މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މާލޭގައި ދެ ސައިކަލު ޖެހި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގީ ހީނާމާގެ ޕާކިން ޒޯން ކައިރިން މަޖީދީ މަގުގައި ކަމަށެވެ. އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ފަތިހު ފަހެއް ޖަހަނިކޮށް ކަމަށް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުތައް ދުއްވި ދެ މީހުންނަށެވެ.

"މި އެކްސިޑެންޓުގައި ދެ ސައިކަލް ދުއްވި ދެ މީހުންނަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އެތަނުން އެކަކު ވަނީ ދޫކޮށްލައިފައި،" ފުލުހުން ބުންޏެވެ.

ރޭ ފަތިހު ހިނގި އެ އެކްސިޑެންޓްގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އަނިޔާވި އެކަކުގެ ބޯ ފަޅައިގެން ގޮސް، މަގުމަތީގައި ވަރަށް ބައިވަރު ލޭ އޮތެވެ. އަދި އެމްބިއުލެންސަށް އެ މީހާ އަރުވައިގެން ގެންދާތަން ވެސް ފެނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.

ހީނާމާގެ ޕާކިން ޒޯން ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި މިދިޔަ ޖޫން މަހު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓު ވެސް ހިނގީ ހަމަ ފަތިސް ގަޑީގަ އެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް އަށެވެ. އޭނާ އަށް މިހާރު އަންނަނީ އިންޑިއާގައި ފަރުވާ ދެމުންނެވެ.