15 ސެޕްޓެމްބަރ 2023 - 16:45

ކުރީ ސަރުކާރުން ދޫކުރި ސޯޝަލް ހައުސިން ފްލެޓުތައް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ގާތް މީހުންނަށް ބަހައިލި މީހަކު ނުވަތަ ބަޔަކު ރައްޔިތުންނާ މެދު އަދުލުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް އިދިކޮޅު ފަރާތްތަކަށް ނުސީދާ ހަމަލާއެއް ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކަތައް ފެންމަތިކުރުމާ އެކު މަގާމު ގެއްލުނު ނިޔާޒް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭރު "މަގާމްގެ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމްތައް ހަރާބު ކުރަން ފުރުސަތު ދިން" ކަމަށެވެ. އަދި ނުފޫޒު ބޭނުންކުރި މީހާ ބުނި ގޮތަށް، ނިކަމެތި ރައްޔިތުންނަށް ނުދީ އޭނާގެ އަރިސް މީހުންނަށް ސޯޝަލް ހައުސިން ފްލެޓުތައް ބަހާލީ ކަމަށް ތުހުމަތުކުރައްވާފައިވެ އެވެ.
ނިޔާޒް ވިދާޅުވީ އެފަދަ މީހެއް ނުވަތަ ބަޔަކު ރައްޔިތުންނާ ދޭތެރޭ އަދުލު އިންސާފުވެރިވާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.
އޭނާގެ ޕޯސްޓުގައި ވަކި މީހެއްގެ ނަން ވިދާޅުވެފައި ނުވިޔަސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ވަކި ފްލެޓު ލިސްޓެއް ގެންގުޅުއްވި ކަމަށާއި ފްލެޓް ދިނުމުގައި އޭރުގެ ރައީސްގެ އަނބިކަނބަލުންގެ ނުފޫޒު އޮތް ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.
މި ތުހުމަތު ތަކުރާރުކޮށް ދޮގުކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވަކި ކޮމިޓީއެއް އެކުލަވާލައި ކުރީ ސަރުކާރުން ހިޔާ ފްލެޓް ލިބިފައި ހުރި ގިނަ ބައެއްގެ ނަން އުނިކޮށް އަލުން ލިސްޓު އެކުލަވައިލި އެވެ.
ނިޔާޒްގެ ސޯޝަލް މީޑިއާ ޕޯސްޓާ އެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ އޭނާއަށް ސޯޝަލް މީޑިއާގައި ރައްދު ދެމުންނެވެ. ނިޔާޒަށް ވެސް ކޮރަޕްޝަންގެ ތުހުމަތުކޮށް ބައެއް މީހުން ޕޯސްޓްތައްކޮށް، އޭނާގެ ވިޔަފާރިތައް ރެއިޑްކުރާނެ ކަމުގެ އިންޒާރު ވެސް ދީފައި ހުއްޓެވެ. ރައްދުގައި ނިޔާޒް ވިދާޅުވެފައި ވަނީ އެ ފެންނަނީ "އެ މީހުންގެ އަސްލު ސިފަ" ކަމަށާއި ބިރު ދެއްކިޔަސް ޖެހިލުމެއް ނުވާ ކަމަށެވެ.