23 އޯގަސްޓް 2023 - 22:08

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާުބުގެ ވޯޓާސް ލިސްޓު ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހުކުރު ދުވަހުން ފެށިގެން ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓްގައި އީސީގެ އޮފިޝަލުން މިހާރު ގެންދަނީ ސޮއިކުރަމުންނެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، ދެން ކެންޑިޑޭޓުން ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ލިސްޓްގައި ސޮއިކުރަން ކެންޑިޑޭޓުންނަށް ފުރުސަތު ދޭނެ އެވެ.
ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުމަކީ މިހާރު ކޮންމެ އިންތިހާބެއް ކުރިން ވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެކެވެ. މިކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމަށްފަހު އެކުލަވާލި ގައިޑްލައިންގައި ހިމެނި ކަމެކެވެ.
އެ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ކޮންމެ އިންތިހާބެއްގައި ވެސް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއި ކުރެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.
އަދި އަމިއްލަ ތިން ކެންޑިޑޭޓުން ކަމަށް އުމަރު ނަސީރާއި ފާރިސް މައުމޫން އަދި ހަސަން ޒަމީރު ވާދަކުރައްވަ އެވެ. އިންތިހާބަށް ދެ ހަފުތާއަށް ވެފައިވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ގެންދަނީ ކެމްޕެއިން ކުރައްވަމުންނެެވެ.