20 އޯގަސްޓް 2023 - 06:29

ރާއްޖޭގައި މިހާތަނަށް އިންތިހާބު ކުރި ކޮންމެ ސަރުކާރެއްގައި ޖުމްހޫރީ ޕާޓީގެ ބޮޑު އެހީތެރިކަމެއް އޮތް ނަމަވެސް، ފަހުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ ހައްގު ބަސް ބުނާތީ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކެމްޕޭނުގައި ށ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ މިލަންދު އަށް ވަޑައިގެން ގާސިމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ވިދާޅުވީ ދިވެހި ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބި އަދަދާއި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނުގެ މައުލޫމާތު ވެސް ހާމަކުރަން ތަކުރާރުކޮށް ދެކޮޅު ހަދަމުންދާ ކަމަށެވެ.
"ދެން މިހެން ބުނާއިރަށް ތިޔަ ބޭފުޅުން ވިދާޅުވާނެ ގާސިމް ތާއީދުކޮށްގެން ނޫންހޭ މި ސަރުކާރު ގެނައީ. ރަނގަޅު ވާހަކައެއް. ޖުމްހޫރީ ޕާޓީން މަސައްކަތް ކޮށްގެން އެމްޑީޕީ އަށް ދެ ފަހަރު ވެރިކަން ހޯދައިދިނީ. އަދި ޕީޕީއެމަށް ވެސް ވެރިކަން ހޯދައިދިނީ،" ޖޭޕީގެ ކޯލިޝަނުގައި އޮވެގެން 2008 ވަނަ އަހަރުން ފެށިގެން ގާއިމުވި ހުރިހާ ސަރުކާރުތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ. \
ކުރީގެ ސަރުކާރުތަކުން ކޮށްދިން ރަނގަޅު ހުރިހާ ކަމެއްގެ 50 ޕަސެންޓް ހިއްސާ ޖޭޕީ އަށް ލިބެންޖެހޭ ކަމަށް ބުނާތީ އެކަމާ ނުރުހޭ މީހުން އުޅޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނަމަވެސް، ސަރުކާރުތަކުން ކުރި އެއްވެސް ގޯސްކަމެއްގައި ޖޭޕީ ހިމަނަން ނުޖެހޭ ސަބަބު ގާސިމް ސާފުކޮށް ދެއްވި އެވެ.
"...އަޅުގަނޑުމެންގެ ރުހުން ހޯދައިގެން ކުރާ ކަންތައްތަކެއް ނޫން. އެގޮތަށް ކަންތައް ކުރަން ފެށީމާ އަޅުގަނޑުމެން ނުކުމެ މި ބުނަނީ ތިކަން ނުކުރާށޭ. ތި ގޯހޭ. ތިކަން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ތިބޭނީ މުޒާހަރާ ކުރާށޭ،" މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ޖޭޕީއާ މެދު ހިތްހަމަނުޖެހޭ ސަބަބެވެ. އެކަމަކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމެއް ކުރާ ނަމަ އެ ވާހަކަ ނުދައްކަވައި ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހައްގު ބަސް ބުނާތީ ކޮންމެ ފަހަރަކު އަޅުގަނޑަށް މި ލިބެނީ އެންމެ ބޮޑު ނިކަމެތިކަން. އެންމެ ބޮޑު ނިކަމެތިކަމެއް ރައްދުކުރާ ފަރާތަކީ އަޅުގަނޑު،" ގާސިމް ވިދާޅުވި އެވެ.
އޭނާ މިރޭ ވެސް ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ލިބޭނީ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓިގެން ކަމަށެވެ. އެހެންކަމުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރައްޔިތުން ވޯޓުލާއިރު، އެކަމާ މެދު ފުންކޮށް ވިސްނުމަށް ގާސިމް ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.
ރިޔާސީ ކެމްޕޭނުގައި އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި، ގާސިމް މިދިޔަ ހުކުރު ދުވަހު ވަނީ ހދ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންފަ އެވެ. އަދި އިއްޔެ މިލަންދޫ ހިމެނޭ ގޮތަށް ށ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.