03 އޯގަސްޓް 2023 - 10:47

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރަން އެ ޕާޓީގެ މަޝްވަރާގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.

އެ ގޮތަށް ފާސްކުރީ މިހާރު ކުރިއަށް ގެންދާ މަޝްވަރާ މަޖިލިހުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަޣުލަބިއްތުންނެވެ. އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރުންގެ އަދަދަކީ ވެސް 47 އެވެ.

އެއާ އެކު، މިހާރު ވަނީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ މިއަދުގެ މެންދުރު 2:00 އެވެ. ކެންޑިޑޭޓް ކަނޑައެޅުމުގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކަން ނުރަސްމީކޮށް މިހާތަނަށް ހާމަކުރައްވާފައި ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
މުއިއްޒަކީ މިހާރު ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވާތީ އޭނާ އަށް ޖެހިވަޑައިގަންނަވާނީ މި ހާލަތުގައި ޕީއެންސީ އަށް ސޮއިކުރައްވާށެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މުއިއްޒު ޕީއެންސީ އަށް ސޮއި ކުރައްވާނެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް އިންތިހާބާ ދެމެދު ވަގުތު ނެތުމުން ޕްރައިމަރީ ނުބާއްވައި ކެންޑިޑޭޓް ކަނޑައެޅުމުގެ ކަންކަން މިހާރު ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލިހަށް ދޫކޮށްލައިފަ އެވެ.
ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ އެ ތަން ފޫބައްދަން ކަމަށް ވެ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހު އެވެ.