19 ޖުލައި 2023 - 09:31

ޓިކްޓޮކް ބަލަމުން ދަނިކޮށް، ފެނުނު ވީޑިއޯއެއްގައި، އާންމު މީހަކު އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވައުދުތަކެއް ވަނީ އެވެ؛

"ތުއްތުކުއްޖާ އުފަންވީއްސުރެ ދެ އަހަރު ވަންދެން ކޮންމެ މަހަކު ދެ ބޮނޑި ނެޕީ ލިބިގެންދާނެ. އަންހެން ބޭކަނބަލުންނަށް ކޮންމެ މަހަކު ދެ ބޮނޑި ސެނިޓަރީ ނެޕްކިން ލިބިގެން ދާނެ."

"ރައްޔިތުންގެ ސަރުކާރެއްގައި މިނިމަމް ވޭޖް 10،000ރ. އަށް ބޮޑުކޮށްދޭނަން... ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް މަހަކު 7500ރ. ލިބިގެންދާނެ. އެކަނިވެރި މައިންނަށް ކޮންމެ މަހަކު 3000ރ. ލިބިގެންދާނެ."
އޭނާގެ ނަމަކީ، ބްރޯ އިބްރާހިމް ރަޝީދެވެ. އޭނާ ބުނާ ގޮތުން އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެވެ. އެއީ އޭނާގެ ވައުދުތަކުގެ މުހިންމު ބައިތަކެވެ. އެކަމަކު، އާންމުންގެ ނަޒަރުގައި އޭނާ އަކީ، އަދި އެ ވައުދުތަކަކީ ވެސް ބޮޑު ޖޯކެކެވެ. އެހެން ބުނެ، އެތައް ބަޔަކު އޭނާ އަށް މަލާމާތްކޮށް، ކޮމެންޓް ވެސް ކޮށްފައި އެބަހުއްޓެވެ.
ސުވާލަކީ މި އެވެ؛ ބްރޯ ރަޝީދާއި އެހެން ކެންޑިޑޭޓުންގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ތަފާތު ވައުދެއް ވަކި ކޮބައި ހެއްޔެވެ؟ ބްރޯ ރަޝީދު ޖޯކަރަކަށް ވީއިރު، އެހެން ކެންޑިޑޭޓުންގެ ވައުދުތަކުގައި އޮތީ ވަކި ކޮން ހާއްސަ ކަމެއް ހެއްޔެވެ؟ -- އަޅުގަނޑަކަށް ނެތެވެ!
ރިޔާސީ އިންތިހާބު މިއޮތީ ކުރިމަތީގަ އެވެ؛ ވައުދުތަކުގެ މޫސުން އައިސް ބޯމަތިވީ އެވެ. ރައީސް ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ވެސް އޮތީ ވައުދެވެ. މަތިމައްޗަށް ހުސް ވައުދެވެ.
މި ދުވަސްވަރު މުޅިން ވެސް މި އިވެނީ މާލެ އާއި ރަށްރަށުގައި ވަކި ކަމެއް ކޮށްދޭނެ ވާހަކަތަކެވެ. އެވެނި ވަރަކަށް މިލިއަނަރުން އުފައްދައިދޭނެ ވާހަކަތަކެވެ. ޒުވާނުން ދެން ގަނަތެޅެން ނުޖެހޭނެ ވާހަކަ އެވެ. ބްރިޖްތައް ހަދައި ރޭލުދަތުރުތައް ކުރެވޭނެ ވާހަކަ އެވެ. ޖީބަށް ޑޮލަރު ވައްދައިދޭނެ ވައުދުތަކެވެ. ފަންސާހަށް މީހުން އުޅޭ ރަށްރަށަށް ގޮސް އެ ރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުން ބައިތިއްބާނެ ވާހަކަ އެވެ. ފްލެޓާއި ގޯތި ދޭނެ ވާހަކަތަކެވެ. މިހެން ގޮސް އެތައް ބައިވަރު ފޮންޏެކެވެ!
އެ ވައުދުވާ ކެންޑިޑޭޓު ހޮވި، ފަސް އަހަރުގެ ދައުރު ނިމޭއިރު، ރަށްރަށުގައި މީހުން ތިބެނީ އުފަލުން ފޮޅިފަ އެވެ. ރަށުގެ ދެބައިކުޅަ އެއްބައި މީހުން ތިބެނީ މިލިއަނަރުންނަށް ބަދަލުވެފަ އެވެ. ބޯހިޔާވަހިކަން އޮންނަނީ ފުރިހަމަވެފަ އެވެ. ވަޒީފާ ނެތް ހުރިހާ ދަރިން ތިބެނީ ވަޒީފާގަ އެވެ. ރަށުގައި ހަދާލާ ރީތި ބަނދަރަށް ފައިބައި، ރަށަށް އަރާއިރު ކުރިން އޮތް ޗަކަ މަގުތަކުގައި އޮންނަނީ ތާރު އަޅައިފަ އެވެ. ހޮސްޕިޓަލުގައި ކޮންމެ ބައްޔަކަށް ހާއްސަ ޑޮކްޓަރުން ތިބެ އެވެ. އެސްޓީއޯ ބޭސް ފިހާރައިގައި ކޮލިޓީ ބޭސް ހުރެ އެވެ. ސްކޫލުގައި ކުދިން ކިޔަވަން ތިބެނީ ސްމާޓް ބޯޑާ އެކު އޭސީ ކުލާސްތަކުގަ އެވެ. ނަރުދަމާ އޮވެ އެވެ. އިސްކުރު ދޫކޮށްލީމަ ސަޕްލައި ފެން ލިބެ އެވެ. ރަށުގައި ހުރި ބައިވަރު ގެސްޓް ހައުސްތައް ފުރި، ކޮންމެ މީހެއްގެ ޖީބު އޮންނަނީ ޑޮލަރުން ފުރިފަ އެވެ. ބޭނުން ކޮންމެ އިރަކު ސްޕީޑް ފެރީގައި ކައިރި ރަށަށް ދެވެ އެވެ. ބާނާ މަސްކޮޅު ވަގުތުން ކިރާލައިގެން ވަގުތުން ފައިސާކޮޅު ލިބެ އެވެ. އަދި ކޮބާ ހެއްޔެވެ؟ ގޭގައި ތިބި ފަސް ދަރިންގެ ތެރެއިން ތިން ދަރިން ތިބެނީ މިލިއަނަރުންނަށް ވެފަ އެވެ!
އެކަމަކު، އެކަން ވަނީ އެހެނެއް ނޫނެވެ. މި ދެންނެވި އެއްވެސް ކަމެއް ފުރިހަމަ ނުވެ އެތައް ބަޔަކު ޒުވާން އުމުރު ދޫކޮށް، މުސްކުޅިވެ މަރުވެގެން ހިނގައްޖެ އެވެ. މި ދެންނެވި އެއްވެސް ކަމެއްގެ ހަގީގަތް ނުފެނިގެން، އެތައް ބަޔަކު ރަށްރަށް ދޫކޮށް އެހެން ރަށްރަށަށް ހިޖުރަ ވެސް ކޮށްފި އެވެ. މި ދެންނެވި އެއްވެސް ކަމެއް އެއީ ހުވަފެނަކުން ނޫނީ ނުފެންނާނެ ކަމަށް ގަބޫލުކުރާ އާބާދީ ވެސް ރާއްޖޭގައި ބޮޑުވެއްޖެ އެވެ. އަދި، މި ދެންނެވި އެއްވެސް ކަމެއް އެއީ، ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ވެސް އެބަތިއްބެވެ.
އެކަމަކު އަދިވެސް ވައުދު ވަނީ އެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރަށްރަށުގައި އިމާރާތްތައް އަޅަން ކަޑަ ޖަހައި، އެ ކަޑަ ފީވެގެން ގޮސް، އަނެއްކާ ޖެހިގެން އަންނަ ފަސް އަހަރު ވެސް ހަމަ އެތާނގައި ކަޑަ އާކުރުމެކޭ މިހާރު ވަމުންދާ ވައުދުތަކެކޭ ތަފާތެއް ނެތެވެ. ބޮޑެތި ބިޔަ ވައުދެވެ. ނުވާނެކަން އެނގޭ ވަރުގެ ވައުދުތަކެވެ. ނުވަތަ ގަސްތުގައި މީހުންގެ ބޯކާލަން ދައްކާ ވާހަކަތަކެވެ. އެކަމަކު މައްސަލަ އަކީ ގިނަ ފަހަރަށް އެ ވައުދުތައް ހަނދާން ނެތި، އަނެއްކާ ވެސް ހަމަ އެ ވައުދުތަކުގެ މައްޗަށް ވޯޓު ދެވޭ ކަމެވެ.
މި ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެކި ކެންޑިޑޭޓުން ކިތައް ވައުދު ވެއްޖެ ހެއްޔެވެ؟ އޭގެ ތެރެއިން ފުއްދުނީ މުހިންމު ކިތައް ވައުދު ހެއްޔެވެ؟ މިއީ މި ދަނޑިވަޅު ކޮންމެ މީހަކު ވެސް ވިސްނާލަން ރަނގަޅު ކަމެކެވެ.
އޭގެ ބަދަލުގައި ރާއްޖެ އޮތީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. ވައުދު ވިއްކައި، އޭގެ ދަލުގައި ޖައްސައިގެން ރައްޔިތުންގެ ބޯކާލަން އުޅުމަށް ވުރެ ދިވެހިންގެ ނިކަމެތި ކަމާއި ގައުމުގެ ހާލަތު ހަގީގަތުގައި މާ ގޯހެވެ. މިލިއަނުން ޑޮލަރު ވައްދާނަމޭ ބުނާއިރު، މި އުޅެނީ ޑޮލަރުގެ އަގު ހަމަ އަގުގައި ވެސް ނުހިފެހެއްޓިގެންނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭން ވައުދުވާ އިރު، މި އުޅެނީ މާސިންގާ ކުލިތަކުން ސަލާމަތް ނުވެވިގެންނެވެ. ޑޮކްޓަރުންގެ ވާހަކަ ދައްކާ އިރު، މި އުޅެނީ އައިޖީއެމްއެޗުގައި ވެސް ޑޮކްޓަރުން ހަމަނުވެގެންނެވެ. ކޮލިޓީ ބޭހުގެ ވާހަކަ ދައްކާއިރު، މި އުޅެނީ ރާއްޖެ އެތެރެކުރާ ޕެނެޑޯލް އިން ދެ ގުޅަ ކާލައިގެން ވެސް ބޮލުގެ ރިހުން ރަނގަޅު ނުވެގެންނެވެ. ސްމާޓް ބޯޑުގެ ވާހަކަ ދައްކާ އިރު، ކުލާސްރޫމްގެ ފަންކާ ވެސް ގިނަފަހަރަށް ގަނެދޭން މި ޖެހެނީ ބެލެނިވެރިން ފައިސާ އެއްކޮށްގެންނެވެ. ދަތުރުފަތުރުގެ ވާހަކަ ދައްކާއިރު، ވައިގެ މަގުން ރާއްޖޭގެ ރަށަކަށް ދިއުމަށް ވުރެ ލަންކާ ކަހަލަ ތަނަކަށް ދެބުރު އަޅާލުން ވެސް މާ ރަނގަޅެވެ.
ވަޒީފާ ނެތިފައި އޮތް އާބާދީއެއް ރާއްޖޭގައި އެބައޮތެވެ. ޑްރަގް ނަގައިގެން މަގުމައްޗަށް ބޮޑު ޖީލެއް އޮތީ ވެއްޓިފަ އެވެ. ޖަލު އޮތީ ފުރިބާރުވެ، ހުކުމް ނުކުރެވޭ ހާލަތުގަ އެވެ. ރާއްޖޭގައި ޒުވާނުން ހަށިވިއްކަން މަގުމައްޗަށް ނުކުމެ އާމްދަނީ އެބަހޯދަ އެވެ. އެތައް ބައިވަރު ކުދިންނެއް ކޮންމެ އަހަރަކު ސްކޫލުތައް ނިންމައިގެން ނުކުމެގެން އަންނަ އިރު، ކުރާނެ ކަމެއް ނެތިގެން ގޮސް ބައެއް ކުދިން ގޭންގުތަކާ އެބަ ގުޅެ އެވެ. ބިދޭސީން ގިނަވެ ދިވެހިން ބާކީވެއްޖެ އެވެ. ދެތިން ވަޒީފާ އަދާކޮށްގެން ވެސް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ވަރަށް ހަރަދުތައް ބޮޑުވެއްޖެ އެވެ. ކެފޭއަކުން ކޮފީ އަކާއި ފެންފޮދެއް ބޯލާއިރަށް، ބިލަށް 70ރ. އެބަ އަރަ އެވެ. ގެއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދާލާއިރު ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރައިގެ ތިން ގުނަ އެބަ ހޭދަވެ އެވެ.
ރައްޔިތުން ކައިރި އަށް ވޯޓު ހޯދަން ސިޔާސީ މީހުން ދާންވީ ފޮނި ވައުދުތަކާ އެކު އެއް ނޫނެވެ. ފުރަތަމަ ގަބޫލުކުރަންވީ ރާއްޖޭގެ ހާލަތު އޮތް ގޮތެވެ؛ ރާއްޖޭގެ ހަގީގަތެވެ. ފަރުވާ ހޯދަންވީ ރަށްރަށުގައި މީހުން އުޅޭ ނިކަމެތި ކަމަށެވެ. މާލޭގައި މީހުން އުޅޭ ހަރަދުބޮޑު ދިރިއުޅުމަށެވެ. އުފައްދަންވީ ވަޒީފާތަކެވެ. ފަށަންވީ އިގްތިސާދީ ގިނަ މަސައްކަތްތަކެވެ. ގެންނަންވީ އިންވެސްޓްމަންޓްތަކެވެ. މަދުކުރަންވީ ކޮރަޕްޝަނެވެ. ނައްތާލަންވީ ޑްރަގެވެ. ހިފައްޓަންވީ ޑޮލަރުގެ އަގުތަކެވެ. ވިއްކަންވީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމެވެ. ހަމަޖައްސައިދޭންވީ އެކަށީގެންވާ ވަރުގެ އަގުތަކުގައި އުޅެވޭ ވަރުގެ ދިރިއުޅުމެކެވެ.
މިވެނި އެވެނި ކަމެއް ކޮށްދޭނެ ކަމުގެ ހުވަފެންތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. ކެންޑިޑޭޓުން ރައްޔިތުންނާ ހަމައަށް ދާންވީ ކުރެވޭ ވަރުގެ ކަންތައްތަކާ އެކު އެވެ! ދާންވީ ފުރިހަމަ އިގްތިސާދީ ޕްލޭންތަކަކާ އެކު އެވެ. ފުރަތަމަ ހޯދަންވީ އަދި ބުނެދޭން ވެސް ވީ އެކަން ކުރަން ފައިސާ ހޯދާނެ ގޮތްތަކެވެ. އެކަމަކު އެ ހޯދާނެ ގޮތެއް، ޕްލޭނެއް ނެތެވެ. ކުރެވެން އޮތް ކަމެއް ކުރެވޭނީ ވެސް ފުރަތަމަ ފައިސާ ލިބިގެންނެވެ. އެ ނެތިއްޔާ، ބްރޯ ރަޝީދުގެ ވައުދަކާ ތަފާތެއް ނެތެވެ!