13 އޯގަސްޓް 2023 - 22:24

ރާއްޖޭގެ އެއްވެސް ޒުވާނަކު ބާކީނުކޮށް, ހާސްކަމެއް ނެތް ޒުވާން ޖީލެއް ބިނާކުރުމުގެ ވައުދުތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ހުށަހަޅުއްވައިފި އެވެ.

ދެވަނަ ދައުރަކަށް ނުކުންނަވައި ހުންނެވި ރައީސްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ޒުވާނުންނާ ގުޅޭ ސިޔާސަތު ކަމަށްވާ "އާ ޒުވާނުންގެ ޖީލް" މިރޭ ވަނީ ލޯންޗުކޮށްފަ އެވެ.

އެގޮތުން، މި ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ ޒުވާނުންނަށް އަގު ހެޔޮކޮށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމެވެ. ސިޔާސަތުގައިވާ ގޮތުން ޒުވާނުންނަށް ހާއްސަކޮށް އެފޯޑަބަލް ހައުސިން ފްލެޓްތައް އަޅާނެ އެވެ.
އަދި، ސްޓޫޑިއޯ ސްޕޭސަސް އާއި ކޯ ލިވިން ސްޕޭސަސްގެ އިތުރުން ކައުންސިލް ހައުސިން ވެސް ތައާރަފް ކުރާނެ ކަމަށް ސިޔާސަތުގައިވެ އެވެ. މީގެ ބޭނުމަކީ، ސިޔާސަތުގައި ލިޔެފައިވާ ގޮތުގައި އަގުހެޔޮކޮށް ދިރިއުޅެން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމެވެ. އަދި، ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ހޯދައިދިނުމެވެ.
މީގެއިތުރުން، އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ހަ ޕަސެންޓް އިންޓްރެސްޓަށް ވުރެ އިތުރު ނުވާނެ ގޮތަށް ލޯނު ހަމަޖެއްސުމަށް ވެސް ސިޔާސަތުގައި ކަނޑައަޅާފައިވެ އެވެ.
- ވަގުތީ ހިޔާވަހިކަމަށް ކައުންސިލް ހައުސިން ފޯރުކޮށްދިނުން
- އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދޭން ލޯނު ހަމަޖެއްސުން
- އަތޮޅުތަކުގައި ތިބެގެން މަތީ ތައުލީމަށް ސަރަހައްދީ ދަނާލްތައް ގާއިމްކުރުން
- މެންޓަލް ހެލްތު ކޮންސަލްޓޭޝަން ގައުމީ ފެންވަރުގައި ގާއިމްކުރުން
- 18 އަހަރުން މަތީގެ އެންމެން މެންޓަލް ހެލްތަށް ސްކްރީންކުރުން
- ޕްރައިމަރީ ހެލްތު ކެއާގައި ރަޖިސްޓްރީކޮށް ފަރުވާ ފޯރުކޮށްދިނުން
- ފިޓްނަސް ދާއިރާ ބައިނަލްއަގުވާމީ މިންގަނޑަށް ކުރިއެރުވުން
- އެކި ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން.
- ތިލަފުއްޓާއި އެކި ރަށްރަށުގައި ރޭސިން ޓްރެކް އެޅުން
- އިޖުތިމާއީ މަރުކަޒުތައް ކޮމިއުނިޓީ އެމްޕަވާމަންޓް ސެންޓަރުތަކަކަށް ބަދަލުކުރުން.
ކުޅިވަރާ ގުޅޭ ގޮތުން ވެސް ގިނަ ވައުދުތަކެއް ސިޔާސަތުގައި ހިމަނާފައިވެ އެވެ. އެގޮތުން ކޮންމެ ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރަން ހިމަނާފައިވެ އެވެ. އަދި، އީ ސްޕޯޓިން އާއި މާޝަލް އާޓްސް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ވެސް ރަށްރަށުގައި ގާއިމް ކުރަން ނިންމާފައިވެ އެވެ.
މޫދު ކުޅިވަރާއި ބީޗް ކުޅިވަރުގެ ގިނަ މުބާރާތްތައް ބާއްވަން ވެސް ޒުވާނުންގެ ސިޔާސަތުގައި ލިޔެފައިވެ އެވެ. މީގެއިތުރުން ފުޓްސަލް ނޭޝަނަލް މުބާރާތް ތައާރަފްކޮށް ފުޓްސަލް އެރީނާއެއް ގާއިމް ކުރަން ވެސް ނިންމާފައިވެ އެވެ.
ޒުވާނުންނަށްޓަކައި މުނިފޫހިފިލުވުމަށް އެކި ކޮމްޕްލެކްސްތަކާއި އޮޑިޓޯރިއަމްތައް ރަށްރަށުގައި އަޅަން ވެސް ވައުދުވެފައިވެ އެވެ. ހަމައެއާއެކު، އެންޖީއޯތަކަށް ހާއްސަކޮށް ކޯ ވޯކިން ސްޕޭސް ވެސް ރަށްރަށުގައި ގާއިމް ކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި ފަންނުވެރިންނަށް ޓްރެއިނިން ހެދޭނެ ތަންތަން ވެސް ހޯދައިދޭން ވައުދުގައި ވެ އެވެ.
ވިޔަފާރިތަކުގެ ވިސްނުން ގެންގުޅޭ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ހަބްުތަކެއް ރަށްތަކުގައި ގާއިމްކޮށް، ކުދި ވިޔަފާރިތަކަށް ބޭނުންވާ ސާމާނު ގަތުމަށް މައިކްރޯ ފައިނޭންސިން ސްކީމެއް ތައާރަފްކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މި ސިޔާސަތުތައް ހާމަކުރެއްވި, ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ، މި ކަންކަން ހުށަހެޅުމުން އަބަދުވެސް އިވެނީ ނުވާނެއޭ ކިޔާ އަޑު ކަމަށެވެ. އެކަމަކު، މި ސަރުކާރުން ކަންކަން ކޮށްފި ކަމަށާއި ދެން ވެސް ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރިހަމަ ޔަގީންކަން އެބައޮތް، ރައީސަކީ ކާމިޔާބު ލީޑަރެއް. ކިތަންމެ ވަރަށް ނުވާނެއޭ ބުންޏަސް އެމަނިކުފާނު މިކަން ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.