08 އޯގަސްޓް 2023 - 16:50

ގދ. ރަތަފަންދު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، އެ ރަށާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެރެއްދޫ ގުޅާލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެޑައިގެންފި އެވެ.

ރައީސް ރިޔާސީ ކެމްޕެއިނަށް ހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި ރަތަފަންދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް، ކައުންސިލުން އެދިފައިވާ ގޮތަށް، ބިން އިތުރުކޮށްދިނުމުގެ މަސައްކަތް ދެން އަންނަ ދައުރަށް އިންތިހާބު ވެއްޖެ ނަމަ ކޮށްދެއްވާނެ ކަމަށެވެ.

"ކައުންސިލްގެ ރައީސް ވިދާޅުވީ މި ރަށުގެ ބިން ފުރިފައި އޮތް ވާހަކަ، މި ރަށަކާ ވަރަށް ކައިރީގައި އޮތް، ހިނގާލާފައި ދެވޭ ހިސާބުގައި އޮތް ކެރެއްދޫގެ ވާހަކަ. އިރާދަކުރެއްވިޔާ މި ރަށަށް ބިން ބޮޑުކުރުމަށްޓަކައި މި ރަށާއި ކެރެއްދުއާ ގުޅާލަދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވެރިކަމުގެ ދެވަނަ ދައުރުގައި، ރަތަންދޫގެ ވަށައިގެން އޮންނަ މަގާއި ބޮޑު މަގުތައި ތާރު އަޅައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
- ރަތަންދޫގެ ވަށައިގެން އޮންނަ މަގާއި ބޮޑު މަގުތައި ތާރު އެޅުން.
- ޒަމާނީ ވަސީލަތްތަކާ އެކު މި ރަށުގައި ޒުވާނުންގެ މަރުކަޒެއް ހެދުން.
- އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުން.
- ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހެދުން.
- ބަނދަރު ތަރައްގީކުރުން.
ރަތަފަންދު އަކީ ރައީސް ހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ގދ. އަތޮޅުގެ ހަތަރު ވަނަ ރަށެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ މަޑަވެއްޔަށެވެ. ދެން ވަޑައިގަތީ ހޯޑެއްދު އާއި ނަޑެއްލާ އަށެވެ.