13 އޯގަސްޓް 2023 - 12:35

މި ސަރުކާރުން ހިންގި އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތަކާ އެކު ރިސޯޓުތައް ފެންވަރަށް ރަށްތަކަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެވިއްޖެ ކަމަށާއި ދެން އަވަސްވެގަންނަންވީ ރަށްތަކުގައި ގެސްޓްހައުސް ތަރައްގީކުރަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ރަށެއް ބާކީނުކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސަބަބުން ރަށްތަކަށް ހީނުކުރާވަރުގެ ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. ރަށްތައް މިހާރު ފައްކާވަމުން އަންނަނީ ރިސޯޓުތަކެއްގެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިސޯޓެއްގެ ގޮތަށް ފައްކާވަމުން މިދަނީ. މިހާރު ފެން ލިބޭނެ، ނަރުދަމާ އެބަ އޮތް، ޓޫރިސްޓުން ބަލާނެ ޗެކްލިސްޓް އެ އޮތީ ފުރިހަމަވެފައި، އަވަހަށް ތިޔަ ބޭފުޅުން ގެސްޓްހައުސްތައް އަޅުއްވާ،" ރައީސް ވިދާޅުވި އެވެ.
"މިއީ ރަނގަޅު މުސްތަގުބަލެއްގެ ފެށުން."
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި އެފަދަ އިންވެސްޓްމެންޓްތައް ކުރަން ބޭނުންވާ މީހުންނަށް ލުއި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ އެވެ.
މި ސަރުކާރުން ކުދި އާބާދީތަކަށް އިސްކަންދިން ނަމަވެސް، ވާދަވެރިން އެކަން އެގޮތަށް ނުކުރައްވާނެކަން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބޭފުޅުން މިހާތަނަށް ވެސް އިސްކަންދިނީ ބޮޑެތި އާބާދީތަކަށެވެ. ދެން ވެސް ކަން ކުރާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޮޑެތި އާބާދީއޭ ކިޔައިގެން މި ދައްކާ ވާހަކަ ދިމައެއްނުވޭ. އެ މާޒީގެ ތެރެއަށް ގޮއްސިއްޔާ އަނެއްކާވެސް ތަޖުރިބާ ކުރަން ޖެހެނީ ހިތި. ދެން އެނބުރި އެކަން ދެކޭކަށް މިލަދޫ ރައްޔިތުން ބޭނުމެއް ނުވާނެ. ރައްޔިތުންނަށް ބޭނުންވެފައި ހުރި ހިދުމަތްތައް ފުރިހަމަކޮށްދޭން،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، މިލަދޫ ރައްޔިތުންނަށް އޮތް ގޮތަކީ މި ސަރުކާރު ދެވަނަ ދައުރަކަށް އިންތިހާބު ކުރުން ކަމަށް ވިދާޅުވި އެވެ.
- ގިރާ ސަރަހައްދު ހިމާޔަތްކުރުން.
- ބޮޑެތި މަގުތަކުގައި ތާރުއެޅުން.
- ފްލެޓް ނުވަތަ ރޯހައުސް އެޅުން.
- ސްޕޯޓްސް ކޮމްޕްލެކްސް.
ރައީސް ވިދާޅުވީ ރައްޔިތުން ގޮތް ނިންމާނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށާއި މި ރަށު ރައްޔިތުން ނިންމާނެ ގޮތާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އާބާދީގައި 800 އެއްހާ މީހުން އުޅޭ މި ރަށުން ރައީސަށް ބޮޑު ތާއިދެއް ދައްކާލި އެވެ. މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ.
"އަޅުގަނޑަށް މި ދެވުނު ހަތް ރަށުން ވެސް ފެނުނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް މި ކުރާ މަސައްކަތުގައި މި އަތޮޅުގެ ރައްޔިތުން ނުކުމެ ތިބި މަންޒަރު. ކުރިއަށްވުރެ ބޮޑު އަޣުލަބިއްޔަތެއް މިފަހަރު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
"އެ ދުވަހު ނުކުމެ ވީހާވެސް އަވަހަކަށް ވޯޓު ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް."