ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

ފައިސަލްގެ ދެލޯ މެރުމާއެކު މޭޒު ތަންދޮށަށް ސޮހިގެން ވެއްޓުނެވެ. ރިންދާ ހަޅޭއްލަވައިގަތެވެ. އެކި ދިމަދިމާއިން މީހުންތައް އައިސް އެ ތަަނަށް ބޮނޑިވިއެވެ. ފައިސަލް މޭޒުދަށުން ނެރި، ރަނގަޅަށް ވައިލިބޭ ތަނެއްގައި ބޭއްވިއެވެ. ކޮންމެވެސް މީހަކު ފެންފުޅިއެއް ދިއެްކޮށްލިއެވެ. އެންބިއުލަންސަށް ގުޅާކަށް އެކަކު ވެސް ނޫޅެއެވެ. ފައިސަލް އޮތީ އަނބުރައިގެންފައިކަމެއް، ހޭނެތިފައިކަމެއް އެނގޭނެ މީހަކު ވެސް އެ ތާކު ނެތެވެ.

ހޭއެރި އިރު ފައިސަލް އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި ރިންދާއާއި، ސަތޫއާއި، ސިރާޖު ވެސް ހުއްޓެވެ. ފައިސަލްގެ ބޮލަށް ތަދުވާކަން އިހުސާސްކުރެވުނެވެ. ވެއްޓުނު ވަގުތު ބޯޖެހުނީ ކޮން ތަނަކުކަމެއް ފައިސަލަކަށް ނޭނގެއެވެ. ކަނާއަތު ފައިގެ ބޮޑުވައިއިނގިއްޔާއި، އުނަގަނޑުގައި ވެސް ތަދެއް ހުރިކަމުގެ އިހުސާސްކުރެވުނެވެ. ވެއްޓުމުގެ ކުރިން އެންމެ ފަހުން ވީ ކަމަކަށް ފައިސަލް ހަނދާންހުރީ، ރިންދާޔާ ވާހަކަދައްކަން ކެފޭގައި އިންކަމެވެ. އެ ހުރިހާ ވާހަކައެއް ފައިސަލް ބުންޏެވެ. ނުބުނާ ވާހަކައެއް ވެސް އޮތެވެ. ވެއްޓުނު ސަބަބެވެ. މީހެއްގެ ސިފަޔަކަށްދާ، ކަޅު ހިޔަންޏެއް ނުވަތަ ދުންގަނޑެއް ކަހަލަ އެއްޗެއް ފެނުމާއި، އޭނަ ހިފައިގެންހުރި، ދިގު ދަނގަނޑެއް ކަހަލަ އެއްޗެއް ފައިސަލްގެ މެޔަށް ޖެހި ވާހަކައެވެ. އެ ވަގުތު މުޅި ހަށިގަނޑަށް އަރައިގެންދިޔަ ތޫނު ތަދު އަބަދު ވެސް ފައިސަލް ހަނދާންހުންނާނެއެވެ. ދެވަނަ ފަހަރަށް އެ ތަޖުރިބާކުރާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ހުރިހައި ކަމަކަށް ތިން ސިކުންތު ވެސް ނުވެއެވެ. އެކަމަކު އެއީ ކާކު ގަބޫލުކުރާނެ ވާހަކައެއްހެއްޔެވެ؟ މަންޒަރު ފެނުނީ ފައިސަލްގެ ލޮލަށެވެ. ފައިސަލަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. ކެފޭއަށް ވަތް އިރު ވެސް ފައިސަލް ހުރީ ކުޑަކޮށް މޭނުބައިކޮށްފައެވެ. ހޮސްޕިޓަލުގެ އެނދުގައި އޮތް އިރު ވެސް ހަމަ އެ ކަހަލަ އިހުސާސެއް ކުރެވެމުންދިޔައެވެ. ފައިސަލް އޮތީ ސިހިސިހިއެވެ. ކުރިން ފެނުނު ހިޔަނި ފެނިދާނެތީއެވެ. އެއީ ބަލަން ފަސޭހަ އެއްޗެއް ނޫނެވެ. ފައިސަލަށް ވާ ގޮތް އެނގޭނެ ހަމަ އެކަނި މީހަކަށް އެ ތަނުގައި ހުރީ ސިރާޖެވެ. ސިރާޖުގެ މޫނުމަތިން ވެސް ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. އެ ވަގުތު ޑަކުޓަރު އައެވެ. ފައިސަލް އުންމީދުކުރީ ޑަކުޓަރީ ގޮތުން ކޮންމެވެސް ސަބަބެއް ދައްކާނެކަމަށެވެ. ވީ އެހެނެއް ނޫނެވެ.

"ސީރިޔަސް މައްސަލައެއް ނެތް،" ޑަކުޓަރު ބުންޏެވެ. "ހުރިހާ ކަމެއް ނޯމަލް! ވެދާނެ ސްޓްރެސްކަމަށް ވެސް. ހަށިގަނޑަށް ތަންކޮޅެއް ރެސްޓުދީ! ދުވަސްކޮޅެއް ވަންދެން އެއްވެސް ކަހަލަ އިންޖީނުލީ އެއްޗެއް ނުދުއްވުން ބުއްދިވެރި. ނިދި މަދުވިޔަ ނުދޭތި! ދެން ނެތް ބުނާނެ އެއްޗެއް."

ގަޑިއެއްހައި އިރު ފަހުން ހޮސްޕިޓަލުން ފައިސަލް ދޫކޮށްލިއެވެ. ޑަކުޓަރު ކޮންމެ އެއްޗެއް ބުންޏަސް، އަރާމުކުރަން ގޭގައި އޮތުމަކީ ފައިސަލްގެ ނަސީބު ތަންދޭކަމެއް ނޫނެވެ. ރުގުޔާކުރަން ދާންޖެހެއެވެ. ސިހުރު މައިތިރިކުރަންޖެހެއެވެ. ފައިސަލްގެ މައްސަލަ، ޑަކުޓަރުންނަށް ވުރެ ބޮޑަށް ފައިސަލަށް އެނގެއެވެ. ނުވަތަ ލަފާކުރެވެއެވެ. އެނދުގައި ފައިސަލް އޮށޯތުމުން ޒިޔާން އައިސް ފައިސަލްގެ ބިއްދޮށުގައި އޮށޯވެގެން އިރުކޮޅަކު އޮތެވެ. ރިންދާ ބޭނުންވި ވާހަކަ ފެށީ ޒިޔާން ދިޔައިމައެވެ.

"ކުރީ ދުވަހު ސައިކަލުން، މިއަދު ގޮނޑިން ތި ވެއްޓުނީ،" ރިންދާ މަޑުމަޑުން ބުންޏެވެ. "ތީ ނޯމަލެއް ނޫނެއްނު! ކޮބާ މައްސަލައަކީ؟"

ބުނާކަށް ފައިސަލަކަށް ނުކެރުނެވެ. ބަލަހައްޓައިގެން އޮތީއެވެ. ފައިސަލަކީ ޖިންނިމޮޔަވެފައިވާ މީހެއްކަމަށް ބުނާނެ ގޮތެއް ފައިސަލަކަށް ނޭނގެއެވެ. ރިންދާ ބިރުގެންފި ނަމަ އޭގެ އުނދަގޫ ވެސް ފައިސަލަށް ކުރިމަތިނުވެއެއް ނުދާނެއެވެ.

"ނޭނގެ ރިންދާ!" ފައިސަލް ދޮގުހެދިއެވެ. "ހީވަނީ ސްޓްރެސްހެން. ވަރަށް ބޮޑުކަމަކާ އެބަ ވިސްނަން."

"އެއީ ކޮން ކަމެއް؟" ރިންދާ ސުވާލުކުރިއެވެ. "ކާކު ގުޅީ؟"

"އެ ކަމާ ސިރާޖު ވެސް އެ ގުޅީ. މިހެން އެނދަކު ނޯވެވޭނެ،" އެނދުގައި އިށީންނަމުން ފައިސަލް ބުންޏެވެ. "އަހަރުމެންނަށް އެ ޕްރޮޖެކްޓު ލިބިއްޖެއްޔާ ... އެ ވާހަކަ ބާއްވަމާ ހިނގާ! އޮފީސް ވާހަކަ ގޭގަ ދައްކާކަށް ނުވާނެ. ޒިޔާން ކޮބާ؟ އަޑުއެހިން ތީ މާ ރީތިކޮށް ކުރަހާ މީހެކޭ ކިޔާ އަޑު. ޒިޔާން އެބަހުރި ސާމާނުތައް ތައްޔާރުކޮށްފަ. ބުނީ ރިންތަ ގޮވައިގެން ނޫނީ ޑެޑީ ނުވާނޯ ގެއަށް ވަދެގެނެއް. އެހެންތާ މިވީ ވެސް."

"ޒިޔާން ނުބުނާނެ އެހެނެއް." ވަރަށް ޔަގީންކަމާ އެކުގައި ރިންދާ ބުންޏެވެ.

"ތި ބުނީ ހަމަ ބަރާބަރަށް،" ފައިސަލް އެއްބަސްވިއެވެ. "އެކަމަކު ޒިޔާންގެ ބައްޕަ ބުނެފާނެއްނު."

"އާނ! ތިހެންވެދާނެ. ޒިޔާންގެ ބައްޕައަކީ ފިސާރި ފިރިހެނެއް!" ސަމާސާ ރާގެއްގައި ރިންދާ އެހެން ބުނެފައި ސީރިޔަސްވިއެވެ. "ފައިސަލް ބޭނުންވަނީ ވާހަކަ އޮޅުވާލަންކަމަށް ވަންޏާ، އަހަރެން ހުރެދާނަން ހަމަ ނޭނގިފަ. އެހެންތަ ބޭނުންވަނީ؟ ނޫނީ ވެގެން ތި އުޅޭ ގޮތް ޝެއާކުރަން ބޭނުން ނޫނީތަ؟ އެންމެ ކައިރީގަހުންނަ މީހާގެ ވާހަކަ މާ ދުރުން އިވުނީމަ އަހަރެން އެހާ ހިތްހަމައެއްނުޖެހޭނެ. ފައިސަލަށް މިހާރު އެނގޭނެ އަހަރެންގެ ގޮތް. ކޮންމެ މީހެއް ކައިރީގަ ވިޔަސް، ބުނަން ބޭނުން އެއްޗެއް ބުނަން ބޭނުން ގޮތަކަށް އަހަރެން ބުނާނެ. އަހަރެންގެ އަނގައިގަ ޓޭޕު ތަތެއްނުލާނެ. ކިހިނެއްވެގެން އަސްލު މި އުޅެނީ؟ ލާސްޓު ޗާންސް އިނގޭ!"

ތެދެއް ބުނެގެން ވާނެ ފައިދާއެއް ނެތް ތަނުގައި، އެތައް ގެއްލުމެއް ވާނެކަން ފައިސަލަށް އެނގެއެވެ. އެހެނަސް، އެހައި ސާފުކޮށް ރިންދާ އެހީމައި ދޮގެއްހަދާކަށް ވެސް ފައިސަލަކަށް ނުކެރުނެވެ. އެއްޗެއް ނުބުނެ، އިސްޖަހާލައިގެން އިނީއެވެ.

"ޕޮލިހަށް ގުޅާފަ ސީމާ ބަސްޓުކޮށްލަބަލަ!" ރިންދާގެ އަޑު މަޑަސް، ރާގު ހަރުކައްޓެވެ.

ފައިސަލް ކުއްލިއަކަށް ރިންދާގެ މޫނަށް ބަލައިލިއެވެ. ހިތަށްއެރިއެވެ. ހުރިހައި ދޮގެއްހެދުނީ ރިންދާއަށް ހަގީގަތް އެނގިފައޮއްވައިހެއްޔެވެ؟

"ސިރާޖު ސަތޫއަށް. ސަތޫން ރިންދާއަށް،" ފައިސަލް ބުންޏެވެ. "ދެން ކީކޭ ސަތޫ ކިއީ؟"

އެ ސުވާލަށް ޖަވާބުނުދީ ރިންދާ ކޮޓަރިން ނުކުމެގެންދިޔައެވެ. ފައިސަލް ގޮވީމައި ވެސް ނުހުއްޓުނެވެ. ކުރަހާ ފޮތް ހިފައިގެން އައި ޒިޔާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިންދާ ލައްވައި އެތައް އެއްޗެއް ކުރައްސަން ޒިޔާން ހުރީ ތައްޔާރުވެގެންނެވެ. ފައިސަލް ވަގުތުން ފޯނުނަގައިފައި ސިރާޖަށް ގުޅިއެވެ. ސިރާޖު ރުޅިއައީ ސަތޫ ދެކެއެވެ. އެ ވަރު ސިއްރެއް ނުހިފޭއްޓުނީމައެވެ. ސަތޫ ރުޅިއައީ ރިންދާ ދެކެއެވެ. ސިއްރު ބޭޒާރުކޮށް، ބޮޑު ހައިޖާނަކަށްހެދީމައެވެ. ހިރަފުސް އޮބުމުން ފައިސަލް ހިތަށްއެރިއެވެ. އެއްގޮތަކުން އެ ވީ ގޮތް ރަނގަޅެވެ. ލޯބިވާ މީހަކު، ކޮންމެ ހާލެއްގައި ވެސް ލޯބިވާނެއެވެ.

ޑަކުޓަރު އަރާމުކުރަން ބުނެފައިއޮއްވައި ފައިސަލް ދިޔައީ މަންސޫރު ގާތަށެވެ. ރުގުޔާކުރުމަށް ޓަކައެވެ. އެ ތަނުން ސިރާޖާ ބައްދަލުވެ، ޖެހިފައިވާ ކުނި ފިލުވައިލިއެވެ. ފުރަތަމަ ރޭގެ ކިޔެވުން ނިންމައިލިއެވެ. ފައިސަލް އުންމީދުކުރި އެއްވެސް ކަމެއް ނުވެއެވެ. ލޯމަރައިލައިގެން އޮއްވައި ފައިސަލަށް ނިދުނީއެވެ. ސިރާޖު ބުނި ގޮތުގައި، ނިދީގައި ފައިސަލް ވަރަށް ގަދަޔަށް ގުގުރިދެމިއެވެ. ވީ ހަމަ އެކަނި ކަމަކީ އެއީއެވެ.

"އެންމެ ދިގުލާ ގޮތަށް މި ދަނީ،" މަންސޫރު ބުންޏެވެ. "މި ތަނުގައި ތިބި ހުރިހާ އެންމެނަށް އަހަރެން ކިޔެވި އަޑުއިވޭނެ. އުނދަގޫވާ ބަޔަކަށް އުނދަގޫ ވެސް ވާނެ. ވީކަމަށް ނެހެދުނީ. ކިހާ ދުވަހަކު އެހެން ތިބެވޭނީ؟ ހިނގާ ބަލަމާ! ހީވާ އެއްޗެއް ބުނެފާނަން. މި ކަން ކުރާ ބަޔަކު ދެވަނަ ދެ ކަމެއް ނުކުރޭ! އެކަމަކު އެމީހުންނަކަށް ނޭނގޭ ޤުރުއާނަކީ ކިހާ ބާރުގަދަ ފޮތެއްކަމެއް. އެއްވެސް ބިރެއްގަންނާނެކަމެއް ނެތް، އަހަރެން ބުނާ އާޔަތްތައް ހިތުން ދަސްކުރޭ! ކިޔެވޭ ހުރިހާ ވަގުތަކު ހިތުން ކިޔާލަކިޔާލާ ހުރޭ! އަބަދުވެސް ނަސްރުދެއްވާނީ ހައްގަށް. ބާތިލަކަށް ނޫން."

ފައިސަލް ގެއަށް ދިޔައީ ސައިކަލުގައެވެ. އެކަނިމާއެކަންޏެވެ. ބިރުނުގަންނާތީއެއް ނޫނެވެ. ގޮސްގޮސްހުއްޓައި ވެސް ކަމެއްވެދާނެކަން ފައިސަލަށް އެނގެއެވެ. އެންމެ ބިރުން އުޅުނު ކަންތައް ވެސް ވެ ނިމިއްޖެއެވެ. އެއީ ރިންދާއަށް އެނގުމެވެ. ގުޅުންކަނޑާލަން ރިންދާ ބޭނުމިއްޔާ އެ ކަމަށް ވެސް ފައިސަލް ތައްޔާރެވެ. ބާރުގަދަ ލޯތްބެއް ހޯދިދާނެއެވެ. ގަދަބާރުން ލޯތްބެއް ނުހޯދޭނެއެވެ. ސައިކަލުގައި ގޮސްގޮސް ހުއްޓައި ފައިސަލްގެ މެޔަށް ގޮތެއްވިއެވެ. އަބަދު ވެސް ގޯސްހިނގަނީ އެ އަލާމާތަށް ފަހުއެވެ. މަގުގެ އެއްފަރާތަށް ސައިކަލު މަޑުކޮށްލައިގެން، ހަރުޖައްސާލައިގެން ފައިސަލް އިރުކޮޅަކު އިނެވެ. އެންމެން ކުރިމަތީގައި އެ ތަނަށް ވެއްޓޭކަށް ފައިސަލް ބޭނުމެއް ނޫނެވެ. ވެއްޓިއްޖެއްޔާ އެހީވާނެ މީހަކު ވެސް އެ ވަގުތަކު ނެތެވެ. ނަސީބަކުން ފައިސަލަކަށް އެއްވެސް ކަމެއް ނުވެއެވެ. ޝައްކުބަލިޖެހުން ފިޔަވައެވެ. ޕާކިންޒޯނުގައި ސައިކަލު ބަހައްޓައިފައި ފައިސަލް ގެއަށް ދިޔައީ ހިނގާފައެވެ.

ވިޔަފާރިވެރީންގެ އަހަރީ އާންމު ޖަލްސާއަކީ، އަބަދު ވެސް ފައިސަލް ބައިވެރިވާ ޖަލްސާއެކެވެ. ފައިސަލަށް އިނާމެއް ލިބޭތީއެއް ނޫނެވެ. ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވި، މަގުތައް ތަނަވަސްވާތީއެވެ. ކޮންމެ ޖަލްސާއަކުން ވެސް ފައިސަލަށް ކޮންމެވެސް ނަސީބެއް ލައްވައިލައެވެ. ފައިސަލަށް ވިޔަފާރީގެ ފުރުސަތުލިބުނީ ވެސް، ވިޔަފާރި ފުޅާވީ ވެސް ހަމަ އެ ފަދަ ޖަލްސާއަކުންނެވެ. ހިތާމައަކީ، އެހެންޏާ ނޭޅޭ ކަހަލަ ހިޔަންޏެއް މި ފަހަރުގެ ޖަލްސާއަށް އެޅިފައިވުމެވެ. ތައްޔާރުވާން ލޯގަނޑު ކައިރީގައި ހުރި އިރު ވެސް، އެއް ފަހަރު ދާން ހިތަށްއެރިއްޔާ އަނެއް ފަހަރު ބޭނުންވީ ނުދާށެވެ. ހިތްވަރުލިބެނީ ވަކި ދިމާއަކަށް ވިސްނުންބެހެއްޓީމައި އެކަންޏެވެ. އަމިއްލަ ހިތާ ވަކި ސުވާލެއް ކުރިމަތިކުރީމައި އެކަންޏެވެ. ފައިސަލްގެ ދިރިއުޅުމާ ކުޅުމުގެ ބާރު ސީމާއަށް ދޭންވީ ކީއްކުރަން ހެއްޔެވެ؟ އެ ވަގުތު ފައިސަލްގެ ފޯނު ރަނގަބީލުވިއެވެ.

"އާނ ކީކޭ؟" ފޯނުނަގާފައި ފައިސަލް ބުންޏެވެ.

"ފައިބާ!" ސިރާޖު ބުންޏެވެ. "ތިރީގަ މީނީ. އަހަންނަށް އެނގޭ ކަލޭ މީޓިންއަށް ދާނެކަން. އެކަނި ދިޔަކަ ނުދޭނަން."

އެއީ ފައިސަލް ބޭނުންވި ގޮތެއް ނޫނެވެ. ފައިސަލްގެ އަސާގަނޑަކަށް ސިރާޖު ހަދައިގެނެއް ނޫޅެވޭނެއެވެ. އެއީ ހައްލެއް ނޫނެވެ. އެހެނަސް ސިރާޖު ކުރެއްނުކުރިއެވެ. އެންމެ ފަހުން ފައިސަލް ތައްޔާރުވެގެން ނުކުތެވެ. ސިރާޖުގެ ސައިކަލަށް ފައިސަލް އަރައަރާ ހުއްޓައި، ސީމާ އަންނަތަން ފައިސަލަށް ފެނުނެވެ. މަގުގައި ފައިސަލްމެން ތިބި ފަޅީން، ސައިކަލާ ދިމާއަށެވެ. ސީމާ ފެންނަކަމަކަށް ފައިސަލް ނެހެދިއެވެ. ސިރާޖަކަށް ނީނދެވުނެވެ.

"އޭ! ކަލޭ ކީއްވެ ސިހުރުހަދަނީ؟" ސިރާޖު ވަރަށް ބާރަށް ގޮވައިލިއެވެ.

ނުނިމޭ