26 އޯގަސްޓް 2023 - 10:59

ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވަން ކަމަށާއި ތޮއްޑޫ ދާއިރާގެ ވައުދުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދަވާނެ ކަމަށް އެ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ދެބައިވި އިރު ޝިޔާން ހުންނެވީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގަ އެވެ. އެމަނިކުފާނާ އެކު ތިއްބެވި މެމްބަރުން ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީއާ ގުޅިވަޑައިގެން ޝިޔާން އެ ހަރަކާތްތަކުގައި ވެސް އުޅުއްވި އެވެ.
އެކަމަކު ޑިމޮކްރެޓްސް ދޫކުރައްވައި، ރޭ އަލުން ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލުކުރައްވައިފަ އެވެ. ޝިޔާން ގުޅިވަޑައިގަތުމުން މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެމްބަރުންގެ އަދަދު 56 އަށް އެރީ އެވެ.
ޝިޔާން ވިދާޅުވި ގޮތުގައި ތޮއްޑޫ ދާއިރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތައް އަކުރުން އަކުރަށް ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ވިސްނުން ބަދަލުކުރެއްވީ ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހު ނުވައެއްގައި އޮންނަ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެމަނިކުފާނަށް ތޮއްޑޫ ދާއިރާގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތް މެމްބަރުން ގެންދަވަނީ އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވަމުންނެވެ. މި ފަހުން ކުޅުދުއްފުށީ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ މުޅި ކައުންސިލާ އެކު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.