ހުވަފެންތަކުގައި ކުލަ ޖެހި ތަރައްގީ ލިބޭނީ މި ސަރުކާރާއެކު: ރައީސް
ހުވަފެންތަކުގައި ކުލަ ޖެހި ތަރައްގީ ލިބޭނީ މި ސަރުކާރާއެކު: ރައީސް

ހުވަފެންތަކުގައި ކުލަ ޖެހި ތަރައްގީ ލިބޭނީ މި ސަރުކާރާއެކު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަފެންތަކުގައި ކުލަ ޖެހި ތަރައްގީ ލިބޭނީ މި ސަރުކާރާއެކު: ރައީސް
ހުވަފެންތަކުގައި ކުލަ ޖެހި ތަރައްގީ ލިބޭނީ މި ސަރުކާރާއެކު: ރައީސް

އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގައި، 776 މީހުން ދިރިއުޅޭ ގޮއިދޫގައި ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި، އެ މަނިކުފާނު ހިއްސާވި އޭރުގެ އިދިކޮޅު ކޯލިޝަނަށް 70 ޕަސެންޓް ލިބުނަސް އޭގެ ހެޔޮ ފައިދާ ލިބުނީ މުޅި ރާއްޖެއަށް ކަމަށެވެ.

އެ ދުވަހު ފެށި މަސައްކަތުން މުޅި ރާއްޖެއަށް އަމާންކަމާއި ސުލްހަ ގެނެސްދެވި، އަސާސީ ހިދުމަތްތައް ފޯރުކޮށްދެވޭން ފަށާފައިވާ ކަމަށް ވެސް، ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. މި ރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، އަދި ރާވާފައިވާ ކަންކަން ނިންމުމަށް އިތުރު ފުރުސަތެއް ދިނުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

"ތި ބޭފުޅުންގެ އުއްމީދުތަކުގައި ކުލަ ޖެހިގެންދާނީ މި ސަރުކާރާއެކީ. ތިޔަ ބޭފުޅުން ތި ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ މި ސަރުކާރަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ އެއީ. ވަކި ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ރަށު ސިއްހީ މަރުކަޒުގެ އާ އިމާރަތް އެޅުމަށް ޓެންޑަރިންއަށް ލާފައިވާ ކަމަށެވެ. ފަނަރަ އަހަރުވެފައިވާ ބަނދަރު އަޕްގްރޭޑު ކުރަން ވެސް ޓެންޑަރިންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

މި ރަށަށް އިތުރަށް ބޭނުންވާ ޒަމާނީ މަގުތަކާއި ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މަސައްކަތް ހަވާލުކުރާ ފަރާތުގެ ދަތިތަކާ ހެދި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ ކޮންޓްރެކްޓުތައް ބާތިލްކޮށް އެހެން ފަރާތްތަކާ ހަވާލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ފެނާއި ނަރުދަމާ ގާއިމްކުރަމުން އަންނައިރު، އެ މަޝްރޫއުތަކުގެ ބޮޑުބައި ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ހުރިހާ ކަމަކާއެކު، ގޮއިދޫ ރައްޔިތުންގެ ކިބައިން ވަނީ އިންތިހާބުގައި ކުރިއަށްވުރެ ވުރެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި މި ރަށަށް އެމްބިއުލާންސް ފޮނުވައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.