03 ސެޕްޓެމްބަރ 2023 - 21:28

ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުވަތަ ވަކި ރަށެއް މި ފަސް އަހަރު ތަފާތުކޮށްފައި ނުވާ ކަމަށާއި ވެރިކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހިޔާލު ތަފާތު އެންމެން ގޮވައިގެން އަދިވެސް ވެރިކަން ކުރެއްވޭނެ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު, އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިރޭ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގައި އުޅޭ ދިވެހިންނާ އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ބިގޭ ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ އެއްވެސް ލީޑަރަކީ އެންމެ ފުރިހަމައަށް ފަސް އަހަރުގެ ދައުރުގައި ވައުދުތައް ފުއްދަވައި ދެއްކެވޭނެ ލީޑަރަކަށް ނުވެދާނެ ކަމަށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަފާތަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ގައުމުގައި ސުލްހަ ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ދައުރުގެ ތެރޭގައި އެންމެ ބޮޑަށް ވައުދުތަކުގައި ނަތީޖާ ނެރެދެއްވި ލީޑަރަކީ ރައީސް ކަމަށެވެ. އެއާއެކު ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލައި އެންމެން ގޮވައިގެން އުޅުއްވުނު ވެރިއަކު ވެސް އެމަނިކުފާނު ނޫނީ ނެތް ކަން މާޒީގެ ތަޖުރިބާއިން ސާފުވާން އޮތް ކަމަށް ވިދާޅުވި އެވެ.

"އަސާސީ ކަންތައްތަކުގެ އިތުރުން އަދި އުމްރާނީ ތަރައްގީއަށް ބެއްލެވިޔަސް ފަރުދީގޮތުން މީހެއް މީހަކަށް ހެދުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުން ވިޔަސް ވަރަށް ރަނގަޅަށް މިސަރުކާރުގައި މި އަންނަނީ ފުއްދަމުން," އިންތިހާބުގައި ގޮތް ނިންމާއިރު ގައުމުގެ ކުރިމަގަށް ވިސްނަން އެދިވަޑައިގެން ބިގޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމަކީ ތަރައްގީގެ މަޝްރޫއުތަކާއި ގައުމުގެ ހަމަޖެހުމަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ބިގޭ ވިދާޅުވީ މީގެ 38 އަހަރު ކުރިން 1985 ގައި ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަސައްކަތުގައި އެމަނިކުފާނު ފެނިވަޑައިގަތީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ކަންކަން ނިންމަވާ ތަން ކަމަށެވެ. ކަމެއް ނިންމެވުމުގެ ކުރިން އެންމެންގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ސުލްހައަށް އިސްކަންދެއްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ބެހިފައި އޮތް ގޮތުން އެއްވެސް ސިޔާސީ ލީޑަރަކަށް އެކަނި އިންތިހާބުވެވަޑައިނުގެންނެވޭ ކަމަށާއި ކާމިޔާބީއާ ހަމައަށްދާން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ޖެހޭ ކަމަށެވެ. މިހާތަނަށް ރާއްޖޭގައި ކުރެވިފައި އޮތް ތަޖުރިބާއަކީ އެގޮތަށް ވެރިކަން ފަށާ ތަނުން ކޯލިޝަން ރޫޅުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ސުލްހަ ގާއިމްނުކުރެވި އޮތީ, ބިގޭ ވިދާޅުވި ގޮތުގައި, ކޮންމެ ފަހަރަކު މެދުވެރިވާ އެ ހާލަތާ ހެދި އެވެ.
"ކޯލިޝަންގައި ތިއްބަވާ އެހެން ޕާޓްނަރުން މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރައްވާފައި ހުރީ މާޒީގައި. މިފަހަރު އަޅުގަނޑަށް ތަޖުރިބާކުރެވުނު މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ވައުދެއް ވެވަޑައިގެންފިއްޔާ އެ ވައުދަށް އިހްތިރާމްކުރައްވާ ބޭފުޅެއް ކަމަށް," ބިގޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އެކުލަވާލަން އެމްޑީޕީ އިސްވެ އޮވެ ހެދި ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމް ކޯލިޝަންގައި ހިޔާލުތަފާތުވުން ހުރި ނަމަވެސް އެކުގައި ކުރިއަށް ދެވުނެވެ.
މި އިންތިހާބަށް ވެސް ރައީސް ނުކުމެވަޑައިގަތުމަށް ބޭނުންވީ ކޯލިޝަންއަކާ އެކުގައި ކަމަށާއި މިފަހަރު އަދާލަތާއި އެމްޑީއޭ އެކުގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.
ބިގޭ ވިދާޅުވީ މި ކެމްޕޭންގައި ރައީސް ނިންމަވާފައި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނާ ވެސް ބައްދަލުކުރާ ގޮތަށެވެ. އެކަމަކު ގްރިޑާ އެއްގޮތަށް ކެމްޕޭން ކުރިއަށް ނުދިޔައީ ރައީސް އާލާސްކަންފުޅާ ދަތުރުތައް މެދުކަނޑުއްވާލަން ޖެހުމުން ކަމަށް ވިދާޅުވި އެވެ.
ރައީސަށް ވަޑައިނުގެންނެވޭ ތަންތަނަށް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ރަނިން މޭޓު ދަތުރުކުރައްވަމުން އަންނަ ކަން ބިގޭ ފާހަގަކުރެއްވި އެވެ.