09 އޯގަސްޓް 2023 - 10:02

ގަލޮޅު ދަނޑުގައި ރޭ ކުޅެން އޮތް ދިވެހި ޕްރިމިއާ ލީގުގެ މެޗަށް ކްލަބް ގްރީން ސްޓްރީޓްސް ޓީމު ހާޒިރު ނުވާތީ، އިދިކޮޅުން ނުކުންނަން އޮތް ޓީސީ ސްޕޯޓްސް ކްލަބަށް މުހިއްމު ތިން ޕޮއިންޓް ލިބިއްޖެ އެވެ.
އެފްއޭއެމުން ހާމަކުރި ގޮތުގައި ގްރީން އަށް ކުޅުންތެރިން ހަމަނުކުރެވުނީ މާލޭގައި ފެތުރޭ ހުމުގެ ރޯގާގެ އަސަރު ކުޅުންތެރިންނަށް ކޮށްގެންނެވެ. މިއާ އެކު ޓީސީ އަށް ތިން ޕޮއިންޓް ލިބުނީ ފައިދާ ދެ ގޯލާ އެކު އެވެ. ޖުމްލަ 13 ޕޮއިންޓާ އެކު ޓީސީ މިވަނީ ވަގުތީގޮތުން، ހަތަރުވަނައަށް ޖެހިލައިފަ އެވެ.
ބާރަ ޕޮއިންޓާ އެކު ފަސްވަނައަށް ވެއްޓުނު ބުރު ސްޕޯޓްސް ކްލަބް މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއީ ޓީމަކަށް ރޯގާގެ އަސަރު ކޮށްގެން ލީގު މެޗެއް ދޫކޮށްލަން ޖެހުނު ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު މާޒިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކްލަބް ވެލެންސިއާ ކުޅެން އޮތް މެޗަށް ވެލެންސިއާގެ ޓީމު ވެސް ހަމައެއް ނުކުރެވުނެވެ.
ވެލެންސިއާ އެކޭ އެއްގޮތަށް ގްރީން ވެސް ކުޅުންތެރިންގެ ހާލަތާއި މެޗަށް ހާޒިރު ނުވެވޭނެ ކަން އެންގި އެވެ. ނަމަވެސް މުބާރާތުގެ ކޮމިޓީން އިދިކޮޅު ޓީމަށް ތިން ޕޮއިންޓް ދޭން ނިންމީ، މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް އެންގުމާ ގުޅިގެން ގަވާއިދަށް ބެލުމަށް ފަހު އެވެ.
ލީގުގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ވެލެންސިއާ ބަލިކޮށް ހަ ޕޮއިންޓާ އެކު ހަވަނައަށް ޖެހިލުމުން، ހަތަރު ޕޮއިންޓާ އެކު އޮތް ގްރީން ވަނީ ހަތްވަނައަށް ވެއްޓިފަ އެވެ.
ގްރީން އަށް ލީގުގައި މިހާތަނަށް ބަލިކުރެވިފައި ވަނީ ޔޫވީ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި، ލީގު ފުލުގައި އޮތް ވެލެންސިއާ އަތުން އެޓީމު ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.