28 އޯގަސްޓް 2023 - 11:40

މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ޖަލްސާގެ ކޯރަމަކީ 22 މެމްބަރުންނެވެ.
އެކަމަކު މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 13 މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
"ކޯރަމްގެ ރަނގަބީލު ޖަހައި އޭގެ ފަހުން ވަގުތު ހަމަވެ ހިނގައްޖެ. އެހެން ނަމަވެސް، މަޖިލީހުގެ ތަޅުމަށް ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ހާޒިރުނުވެ ވާތީވެ، ޖަލްސާ ނުބޭއްވި ނިމުނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މިދިޔަ ހޯމަ ދުވަހު ފެށި ފަހުން އަދި ބޭއްވީ އެންމެ ދެ ޖަލްސާ އެވެ. އެ ދެ ޖަލްސާގައި ވެސް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.
މަޖިލިހުގެ ދެވަނަ ދައުރަށް ފަހު މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް، އެމްޑީޕީން އެދިގެން ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލު ފާސްކޮށްފައިވީ ނަމަވެސް ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާ އެކު، އެ މަސައްކަތް އަލުން ކުރަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވީ ނަމަވެސް، މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ދަފްތަރުވާން ހުށަހަޅުއްވާފައި ވަނީ އޭގެ ތެރެއިން އެންމެ ތިން މެމްބަރުންނެވެ.
ހޯމަ ދުވަހުގެ ޖަލްސާ އާއި ވިދިގެން އައި އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާ ކުރިޔަސް، ސަރުކާރާއި އިދިކޮޅު މެމްބަރުންނާ ދެމެދު ޒުވާބު ކުރުމާއި ތުހުމަތު ބަދަލުކުރުމުގެ ތެރޭގައި އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
އެއާ އެކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި މެމްބަރުން އެ ޕާޓީގައި ދަފްތަރުކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޑިމޮކްރެޓްސް ތަމްސީލް ވާނެ ގޮތުގެ މަޝްވަރާ ކުރުމަށް ވަގުތު ދޭން މިދިޔަ ބުދަ ދުވަހު ޖަލްސާއެއް ތާވަލް ކޮށްފައެއް ނުވެ އެވެ.
މިއަދުގެ ޖަލްސާ އަށް ވެސް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ. އެނގިފައިވާ ގޮތުގައި އެކަން އެޖެންޑާ ކުރީ، ދަފްތަރުގައި ޑިމޮކްރެޓްސްގެ މެމްބަރުން ހިމަނައި، ކޮމިޓީތައް އެކުލަވާލައި ނިންމުމަށެވެ. އަދި އެކަމަށް މިއަދު ވޯޓަށް އަހަން ވެސް އޮތީ ނިންމައިފަ އެވެ.
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު އިރު، ގިނަ މެމްބަރުން ގެންދަވަނީ އަންނަ މަހުގެ ނުވަ އެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.