އެސޯސިއޭޝަންތަކަށް އިތުރު ބާރެއް ދެނީ
އެސޯސިއޭޝަންތަކަށް އިތުރު ބާރެއް ދެނީ

ޒިއުރިކް (ފެބްރުއަރީ 2) - ފީފާގެ މެމްބަރު ގައުމުތަކަށް އިތުރު ބާރުތަކެއް ދިނުމަށް މަޝްވަރާ ކުރަން ނިންމައިފި އެވެ.

އިތުރަށް ދޭން ވިސްނާފައިވާ ބާރުތަކުގެ ތެރޭގައި އެ ގައުމެއްގައި އެސޯސިއޭޝަނުން ހިންގާ މުބާރާތްތަކުގައި ބަދަލު ކުޅުންތެރިންގެ އަދަދު އިތުރުކުރުމުގެ ފުރުސަތު ހިމެނެ އެވެ.

"މި ބަދަލަކީ ވީހާވެސް ގިނަ ބަޔަކަށް ގައުމީ ލެވެލްގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު އިންސާފުވެރި ކަމާ އެކު ދިނުމަށް ގެނެވޭ ބަދަލެއް. މިކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އެސޯސިއޭޝަންތަކަށް ދިނުން އެންމެ ރަނގަޅު ގޮތަކީ،" ފީފާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފީފާގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާ ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ މާކޯ ވެން ބާސްޓެން ހަވާލުވި ފަހުން އޭނާ އަންނަނީ ފުޓްބޯޅަ ގަވާއިދަށް އެކި ކަހަލަ ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރަމުންނެވެ.

ސިން-ބިން ރޫލް ނުވަތަ މެޗެއްގެ ތެރެެއިން ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ދައްކައިފިނަމަ ވަކި ވަގުތު ކޮޅަކަށް ކުޅުންތެރިޔާ ދަނޑުން ފޮނުވާލާ ގޮތަށް ގަވާއިދު ބަދަލުކުރަން ވެސް މަޝްވަރާކުރާނެ އެވެ.

ސިން-ބިން ރޫލް ވަނީ ފީފާގެ ޑިވެލޮޕްމަންޓް މުބާރާތްތަކުގައި ފާއިތުވި އަހަރެއްހާ ދުވަހު ޓެސްޓްކޮށްފަ އެވެ. އަންނަ މަހު އޮންނަ ފީފާގެ ބައްދަލުވުމުގައި މި ގަވައިދު ފާސްވެއްޖެނަމަ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ޕްރޮފެޝަނަލް މުބާރާތްތަކުގައި މި ގަވާއިދަށް އަމަލުކުރަން ފަށާނެ އެވެ.