އެޖެންޑާގެ ޝަކުވާ އާ އެކު، އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމަށް ވަންނަން ދެކޮޅު ހަދަނީ
އެޖެންޑާގެ ޝަކުވާ އާ އެކު، އެމްޑީޕީގެ ބައެއް މެމްބަރުން ތަޅުމަށް ވަންނަން ދެކޮޅު ހަދަނީ

ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތައް އެއްފަރާތް ކޮށް، ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތަކަށް މަޖިލީހުގެ އެޖެންޑާ އިން ޖާގަދީފައިވާ ކަމަށް ބުނެ، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާ އަށް ވަންނަވަން ދެކޮޅު ހައްދަވައި ބޮއިކޮޓް ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށް ފަހު ކޯރަމް ހަމަވޭތޯ ބައި ގަޑިއިރު މަޑުކުރެއްވި އެވެ.

ކޯރަމް ހަމަނުވުމުން 9:30 އާ ހަމައަށް ޖަލްސާ ފަސްކުރުމުން ވެސް ފެށޭ ގޮތް ނުވުމުން ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުން އެ ކަމަށް ސަމާލުވާން އެދިވަޑައިގެންފަ އެވެ. އެކަމަކު އެ ގަޑި އަށް ވެސް ކޯރަމް ހަމަނުވެގެން، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ކުޑަދަށުގައި އެބަ ތިއްބެވި ކަމަށާއި ތަޅުމަށް ވަޑައިނުގަންނަވާ ސަބަބެއް ސާފު ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ ގެއެއްގެ ބަދަލުގައި މަޖިލީހަކީ އިދިކޮޅުގެ ހަރުގެ އަކަށް ހަދާފައިވާ ކަމަށެވެ.

ސަފީރުންނަށް ރުހުން ދިނުމާއި ޖުޑީޝަރީ އިސްލާހުކުރުން ފަދަ މުހިންމު ބިލުތައް އެއްފަރާތްކޮށް، މިއަދުގެ އެޖެންޑާގައި ވެސް އޮތީ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ހުށަހަޅާފައިވާ ގަރާރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުހިންމު މަސައްކަތްތައް ބަހައްޓާފައި މިއަދު ވެސް އެޖެންޑާ ކޮށްގެން އެ އުޅެނީ ސަރުކާރަށް ފާޑުކިޔަން ގަރާރުތަކެއް. އަޅުގަނޑު [ތަޅުމަށް] ނުވަންނަން މިހުރީ އެހެންވެ،" ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ޖަލްސާ ބޮއިކޮޓް ކޮށްގެން ހުންނެވީ އޭނާ އަމިއްލަ އަށް ކަމަށާއި އެ ގޮތަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމާފައިނުވާ ކަމަށް ވިދާޅުވި އެވެ.

މިކަމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަޝިޕުގައި ހިމެނޭ މެމްބަރުންގެ ފަރާތުން ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ.

ކޯރަމް ހަމަކޮށް ޖަލްސާ ފަށަން، ރިޔާސަތުން ނަޝީދު ވަނީ 10:00 އާ ހަމައަށް ވަގުތު ދެއްވައިފަ އެވެ.

އޭގެފަހުން، ނަޝީދު ވިދާޅުވީ އެޖެންޑާ އާ ގުޅޭ ޝަކުވާ ލިބިފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެޖެންޑާ ކުރައްވާފައި ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދުގެ އެޖެންޑާގައި ހިމަނާފައިވާ ސަރުކާރާ ދެކޮޅު ގަރާރު ތަކަކީ މާކުރިން ހުށަހަޅައި، ބަހުސްގެ ވަގުތު ބާކީ އޮތް ގަރާރުތަކެއް ކަމަށެވެ.

ގަރާރުތަކުގެ އިތުރުން ވެސް، ވޯޓާ ހަމައަށް ގޮސްފައިވާ އެހެން މަސައްކަތްތައް ވެސް ހުރި ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެ މަސައްކަތްތައް ނިންމުމަށް ޓަކައި، ނަޝީދު ވަނީ ހެނދުނުގެ ސައި ގަޑިއަށް ފަހު، 11:00 ޖަހާ އިރު، ޖަލްސާ ފެށުމަށް އަލުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.