12 ޖުލައި 2023 - 20:20

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރެޕޭޗާޖް ދެވަނަ ބުރުގައި ވާދަކުރާ ރާއްޖޭގެ ފަސް ރާޅާއެޅުންތެރިން ވެސް ކާމިޔާބު ހޯދައިފި އެވެ.
މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހީޓްތަކުގައި ވާދަކޮށް، ރެޕޭޗާޖްގެ ތިންވަނަ ބުރަށް ދިޔައީ އާދަމް މުއީން އިބްރާހިމް، އަހުމަދު އާގިލް (އަންމަޑޭ)، ހޫދު އަހުމަދު (ހޫބްޒް)، އަބްދުﷲ އަރީފް (ފުކޫ) އަދި ޖައިލަމް ނިޒާރެވެ.
ފުރަތަމަ ހީޓްގައި ވާދަކޮށް އާދަމް މުއީން އިބްރާހިމް ދެވަނައަށް ދިޔައީ 0.06ގެ ތަފާތަކުންނެވެ. މުއީން ވަނީ ޖުމްލަ 10.60 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނަ ހޯދީ ބަންގްލަދޭޝްގެ މުހައްމަދު މަންނާން އެވެ.
ދެވަނަ ހީޓުގައި އަންމަޑޭ 6.24 ޕޮއިންތް ހޯދައިގެން ދެވަނަ ހޯދި އިރު، ހީޓް ކާމިޔާބު ކުރީ އިންޑިއާގެ އަޖީޝް އަލީ އެވެ. އޭނާ ވަނީ 9.67 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރުވަނަ ހީޓުގައި ވާދަކުރި ހޫބްޒް ދެވަނަ ހޯދީ 10 ޕޮއިންތް ހޯދައިގެންނެވެ. އެއްވަނަ ހޯދީ އިންޑިއާގެ ރަމޭޝް ބުދިހާލް އެވެ. ޖެހިގެން އައި ހީޓުގައި ފުކޫ ދެވަނަ ހޯދީ 7.33 ޕޮއިންޓް ހޯދައިގެންނެވެ. ހީޓް ކާމިޔާބު ކުރީ ނުވަ ޕޮއިންޓް ހޯދި ޗައިނީޒް ޓައިޕޭގެ ޖޯން ޖޯން ޗާން އެވެ.
ޖައިލަމް ވަނީ ފަހު ހީޓްގައި ވާދަކޮށް އެއްވަނަ ހޯދައިފަ އެވެ. އޭނާ އެއްވަނަ ހޯދީ 8.23 ޕޮއިންޓް ހަމަކޮށްގެންނެވެ. ހީޓްގެ ދެވަނައަށް ދިޔައީ ޖުމްލަ 0.03 ޕޮއިންޓް މަދުވި ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓެއްލާ އެވެ.
ރެޕޭޗާޖްގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ ދެ ރާޅާއެޅުންތެރިން ހިމެނެ އެވެ. އެއީ، މެއިން އިވެންޓުގެ ތިންވަނަ ބުރުގެ ހީޓްތަކުގައި ވާދަކޮށް ގަދަ ދޭއްގައި ނުހިމެނުނު އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި ހަސަން ނާސިހު (ޗިކާ) އެވެ.
އޯޕަން ޑިވިޝަނުގައި ރާއްޖޭގެ އަށް ރާޅާއެޅުންތެރިން ހިމެނޭއިރު، މެއިން އިވެންޓުގައި ހުރީ ހުސެއިން އަރީފް (އިބޫ) އެވެ. އިބޫ އަށް ދެން އޮތީ ހަތަރުވަނަ ބުރުގެ ހީޓެވެ.