02 އޯގަސްޓް 2023 - 06:32

ބޮލީވުޑްގެ ލޯބީގެ އަސަރުގަދަ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއެލްއެއް ގެނެސްދޭން އުޅޭ ކަމުގެ އިޝާރާތެއް އޭގެ ލީޑު އެކްޓަރު ހަރުޝްވަރުދަން ރާނޭ އިއްޔެ ދީފި އެވެ.
ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާނޭ ބުނީ އެ ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ ވަރަށް ފަހު އޭނާއަށް ގުޅައި ފިލްމެއްގެ މަސައްކަތްކުރާ ކަމަށް ބުނި ކަމަށެވެ. އަދި އެ ފިލްމަށް އޭނާ ނަގަން ބޭނުންވާ ކަމަށް ބުނުމުން އެކަމަށް އެއްބަސްވެ، ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަންނަކީ މާ ގިނަ ސުވާލުކުރާ މީހެއް ނޫން. އެހެންވެ ނާހަން އެއީ ކޮން މަސައްކަތެއްތޯއެއް ވެސް އެމީހުން ހަދާ ފިލްމެއްގައި ވިއްޔާ މަސައްކަތްކުރާނެ ކަމަށް ބުނިން. ހަމަ ފުރަތަމަ ފިލްމުގައި މަސައްކަތް ކުރިހެން،" އޭނާ ބުންޏެވެ.
އެއީ "ސަނަމް ތޭރީ ކަސަމް"ގެ ސީކުއެލް ކަމެއް، އެހެން ފިލްމެއް ކަމަށް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ހަރުޝް އާއި މަވްރާ ހޮކޭން ލީޑުން ފެނުނު، 2016 ވަނަ އަހަރު ގެނެސްދިން "ސަނަމް ތޭރީ ކަސަމް" އަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމަކަށް ވިޔަސް، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ.
ސީކުއެލްއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމަނުކުރެ އެވެ.