅިކޮށް ކުރަހާ! ޒިޔާން ބޭނުން ރިންތަ ލައްވާ ނަރޫޓޯ ކުރަހަން. އެނިމޭ ވެސް."

ފައިސަލް ގާތަށް އައީ ލާނެތް ހިންޏެކެވެ. އެ މަންޒަރު ފެނުމުން ހަމަ އެ ގޮތަކަށް ޒިޔާން ވެސް ހީނގަތެވެ.

"ތިހެން ވިއްޔާ ރިންތަ ލައްވާ ކޮންމެހެން ވެސް ޖެހޭނެ ކުރަހަން. ތީ ހަމަ ވަރަށް ސަޅި އައިޑިޔާއެއް." ފައިސަލް ބުންޏެވެ.

އިރުކޮޅަކަށް ޒިޔާން ސީރިޔަސް ވެސް ވިއެވެ. އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިންނަށް ފެށިއެވެ. ފައިސަލްގެ ލޮލުން، ކިހިނެއްހޭވީ އެހިއެވެ.

"ހަމަ ސީރިޔަސްކޮށް ރިންތަޔާ މެރީކުރަންތަ ތި އުޅެނީ؟" ޒިޔާން އެހިއެވެ.

ފައިސަލް ހިތަށްއެރިއެވެ. ޒިޔާނަން ރިންދާ ކަމުދާކަމަށް ހެދެނީހެއްޔެވެ؟ އެއީ ފައިސަލަށް ޓަކައި ޒިޔާން ކުރާކަމެއްހެއްޔެވެ؟

"ކުޑައިރުއްސުރެ ދަރިފުޅަށް ދަސްކޮށްދޭން ޑެޑީ ބޭނުންވި ކަމެއް އޮންނާނެ،" އިނގެރޭސިން ފައިސަލް ބުންޏެވެ. "ނޫނެކޭ ބުނަން ބޭނުންވި ކަމަކަށް އާނއެކޭ ނުބުނާތި! އެއީ ފަހަށް ރައްކާކުރެވޭ ހިތާމައެއް. ބައްޕަ އެހެން މީހަކާ އިންނާކަށް ޒިޔާން ބޭނުމެއް ނޫންތަ؟"

"ޒިޔާނަށް އޯކޭއޭ ޑެޑީ!" ވިސްނާލައިފައި ޒިޔާން ޖަވާބުދިނެވެ.

ހުޅުމާލެއަށް ދިޔުމަށް ޓަކައި ޒިޔާން ގޮވައިގެން ފައިސަލް ދަތުރު ފެށީ އަސުރުން ފައިބައިގެންނެވެ. ބުރިޖު މައްޗަށް އަރައިގެން ތަންކޮޅަކަށް ނުދެވެނީސް ފައިސަލްގެ ދެއަތް އައްސިވާން ފެށިއެވެ.

ނުނިމޭ