12 ޖުލައި 2023 - 08:48

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލުމުން ރާއްޖެއިން "ފިއްލަވައި" އިނގިރޭސި ވިލާތުގައި ތިން އަހަރު ހޭދަ ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ރާއްޖެ ވަޑައިގެން އަމިއްލަ ދިފާއުގައި ވަރަށް ގިނަ ވާހަކަތައް ދެއްކެވި އެވެ. މިކަމުގައި އޭނާ އެކި ބޭފުޅުންނަށް ބޮޑެތި ތުހުމަތާއި އިލްޒާމް އަޅުވަން ޖެހުނު ވަަރަށް ގިނަ ސަބަބުތައް ދެއްކެވި އެވެ. ރައީސާއި ޕީޖީ އާއި ފުލުހުންނާއި ކޯޓުތަކަށް އަމާޒުކުރަމުން ދިޔަ ނުރުހުމެއް ވެސް އިއްޔެއަކު ނެތެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަހުގީގުކޮށް ދައުލަތުން އޭނާ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ހިނގަމުން ދަނިކޮށް ފިލައިގެން ދިއުމާއި އެއާ ގުޅިގެން ދެން ހިނގައި ދިޔަ ހުރިހާ ކަމަކަށް އަލީ ވަހީދު ދެއްވި މައިގަނޑު ޖަވާބަކީ މިއީ އެވެ؛

"މި ހުރިހާ ކަމެއްގައި ވިކްޓިމް އަކީ އަޅުގަނޑު،"
"އަނިޔާ ލިބުނީ އަޅުގަނޑަށް. އަޅުގަނޑަކީ ވިކްޓިމް އެއް،" އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
ޖުލައި 9، 2020 ގައި، އަލީ ވަހީދުގެ މައްޗަށް ކުރި ސިއްސައިގެން ދާ ވަރުގެ ބޮޑު ތުހުމަތާ އެކު ދެން ކަންތައް ވެގެން ދިޔަ ގޮތް "އަނިޔާ" އަށް ވުރެ ބޮޑަށް ސިފަ ވަނީ ދައުލަތުގެ އެތެރެ އާއި ބޭރުން ނުފޫޒު ފޯރުވައި އަޑުގަދަ ސިޔާސީ މީހަކު ބޮޑު ކުށަކުން ރެކިވަޑައިގެން މިނިވަންވި ގޮތެވެ.
ސިޔާސީ ކެރިއާ އެކީ ކަތިލެވިއްޖެ ކަމަށް ގިނަ ބަޔަކު ނިންމައިގެން ހުރި އަލީ ވަހީދު އަނބުރާ ރެލަވަންޓް ވެގެން ބޮޑު ކުށަކުން ސަލާމަތްވެ "އިއްޒަތުގައި" ވަރަށް ހަމަޖެހިލައިގެން މާލެ ވަޑައިގެންނެވިި ނަމަވެސް ހަނދާން ނައްތާ ނުލެވޭ ވަރުގެ ކަންކަން ވަނީ ހިނގައިފަ އެވެ!
މީގެ ތިން އަހަރު ފަހަތަށް ޖެހިލާ އިރު އަލީ ވަހީދުގެ ކުރިމަތީގައި އޮތީ 21 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ހާލަތެކެވެ. އެތައް ބަޔަކު އަލީ ވަހީދާ ދެކޮޅަށް ބަޔާން ދިނުމާއި ސޯޝަލް މީޑިއާގައި ފާޅު ގައި ވެސް އޭނާ އާ ދެކޮޅަށް މީހުން އަޑު އުފުލައި ވާހަކަތަކެއް ބޭރުކުރާތީ ސަލާމަތް ވެވޭނެ ގާތްގަނޑަކަށް ހުރިހާ ދޮރެއް އޭނާ އަށް އޮތީ ބަންދުވެފަ އެވެ.
ނަމަވެސް އަލީ ވަހީދަށް ވެސް ދިމާވީ ރާއްޖޭގެ ތާރީހުގައި ސިޔާސީ ވެރިއަކަށް ބޮޑު ހުކުމަކާ ކުރިމަތިލާން ޖެހުމުން ދިމާވާ އާލާސްކަންފުޅެވެ. އިއްޔެ ރާއްޖެއިން ފުރަން ހުއްދަ ލިބިވަޑައިގަތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޮތަށް އޭރު އަލީ ވަހީދަަށް ވެސް ދިމާވީ ރާއްޖެއިން ބޭރުގައި އޮޕަރޭޝަނެއް ނުކޮށްފި ނަމަ "ފުރާނަ އަށް ގެއްލުން ވެދާނެ" ހާލަތެކެވެ.
އެ ވާހަކަތައް ޑޮކްޓަރަކު ކޯޓުގައި ދެއްކުމުން، ފުރުން މަނާކުރުމުގެ އަމުރު ބާތިލު ކުރުމަށް ފަހު ދަންވަރު ގަޑީ ޕާސްޕޯޓު ވެސް ހޯދައި މުޅި ދައުލަތް "ނިދާފައި" އޮއްވައި އަލީ ވަހީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އިނގިރޭސި ވިލާތަށް ފުރައިވަޑައިގަތެވެ.
އެއީ ކިހިނެއްވީ ކަމެއްތޯ ޕީޖީ އާއި ކޯޓުތަކާއި ދައުލަތް ބަހުސް ކުރަން ފެށިއިރު އަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގަ އެވެ.
އިނގިރޭސި ވިލާތުގައި އޭނާގެ މިސްރާބާއި އަމާޒު ހުރީ އެންމެ ދިމާލަކަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވިދާޅުވި ގޮތަށް "ސަރުކާރު ކަތިލައިގެން" ވެސް އޭނަ އަށް ކުރި ތުހުމަތުގެ އަޑީގައި އުޅެނީ ކޮން ބައެއްތޯ ހޯދުމަށެވެ. މި ވެރިކަން ގެނައުމުގައި ބައިވެރިވުމެއް އޮތް އަލީ ވަހީދު، ދެން ކުރެއްވި ކަމަކީ އޭނާއަށް އެނގިވަޑައިގަންނަވާ "ހަގީގަތްތައް" ސަރުކާރު ބިރުގަންނަ މިންވަރަށް ތިލަކޮށްދޭން ފެށުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ވެސް އޭގެ ތެރޭގައި ހިމެނި އެވެ. އެ ފައިސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިވަޑައިގަތް ކަމުގެ ތުހުމަތެވެ. އަދީބުގެ ފޯނުތައް އެރީ އޭނާގެ އަތަށް އެރި ކަމާއި ދައުލަތް "ބަރަހަނާ" ވާވަރުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ "ބްލެކް މެއިލް" ކުރަމުން ދިޔަ އެވެ.
އަނެއްކޮޅުން އަލީ ވަހީދަށް މައުސޫމް ވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެމަނިކުފާނުގެ މައުސޫމްކަން ސާބިތު ކޮށްދޭން ވެސް އޭނާ ހުންނެވީ ތައްޔާރަށެވެ. އެމްއެމްޕީއާރްސީގެ މައްސަލަ އާ ގުޅިގެން "ސްޓީލިން ޕެރެޑައިސް" ޑޮކިއުމަންޓަރީގައި ބޮޑެތި ތުހުމަތުތައް ކުރި އަލީ ވަހީދު މުޅިން އަނެއް ކޮޅަށް ރާގު ބަދަލުވި އެވެ.
މި ހުރިހާ އިންޒާރަކާއި ބިރު ދެއްކުމަށް ފަހު އަލީ ވަހީދު ވަކި ހިސާބަކުން ހުރިހާ ވާހަކައެއް ހުއްޓައިލި އެވެ. އިނގިރޭސި ވިލާތުގެ ކްލަބަކާއެކީ ފުޓުބޯޅައިގެ ދުނިޔެ އަށް އަލީ ވަހީދު ގެއްލުނު ކަމަށް ދައްކަމުން އައި އިރު ރާއްޖޭގައި ހިނގަމުން އައީ މުޅިން އެހެން ކަމެކެވެ.
އަލީ ވަހީދު ފުރިހަމަ މިނިވަނެއްގެ ގޮތުގައި ރާއްޖެ އާދެވޭނެ ހުރިހާ މަގެއް ހުރީ ކޮށައިދީފަ އެވެ. ފުލުހުން ހިންގި ބޮޑު ތަހުގީގުގެ ބޭނުމެއް ނެތެވެ. އޭނާ އަށް ކުރި ހުރިހާ ދައުވާތަކެއް ޕީޖީން އަނބުރާ ގެންދިޔައީ އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި ކުރި ޖަލު ހުކުމް ވެސް ބާތިލް ކޮށްފި އެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނުނަށް އިންސާފު ހޯދައިދޭން މުޅި ދައުލަތް "ނުކުޅެދޭ ހާލަަތަށް" ދިޔައީ އެވެ. މިއީ، މިފަދަ ސީރިއަސް މައްސަލަތަކުގައި އިންސާފު ހޯދައިދޭނެ ކަމަށް ދައުލަތުގެ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލުމެވެ. އަލީ ވަހީދުގެ މައްސަލަ އަނބުރާ ނެގުމާ އެކު އެ ފާޑުކިއުން އެތައް ބަޔަކު އަމާޒުކުރި އެވެ.
އަނިޔާ ލިބުނު ކަމަށް ބުނި އަންހެނުން ވެސް އަލީ ވަހީދާ ދެކޮޅަށް ތަހުގީގުގައި ދިން ބަޔާންތަކަށް ފަހުން އިންކާރުކޮށް އަދި ކޯޓުގައި ހެކިބަސް ވެސް ދެން ނުދޭނެ ކަމަށް ބުނެ ފުލުހުންނާއި ޕީޖީއަށް ސިޓީތަކެއް ފޮނުވި އެވެ. މިއީ ކޮންފަދަ ނުފޫޒަކުން ހިނގި ކަމެއްތޯ ސުވާލެއް އުފެއްދި ތަނެއް ވެސް ނުފެނުނެވެ.
ރަސްމީ އިއްޒަތުގައި ރާއްޖެއިން ފިއްލެވި ގޮތަށް އަލީ ވަހީދު އިއްޔެ މާލެ ވަޑައިގަތީ ވެސް ހަމަ އެހާ މިނިވަންކަމާއި ފުރިހަމަ ބާރާއި ޔަގީން ކަމާއެކީ އެވެ.
މާލެ އަށް ފޭބި އިރު އެތަނުގައި ރައީސްގެ އަރިސް މެންބަރެއް ކަމަށްވާ ރީކޯ މޫސާ މަނިކާއި ޓޫރިޒަމް މިނިސްޓްރީގައި އުޅުއްވާ އެމްޑީޕީގެ ސިޔާސީ ބޭފުޅުންތައް ތިއްބެވި އެވެ. އެތަނުގައި ޖަހާފައި ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ބޭނުން ކުރެއްވި ލަވައެކެވެ. އެތައް ބައެއްގެ ކުރިމަތީގައި އަލީ ވަހީދު އަނެއްކާވެސް ވާހަކަ ދައްކަވަން ފެއްޓެވީ މުޅިން އެހެން ގޮތަކަށެވެ.
އެމްއެމްޕީއާރްސީގެ ފައިސާގައި ރައީސް ޖެހިވަޑައިގަތް ކަމަށް އޭރު ކުރި ތުހުމަތަކީ އަލީ ވަހީދު ވިދާޅުވި ގޮތުގައި "ސްމޯކް ސްކްރީން" އެކެވެ. އެއީ ހަގީގަތެއް ނޫން ކަން އޭނާ އެއްބަސްވި އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ހާލަތަށް ބަލާފައި ކޮންމެހެން ވެސް ފަޅަން ޖެހުނު "ކަރަ" އެކެވެ.
އެމްއެމްޕީއާރްސީ އާ ގުޅުވައި ސިޔާސީ މީހުން ޖަލަށް ލުމަށް އަލީ ވަހީދު ފާޑު ވިދާޅުވި އެވެ. އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ވެރިއަކު ބޭނުން ކުރާ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް އިނގިރޭސި ވިލާތަށް ވަޑައިގެން އަލީ ވަހީދު ވެސް އެމްއެމްޕީއާރްސީގެ މައްސަލަ އާއި އޭނާ އަށް އެނގޭ މައުލޫމާތުތައް ބޭނުން ކުރެއްވީ މިއަދު އެ ހުރި މިނިވަން ހާލަތަކަށް އައުމަށެވެ. އަމިއްލަ ފައިދާ އާއި މައުސޫމް ކަން ދެއްކުމަށެވެ.
މިއަދު އަލީ ވަހީދު ވިކްޓިމް އަކަށް ވެ ރާއްޖޭގެ ފުޓުބޯޅަ އާއި ސިޔާސީ މަސްރަހުން ޖާގަ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ. މި ވަގުތަށް ހުރިހާ ސިޔާސީ ލީޑަރުން ވެސް ރަނގަޅު ކަމަށް އިއްޔެ ވިދާޅުވި އެވެ. ގޯސް އެއްވެސް މީހެއް އަލީ ވަހީދަކަށް ނެތެވެ.
އޭނާ "ފްރޭމް ކުރަން" ނުވަތަ ބޮލުގައި އިލްޒާމް އަޅުވަން ބަޔަކު އުޅުނު ކަމަށް ތުހުމަތު ކުރާއިރު އެއިން އެއްވެސް މީހެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެ މީހުންނާ ދޭތެރޭ ވެސް މާ ބޮޑު ހިތް ބުރަ ކަމެއް ނެތް ކަމަށް ވިދާޅުވެ އެވެ.
އެކަމަކު ހަގީގަތަކީ އަލީ ވަހީދަށް ތުހުމަތު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރެއްވި އެއްވެސް ކަމެއް ރަނގަޅެއް ނޫނެވެ.
ސިޔާސީ މީހުން ސިޔާސީ ހުރިހާ އުކުޅަކާއި ނުފޫޒުތައް ބޭނުން ކޮށްގެން ބޮޑެތި ކުށުން ބޯ ދަމައިގަނެ އެވެ. އެކަން އަލީ ވަހީދުގެ މި ތިން އަހަރަށް ބެލިޔަސް ވަރަސް ސާފެވެ. އެކަމަކު ފަހު ވަގުތު ވިކްޓިމް އެއް ގޮތުގައި ރައްޔިތުން ބަލައިގަންނަންވީ ވެސް އޭނާ އެވެ.
އާންމު މީހެއް ނަމަ މިއަދު އޮންނާނީ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތެއް ނުލިބި 21 އަހަރުގެ ޖަލު ހުކުމެއްގައި ބެދިފަ އެވެ. ސިޔާސީ ނުފޫޒު ގަދަ މީހަކަށް ވާތީ ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން މިއަދު ސަލާމަތްވެ އަނެއްކާވެސް އެ ދިމާކޮށްލަނީ ފުޓުބޯޅަ އާއި ސިޔާސީ މަސްރަހުގެ ތެރެއިން ރައްޔިތުން ބަލައިގަންނަ މީހަކަށް ވާށެވެ.
އެކަމަކު އޭނާ ނިޒާމުގެ ތެރެއިން މިނިވަންކުރި ގޮތް ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟