02 ސެޕްޓެމްބަރ 2023 - 14:59

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު، ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އެ އިންތިހާބުގައި އެއްވެސް މަކަރެއް ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވަނީ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާއި އެ ކޮމިޝަނަށް ކުރަމުން އަންނަ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް އީސީއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުން އަޑުއަހައި ވޯޓުގެ ސިއްރުކަން އެމީހާ އަމިއްލަ އިހުތިޔާރުގައި އެމީހާ ވޯޓުލުމަށް ކުރަން ބޭނުންވާ ކަމެއް ގާނޫނާ އިމުގެ ތެރެއިން ކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުން ވެސް ބައިވެރިވި އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ހަބީބް ވިދާޅުވީ ޕާޓީތަކުން ވަނީ ވޯޓުލާ މަރުކަޒުގައި ބޫޓު ބަހައްޓާ ގޮތުން ފޮޓޯ ނެގުމާއި ޖީބުން ކަރުދާސް ނަގައިގެން އޭގެ ބޭނުންކޮށްފާނެ ކަމަށް ގަބޫލުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ. އެހެންވެ، ވޯޓުލާ މަރުކަޒު ހުންނާނެ ގޮތުގެ ނަމޫނާއެއް އެ މީހުންނަށް ދައްކާފައިވާ ކަމަށާއި އެކަމުގައި ޕާޓީތަކުގެ ލަފާ ވެސް ލިބުނު ކަމަށެވެ.
އެކަމަކު އެކަމުގައި ގޮތެއް ނިންމާނީ ކޮމިޝަނުން ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ. އެކި ކުލަކުލައިގެ ގަލަން ބޭނުންކުރުމާ މެދު ވެސް އެ ބައްދަލުވުމުގައި ގޮތެއް ނިންމައި އަންގަވާނެ ކަމަށް ވިދާޅުވި އެވެ.
ވޯޓު ކަރުދާހާ ގުޅިގެން އޮތް ޝަކުވާތަކަށް ހަބީބް ވިދާޅުވީ ވޯޓުލާން މަރުކަޒުތަކުގައި ބޭނުންކުރާ ކަރުދާހުގައި ކޮމިޝަނުގެ ތައްގަނޑެއް އޮންނާނެ ކަމަށާއި އެހެންވެ ބޭރުން ކަރުދާހެއް ގެނެސްގެން ވޯޓު ފޮއްޓަށް ވައްޓާލިޔަސް އެއީ ސައްހަ ވޯޓަކަށް ނުވާނެ ކަމަށެވެ. އަދި ވޯޓުލާ މަރުކަޒު އޮންނާނީ ވެސް ވޯޓުލާ މީހާގެ ހަރަކާތްތައް ފެންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ވަނީ ސަރުކާރާއި ސިޓީ ކައުންސިލުން ވެސް ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް ބުނެ ޕާޓީތަކުން ޝަކުވާކޮށްފަ އެވެ. އެފަދަ ޝަކުވާތައް މީޑިއާގައި ދައުރުކުރުމުގެ ބަދަލުގައި އޮންނަ އުސޫލުން އީސީއަށް މައްސަލަ ހުށަހެޅުމަށް ވެސް ހަބީބް އިލްތިމާސްކުރެއްވި އެވެ.
"އަޅުގަނޑުމެން ކޮމިޝަނުން ބަލަންޖެހޭ ކަމެއް ވިއްޔާ އަޅުގަނޑުމެން ބަލާނަން. އަދި ލަފާދޭ ކޮމިޓީގައި އޭސީސީ ވެސް ބައިވެރިވެވަޑައިގަންނަވާތީ، އޭސީސީގެ ފަރާތުން ބަލަންޖެހޭ ކަމެއް ވިއްޔާ އެ ފަރާތުން ވެސް ބަލާނެ،"
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވަނީ ކެމްޕެއިނުގެ ކަންކަން ކުރިއަށްދާއިރު ކެންޑިޑޭޓުން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހުތިރާމުކޮށް ރީތި ކެމްޕެއިނެއް ކުރުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.
ކެމްޕެއިނު ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި 6 އަކުން ފެށިގެން ބަންދުވާއިރު ހަބީބް ވިދާޅުވީ އެއާ އެކު އާދިއްތަ ދުވަހުގެ ހެނދުނު 6 އަކަށް ޖަގަހަތައް ވެސް ބަންދުކުރަން ޕާޓީތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ޖަގަހަތަކުގެ އެތެރޭގައި ވެސް އެއްވެސް ބަޔަކު ނުތިބުމަށް އަންގަވާފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިހާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ހަބީބް ވިދާޅުވި ގޮތުގައި މާލެ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ވޯޓު ކަރުދާސް ފޮނުވައިފަ އެވެ.
މިފަހަރު އިންތިހާބު އޮބްޒާވްކުުރުމުގައި ބޭރުގެ 140 ފަރާތަކުން ބައިވެރިވެ އެވެ. އެ ބޭފުޅުން ހަރަކާތްތެރިވާ ގޮތަށް ހަމަޖެހިފައިވާ ހަ ސަރަހައްދަކީ ހއ. އާއި ރ. އާއި ލ. އަދި ފުވައްމުލަކާއި އައްޑޫގެ އިތުރުން މާލެގަ އެވެ.
ރާއްޖެ އިން އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭ ގޮތަށް ޖުމްލަ 8،304 މީހަކު ބައިވެރިވެ އެވެ.