17 ޖުލައި 2023 - 15:47

ކުޑަކުއްޖަކާ ބެހުނު ކަމުގެ ދެ ދައުވާއެއް ސާބިތުވެ މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މި ހުކުމް އައީ ބ.ތުޅާދޫ، ދުންފިނިގެ، ނިޝާން އިބްރާހީމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ނިޝާން އިބްރާހީމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުގެ އެކިދުވަސް މަތިން، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ ގެއަށް ގޮސް، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށެވެ.
މި ދައުވާތަކަށް ނިޝާން އިންކާރުކުރި އެވެ.
އެހެންވެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ރިއާޔަތްކުރުމުން މި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެެއްނެތި ސާބިތުވާ ކަމަށް ކޯޓުން ބުންޏެވެ.
ނިޝާންގެ މައްޗަށް އައީ ކޮންމެ ދައުވާއަކަށް 14 އަހަރުގެ ޖަލު ހުކުމެކެވެ. ގާޒީ އިސްމާއިލް ޝަފީއު އިއްވެވި މި ދެ ހުކުމުން ޖުމްލަ 28 އަހަރު ޖަލު އަދަބެއް ވަނީ އިއްވައިފަ އެވެ.