ދިވެހިންނަށް ވިސާ ނުނަގައި ކިރްގިސްއަށް ދެވޭ ގޮތް ހަދައިފި
ދިވެހިންނަށް ވިސާ ނުނަގައި ކިރްގިސްއަށް ދެވޭ ގޮތް ހަދައިފި

ކިރްގިސް ރިޕަބްލިކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދެވޭނެ ގޮތް ހަމަޖައްސައިދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކިރްގިސް އާއި ރާއްޖެއާ ދެމެދު ސޮއިކުރި ވިސާ އެގްޒެމްޕްޝަން އެގްރީމަންޓުގެ ދަށުން، ކިރްގިސްއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ގިނަވަގެން 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ ކަމަށެވެ.

އެކަމަކު ތައުލީމު ހާސިލުކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް 30 ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ކިރްގިސް އަށް ދާ ދިވެހިން އެކަމާ ގުޅޭ ވިސާ ދުރާލައި ނަގަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ވެސް ދިވެހި ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނުނަގައި ދަތުރުކުރެވެ އެވެ.

އޭގެތެރޭގައި ރަޝިއާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ.