ސަލްމާނާއި ރިތިކްގެ ރުޅިވެރިކަން ނިމުމަކަށް
ސަލްމާނާއި ރިތިކްގެ ރުޅިވެރިކަން ނިމުމަކަށް

ރިތިކް ރޯޝަން ގެ ބައްޕަ ރާކޭޝް ރޯޝަން 1995 ގައި އުފެއްދި ބްލޮކްބަސްޓާ ފިލްމު "ކަރަން އަރްޖުން" އުފެއްދި ދުވަސްވަރު ރިތިކް އާއި ސަލްމާން ޚާންގެ ގުޅުން ބަދައްސެވެ. ރިތިކް އޭރު މަސައްކަތް ކުރީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ރިތިކާއި ސަލްމާނާ ދެމެދު މައްސަލަ ޖެހުނީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އައިޝްވަރިޔާ ރާއީއާ އެކު ރިތިކް "ގުޒާރިޝް" ކުޅެން ސޮއި ކުރުމުންނެވެ. އެކަމަކު ޖެހުނު މައްސަލަ ހަނދާން ނައްތާލައިފި އެވެ.

އައިޝްވަރިޔާއާ ރުޅިވުމަށް ފަހު ވެސް އޭނާ ކުޅޭ ފިލްމުތަކުގައި މަސައްކަތްކުރާ އެކްޓަރުން ދެކެ ސަލްމާން ނުރުހެ އެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ބާޖީރާއޯ މަސްތާނީ" އަށް ވެސް ބާންސާލީ ބޭނުންވީ މަސްތާނީގެ ރޯލަށް އައިޝްވަރިޔާ އަދި ބާޖީރާއޯގެ ރޯލަށް ސަލްމާން ޚާނެވެ. އަދި ޕްރިޔަންކާ ކުޅެފައިވާ ކާޝީބާއީގެ ރޯލަށް އޭރު ބާންސާލީ ނަގަން އުޅުނީ ރާނީ މުކަރުޖީ އެވެ. ނަމަވެސް ސަލްމާން އުޅޭ ފިލްމެއްގައި މަސައްކަތްކުރަން އައިޝްވަރިޔާ ބޭނުން ނުވެގެން ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެ ފިލްމު ނުފެށިފައި ވެސް އޮތެވެ.

ބާންސާލީ "ގުޒާރިޝް" ފެށީ "ބާޖީރާއޯ މަސްތާނީ"ގެ މަސައްކަތް ފެށޭ ގޮތް ނުވެގެންނެވެ. އައިޝްވަރިޔާ ބަތަލާގެ ބަޔަށް ލައިގެން އެ ފިލްމު އިއުލާން ކުރުމާއެކު ސަލްމާން ބާންސާލީ ދެކެ ވެސް ރުޅި އައެވެ. އަދި ފިލްމުގެ ބަތަލުގެ ބައި ރިތިކް ގަބޫލުކުރުމުން ރިތިކް ދެކެ ވެސް ރުޅި އައީ އެވެ.

ސަލްމާނާއި ރިތިކްގެ ގުޅުން ގޯސްވެ ރިތިކްގެ "އަގްނީޕަތު"ގެ ޕްރޮމޯޝަނަށް ސަލްމާން ހޯސްޓްކުރާ "ބިގް ބޮސް" އަށް ދާން ވެސް ރިތިކް ވަނީ އެ ދުވަސްވަރު ދެކޮޅުހަދާފަ އެވެ.

ނަމަވެސް ރިތިކްގެ އެންމެ ފަހުގެ ފިލްމު "ގާބިލް" ޕްރޮމޯޓްކުރުމަށް އޭނާ ވަނީ "ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގައި ސަލްމާނާ އެކު ބައިވެރިވެފަ އެވެ. އަދި ދެ މީހުންގެ ޒަމާންވީ ރުޅިވެރިކަން ނިމުމަކަށް ގެނެސްފަ އެވެ.

ޝޯއަށް އަރާފައި ފުރަތަމަ ރިތިކް ކުޑަކޮށް ބީރައްޓެހި ގޮތަކަށް ސަލްމާނާ މުއާމަލާތް ކުރިޔަސް ފަހުން ދެ މީހުން ވަރަށް އެކުވެރކޮށް ހަމަޖެހިގެން ނެށި އެވެ.