ރުބިއަލެސް ސަސްޕެންޑްކުރުމުން މަންމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް
ރުބިއަލެސް ސަސްޕެންޑްކުރުމުން މަންމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް

މެޑްރިޑް (އޯގަސްޓް 29) - އަންހެން ކުޅުންތެރިޔަކަށް ބޮސް ދިނުމުން، ފީފާއިން ސަސްޕެންޑް ކުރި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލެސްގެ މަންމަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ނުކުމެއްޖެ އެވެ.

ރުބިއަލެސްގެ ދެބެންދެދަރި މީހަކު ބުނީ، އޭނާގެ ބޮޑުދައިތަ (ރުބިއަލެސްގެ މަންމަ) އޭންޖަލަސް ބޭހާރް ފަޅިއަކަށް ވަދެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށީ އޭނާގެ ދަރިފުޅުގެ ހިމަޔާތުގައި ކަމަށެވެ. ރުބިއަލެސްއާ މެދު ކަމާ ބެހޭ އިދާރާތަކުން ކަންތައް ކުރީ ބޭއިންސާފުންކަން ބޭހާރު ބުންޏެވެ.

"އަހަރެންގެ ދަރިފުޅަށް ކުރިމަތިވެފައިވާ ލާއިންސާނީ، ލޭއޮހޮރުވާލާ ޝިކާރަ ނިމުމަކަށް އަންނަންދެން އަހަރެން މި ހަޅުތާލު ކުރިއަށްގެންދާނަން،" ރުބިއަލެސްގެ އުފަށް ރަށް އަންޑަލޫސިއާގެ މޮޓްރިލްގައި ހުންނަ ފަޅިއެއްގައި ހުރެ ބޭހާރް ބުންޏެވެ.

މި މަހު ކުޅުނު އަންހެނުންގެ ވޯލްޑް ކަޕް ފައިނަލު މެޗަށް ފަހު މުބާރާތް ކާމިޔާބު ކުރި ސްޕެއިންގެ ޓީމުގެ ޖެނީ ހާމޯސޯ އަށް ރުބިއަލެސް ބޮސް ދިން މައްސަލަ ހޫނުވެ އޭނާ އަށް ކުރިމަތި ކުރި ޕްރެޝަރާ އެކު ވެސް މަގާމުން އިސްތިއުފާ ދޭން އޭނާ ދެކޮޅު ހެދި އެވެ.

އެންމެ ފަހުން އޭނާގެ މައްސަލަ އެ ގައުމުގެ ސްޕޯޓްސް އެޑްމިނިސްޓްރޭޓިވް ކޯޓަށް ހުށަހެޅުމުން، ފީފާއިން އޭނާ 90 ދުވަހަށް ސަސްޕެންޑް ކުރި އެވެ.

ފީފާއިން ވަނީ ހާމޯސޯއާ މުއާމަލާތްކުރުން ރުބިއަލެސް އާއި ސްޕެއިންގެ އެފްއޭ އަށް މަނާކޮށްފަ އެވެ.