01 ސެޕްޓެމްބަރ 2023 - 16:33

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިނުގަތުމުގެ ވިސްނުން ހުރި ކަމަށާއި އެހެން ނަމަވެސް އެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވީ ގައުމުގެ ހާލަތު ގޯސްވަމުންދާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާހީ ހަރަކާތްތައް ފެށުމާއި ދައުލަތުގެ އިސް މަގާމުތަކުގައި މިއަދާ ހަމައަށް ކުރެވުނު ގިނަ ހިދުމަތްތަކަށް ބަލައި މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ގަސްތުކުރެއްވި ވަގުތުކޮޅެއް ދިޔަ ކަމަށެވެ.
އާއިލާ އަށް ވަގުތު ދެއްވުމާއި މީހުންނަށް އެހީތެރިވެދިނުމުގެ މަސައްކަތާއި އެހެނިހެން ހިދުމަތްތަކަށް ވަގުތު ދެއްވުމަށްޓަކައި އާއިލާ އިން ވެސް އެ ގޮތް އެދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގައުމުގެ އެތެރެ އާއި ބޭރުގެ ދަރަނި ބޮޑުވުމާއި މާލީ ހާލަތު އަހަރަކަށް ވުރެ އަހަރެއް ގޯސްވާނެ ކަމަށް ލަފާ ކުރެވުމާއި ރާއްޖޭގެ ސަރަހައްދުން ވެސް ބައެއް ގެއްލުމާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުން ފަދަ މައްސަލަތަކާ ގުޅިގެން އެ ވިސްނުން ބަދަލު ކުރައްވައި ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމަށް އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެންމެ ބޮޑަށް އަޅުގަނޑު ވިސްނީ ވެރިކަމަށް މި ފަހަރު ނުނިކުންނަން. އެހެން ނަމަވެސް އަޅުގަނޑަށް މަޖުބޫރުވި ސަބަބަކީ ގާނޫނުއަސާސީއާ ހިލާފާށް ހިލާފު ކަންކަން ހިނގަމުން ދިއުން," ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގައުމު މިހާރު ދަތުރު ކުރަމުން މި ދަނީ ނުބައި މިސްރާބަކަށެވެ.
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމާއި ރައްޔިތުންގެ މަޖިލީހުން އެދިގެން ވެސް މޮރިޝަސްގެ ޕްރައިމް މިނިސްޓަރަށް ދިވެހި ސަރުކާރުން ފޮނުވި ސިޓީ ހާމަ ނުކުރުމާއި ހަރަދަށް ޒިންމާވުމުގެ ގާނޫނު ވެސް ސަސްޕެންޑް ކޮށްފައި އޮތް މައްސަލަ ގާސިމް ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން މިއީ ގައުމު އިސްލާހަކަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށާއި އިސްލާހަށް ގިނަ އަހަރުތަކެއް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެއީ ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމަ ނުކުންނަން މި ޖެހުނީ. މިކަން ހާމަކޮށްދީ ކިޔައިދީ މި ދަނީ ކޮންފަދަ ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ކަން ކިޔައިދޭން،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި މި ފަހަރު އެމަނިކުފާނާއެކު ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންނަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވީ އެ ހުރިހާ ބޭފުޅުންގެ ގޮތް ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާ ކަމަށެވެ.
ބޮޑު ޕާޓީ ކުޑަ ޕާޓީ އަށް ބަލައި ވޯޓު ނުދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.
އޭގެ ބަދަލުގައި ކޮންމެ ކެންޑިޑޭޓެއްގެ ވެސް ޓްރެކް ރެކޯޑަށް ބައްލަވައި މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތާ މެދު ވިސްނާލަން ގާސިމް އެދިވަޑައިގަތެވެ.
އެއަށް ފަހު ގާސިމް ފާހަގަ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗާޓުން ބޭރުން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުން ޖަލަށްލައި ކޯޓުގައި ތަޅު އެޅުވި ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާނާތާއި އަނިޔާގެ ވާހަކަ އެވެ.
އަދި ވިދާޅުވީ ރައްޔިތުން ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު ވޯޓާ މެދު މިފަހަރު ވިސްނަން ޖެހޭ ކަމަށާއި އެ މައްސަލަތައް ތަކުރާރު ނުވެ ގައުމު އިސްލާހު ކުރާނެ ވެރިއަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ސިޔާސީ ހަޔާތް ކުރިޔަށް ގެންދަވާނީ ކިހިނެތްތޯ ސުވާލު ކުރުމުން ވެސް ގާސިމް ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅަށް ދާނަމަ ސިޔާސީ މަސައްކަތް ކުރުން ހުއްޓާލައްވާނެ ކަމަށެވެ.
އެހެން ނަމަވެސް ގައުމު އިސްލާހާ ދިމާލަށް ނުދާ ކަމަށް ވާނަމަ އެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދުނިޔޭގައި ހުރިހާ ހިނދަކު މިތަނުގައި ހުންނާނަން،" ގާސިމް ވިދާޅުވި އެވެ.