އަންހެން ކުޅުންތެރިޔަކަށް ބޮސްދިން ސްޕޭނުގެ އެފްއޭގެ ރައީސް ހޫނު ފެނަށް
އަންހެން ކުޅުންތެރިޔަކަށް ބޮސްދިން ސްޕޭނުގެ އެފްއޭގެ ރައީސް ހޫނު ފެނަށް

މެޑްރިޑް (އޯގަސްޓް 24) - އުފާފާޅުކުރުމުގެ ތެރޭގައި ސްޕެއިންގެ އަންހެން ކުޅުންތެރިޔަކަށް ބޮސް ދިނުމުން، އެ ގައުމުގެ ފުޓްފޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ނިމިދިޔަ އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދުމުން މެޑަލް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ހުރެ ރުބިއަލެސް ވަނީ ސްޕެއިންގެ ކުޅުންތެރިޔާ ޖެނީ ހާމޯސޯ އަށް ބޮށް ދީފަ އެވެ.

އެ ހާދިސާ އަށް ފަހު ރުބިއަލެސް އަށް ބޮޑު ޕްރެޝަރެއް ދަނީ ކުރިމަތިވަމުންނެވެ. އެ މާގަމުން އޭނާ އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ މި މައްސަލައާ ބެހޭ ބެހޭގޮތުން ރުބިއަލެސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަންޗޭޒް ވިދާޅުވީ މާފަށް އެދިގެން އެކަނި ރުބިއަލެސް އަށް ނުފުދޭނެ ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދޭން ގޮވާލަމުން ދިޔަސް އަދި ވެސް އޭނާ ހުރީ މަގާމުގަ އެވެ. އެކަމަކު އަމިއްލަ އަށް މަގާމުން އެކަހެރިވެ މައްސަލަ ތަހުގީގު ކުރަން އޭނާ އެއްބަސްވާކަމަށް ސްޕެއިންގެ މީޑިއާތަކުން ބުންޏެވެ.

އެއީ އޭނާ މަގާމުގައި ދެމިހުރުމަށް ޖަހާ އުކުޅެއް ކަމަށް އާންމުން ގަބޫލު ކުރެ އެވެ. ސްޕެއިންގެ އެފްއޭގެ ކޮންގްރެސްއެއް މާދަމާ ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. އެ ކޮންގްރެސް އަށް ރުބިއަލެސްގެ މައްސަލަ ހުށަހަޅާނެ އެވެ. އެކަމަކު އެކަން ފާސްވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މައްސަލަ ހުށަހަޅަނީ 48 މެންބަރުންގެ ސޮޔާ އެކު އެވެ. އެކަމަކު 140 މެންބަރުން ހިމެނޭ ކޮންގްރެސްގައި ކަމެއް ފާސް ވާން ބޭނުންާ އަދަދު ވެސް ހަމަނުވެ އެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ކޮންގްރެސް ބާއްވައި ރުބިއަލެސްގެ މައްސަލަ ހުށަހަޅަނީ އޭނާ އަށް ސްޕެއިންގެ އެފްއޭގެ މެންބަރުންގެ ތާއީދު އޮތްވަރު ހާމަކުރުމުގެ ގޮތުން ޖަހާ އުކުޅެއް ކަމަށެވެ. ހުށަހަޅާ މައްސަލަ އަށް ވޯޓް ދެވޭ ގިނަ މެންބަރުން ތާއީދު ނުކުރުމަކީ ރުބިއަލެސް އަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.