އިނިއެސްޓާ އާއި ބުސްކެޓްސް ނެތި ބާސާ މުހިއްމު މެޗަކަށް
އިނިއެސްޓާ އާއި ބުސްކެޓްސް ނެތި ބާސާ މުހިއްމު މެޗަކަށް

ބާސެލޯނާ (ފެބްރުއަރީ 1) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ކެޕްޓަން އަންދްރޭ އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް ނެތަސް އެތަން ފޫބެއްދޭނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު އިނިއެސްޓާގެ ކުޑަކަޅުވާ އަށް އަނިޔާވެފައިވާއިރު ބުސްކެޓްސްގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. ސްޕެނިޝް ލީގުގައި މި ހަފުތާގައި ރެއާލް ބެޓިސްއާ 1-1 އިން އެއްވަރުވި މެޗުގައި މި ދެ ކުޅުންތެރިން ނުކުޅެ އެވެ.

އެތުލެޓިކޯގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނައިރު މުހިއްމު ދެ ކުޅުންތެރިން ނެތުމަކީ މައްސަލައަކަށް ވާނެތޯ އެހުމުން އެންރިކޭ ބުނީ ބަދަލުގައި އަރާ ކުޅުންތެރިން އެތަން ފޫބައްދާނެ ކަމަށެވެ.

"އަހަންނަށް ލިބިފައި އޮތް ޓީމާ މެދު ހިތްހަމަޖެހޭ. ޓީމާ މެދު އުފާވޭ،" އެންރިކޭ ބުންޏެވެ. "އަހަރެމެން ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކޮށްފިން. ވަރަށް ބައިވަރު އަނިޔާގެ މައްސަލަތައް ދިމާވެއްޖެ. އެހެންވެ މިކަމުން ވެސް އަރައިގަނެވޭނެ."

އެންރިކޭ ބުނީ މިއީ ނެތް ކުޅުންތެރިންގެ ވާހަކަދައްކަންވީ ވަގުތެއް ނޫން ކަމަށާއި މިއީ ތިބި ކުޅުންތެރިންނަށް އެހީވެ ސަޕޯޓްދޭންވީ ވަގުތު ކަމަށެވެ.

ބާސެލޯނާގެ ރަފީނިއާ ފިޓްވެ ޓީމާ އެކު ދަތުރުކުރިއިރު އެއް ވަނަ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގާން އަށް ވަނީ އަރާމުކުރަން ފުރުސަތު ދީފަ އެވެ. މީގެ އިތުރުން ކަކުލުގެ އަނިޔާއެއްގެ ސަބަބުން ލޫކަސް ޑީނޭ ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.

މިރޭ ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމަށް ބެލެވެނީ މި ސީޒަނުގައި ބާސެލޯނާއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓީޓީ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ބާސެލޯނާގެ މުހިއްމު މިޑްފީލްޑަރުން ނެތުމުގެ އުނިކަން ނުދައްކާނެ ކަމަށާއި އެއަށް ވުރެ އެ ޓީމުގެ އެޓޭކް ވަރުގަދަ ކަމަށެވެ.

"މެދުތެރެއަށް ބަދަލުތަކެއް އަންނާނެ. އެކަމަކު ފޯވާޑް ލައިން އެއޮތީ އެގޮތުގައި. ލިއޮނަލް މެސީގެ ނުރައްކާ ވަރަށް ބޮޑުވާނެ. އަހަރެމެން މި ނުކުންނަނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް. ބާސެލޯނާ އިން މެޗެއްގައި ނެރޭ ނަތީޖާގެ 80 ޕަސެންޓް ނިސްބަތްވަނީ ފޯވާޑް ލައިނަށް. އެ ކުޅުންތެރިން ކުޅުމަކީ އަހަރެމެންނަށް އޮތް ނުރައްކަލެއް،" ސިމިއޯނީ ބުންޏެވެ.

މެޑްރިޑުގެ ވިސެންޓެ ކެލްޑްރޯން ސްޓޭޑިއަމުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ.