22 ޖުލައި 2023 - 13:19

ރާއްޖޭގެ ކުރިއަރަމުން އަންނަ ޓެކްނޮލަޖީ ކުންފުނި "ޖަވާބު" އިން އެ ކުންފުނީގެ އޭއައި އެޖެންޓު "ހައްޖަ" ތައާރަފްކޮށްފި އެވެ.
"ހައްޖަ" އާއްމުންނަށް ދައްކާލާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް "ތާނަވާ" އިވެންޓުގަ އެވެ.
"ހައްޖަ" އަށް ދިވެހި ބަހުން ދައްކާ ވާހަކަ އެނގެ އެވެ. އެހެންވެ ދިވެހި ބަހުން ބުނާ ޕްރޮމްޕްޓުތަކާއި ކޮމާންޑުތައް އެނގޭނެ އެވެ. އަދި ދިވެހި ބަހުން ޖަވާބު ދޭނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި "ހައްޖަ" އަކީ ވަރަށް އުއްމީދީ އޭއައި އެޖެންޓެކެވެ. އަދި މިއީ ދިވެހިބަހާ ޓެކްނޮލަޖީގެ ގުޅުން ބަދަހިކުރުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.
ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވީ އެ ކުންފުނީގެ އަމިއްލަ ސްޕީޗް ޓު ޓެކްސްޓް (އެސްޓީޓީ) އާއި ޓެކްސްޓް ޓު ސްޕީޗް (ޓީޓީއެސް) ޓެކްނޮލޮޖީތައް އުފައްދައި، ދިވެހި ބަހުގައި މެދުކެނޑުމެއް ނެތި މުއާމަލާތް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން "ހައްޖަ" އަށް އިންޓަގްރޭޓް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގްރައުންޑް ބްރޭކިން ޓެކްނޮލޮޖީ މެދުވެރިކޮށް ސިލްސިލާ ޕްރޮޑަކްޓުތަކެއް ނެރުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖައިލަމް ވިދާޅުވީ މި ފަދަ ޓެކްނޮލަޖީތަކުގެ ސަބަބުން ރާއްޖޭގެ އޭއައި ސިސްޓަމްތަކާ މީހުން މުއާމަލާތްކުރާގޮތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ޖަވާބު ކުންފުނީގެ "ހައްޖަ" އަކީ އެ ކުންފުނިން ތަރައްގީކޮށްފައިވާ ފަހުގެ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. ޓެކްނޮލޮޖީގެ ތެރެއިން ފަސޭހަތައް ހޯދައިދިނުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.