22 ސެޕްޓެމްބަރ 2023 - 09:33

ޕީޕީއެމްގެ ވެރިކަމެއް އަލުން އިޔާދަވެއްޖެ ނަމަ ހިފައި ހައްޔަރުކުރަން ޖެހޭ މީހުންނާއި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެމްބަރުންގެ ލިސްޓެއް ގެންގުޅެ، މިސްރާބު އަދިވެސް ހުރީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ކަމަށް ޖޭޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތް އިލްހާމް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް ރޭ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެން ވިދާޅުވީ އަނިޔާ ލިބުނު އެއްވެސް އާއިލާއަކުން ޕީޕީއެމްގެ ވެރިކަމެއް އަނބުރާ މި ރާއްޖެއަށް ގެންނަން ނޭދޭނެ ކަމަށެވެ. އޭގެ ހެއްކަކީ ޕީޕީއެމްގެ ވެރިކަމުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލަށް ލީ އޭނާ ކަމަށް ވިދާޅުވި އެވެ.
އޭނާއަށް އަދަބު ދޭން، އެއްބަނޑު އެއްބަފާ ކޮއްކޮ ޖެހިގެން އޮތް ގޮޅީގައި ބޭއްވި އިރު، އަނބިކަނބަލުން ފުލުސް އޮފީހުގައި ރަހީނުކުރި ކަމަށް އިލްހާމް ވިދާޅުވި އެެވެ.
އިލްހާމް ވިދާޅުވި ގޮތުގައި ޕީޕިއެމް އުފެއްދުމުގައި އިސްކޮށް އޭނާ އުޅުއްވި ނަމަވެސް އެނބުރި އެ ޕާޓީއަށް ނުދިޔައީ ކުރި މަގު ފެންނަލެއް ބިރުވެރިވެފައި ނާމާން ކަމުންނެވެ. ދެވަނަ ބުރުގައި އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ ހުށަހެޅުން ލިބުނު ކަމަށް ވިދާޅުވި އެވެ.
"ތި ބޭފުޅުން، ޖުޑިޝަރީގައި ތިއްބެވި ބޭފުޅުން ބޭރުކުރުމަށްޓަކައި ޕީޕީއެމުން މިއަދު ދަނީ ރާވަމުން. ފުލުހުންގެ ތެރެއިން ބޭފުޅުންތަކެއް ބޭރުކޮށްލުމަށްޓަކައި މިއަދު އެދަނީ ރާވަމުން, މީހުން ހިފައި ހައްޔަރުކުރުމަށްޓަކައި އެދަނީ ލިސްޓްތަކެއް އެކުލަވާލެވިގެން އިއުލާންކުރެވެމުން," އިލްހާމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ ލިސްޓުގެ ތެރެއިން ކަޓުވާލަން ޕީޕީއެމުން ނިންމާފައި ތިބި މީހުންގެ ލިސްޓެއް ހާމަކޮށްދޭނަން. ޕީޕީއެމަށް މާ ފަސޭހައެއް ނުވާނެ މި ވާހަކަ އަޑުއަހާކަށް. އަޅުގަނޑާ ކިންގްސްކޯނާގައި ދެއްކި ވާހަކައިގެ ތަފްސީލް ވެސް ގެނެސްދޭނަން."
އެ ވާހަކައިގައި އޮތީ, އިލްހާމް ވިދާޅުވި ގޮތުގައި، މީހުން ހިފައި ހައްޔަރުކުރުމާ އެކު ބިރާއި ނާމާންކަމުގެ މިސްރާބެކެވެ.
"އަޅުގަނޑަށް އޮފަކުރި ބޮޑެތި މަގާމްތަކާ އެއްޗެހި. އަޅުގަނޑު ދެންނެވީ ސޮރީއޭ."
ޕީޕީއެމް/ޕީއެންސީ ތެރެ އޮތީ ކަފިވެފައި ކަމަށާއި ބައެއް މެމްބަރުންނަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރަން ޗާންސެއް ނުލިބޭނެ ކަން ޔަގީން ކަމަށް އިލްހާމް ވިދާޅުވި އެވެ.
"ވަރަށް ގިނަ މެމްބަރުން އެބަތިބި. ކުރިއަށް އޮތް ތަނުގައި މެމްބަރުންގެ ނަންތައް ދަންނަވަމުން ދާނަން. އެ ރެކޯޑަށްޓަކައި ތާރީހަށްޓަކައި," އިލްހާމް ވިދާޅުވި އެވެ.
"ދެން އޮތީ ތި ރައްޔިތުން މިސްޓޭކެއް ހަދައިގެން ވެރިކަމަށް މުއިއްޒު ގެންނަވައިފިއްޔާ މި ރާއްޖޭގެ ތާރީހް ނުދެކޭ ފަދަ ނިކަމެތި ވެރިކަމެއް ލިބިގެންދާނެ. ކީއްވެތޯ އެހެން ވާން ޖެހެނީ. ބޮސް ގެއަށް ވަޑައިގަންނަވާނެ ނޫންތޯ؟ އޭގެ ފަހުން ދެން ކަންތައް ހިނގާނެ ގޮތް ވިސްނާލާ. އެންމެ ނިކަމެތި ވެރިކަން ފެނިގެންދާނީ."
އިލްހާމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަން އިޔާދަވެއްޖެ ނަމަ ފުލުހުންނާއި ކޯޓުތަކަށް ވެސް ޣައިރު ގާނޫނީ އަމުރުތައް ތަންފީޒުކުރުން ނޫން ކަމެއް ނޯންނާނެ އެވެ.
"ޕީޕީއެމަށް ވެރިކަން ލިބިއްޖިއްޔާ ކޯޓުގެ ފަނޑިޔާރުންނާ އެތާ ތިބޭ މުވައްޒަފުންނަށް ޖެހޭނެ ކަމަކީ ރޭގަނޑު ހޭލާ ތިބެގެން ފަހަރަކު އަމުރެއް, ފަހަރަކު އަމުރެއް ނެރުން. ރަންކޮޅާ މި ނޫން އެއްވެސް ގޮތެއް ނޯންނާނެ," އޭނާ ވިދާޅުވި އެވެ.
"ދިވެހި ފުލުހުންނާ ސިފައިންނަށް އޮންނާނީ ކޮން ކަމެއްތޯ؟ ފުރާޅުން ޓިނު ނެގުން. މީހުން ހިފައި ހައްޔަރުކުރުން. ޣައިރު ގާނޫނީ އަމުރަށް ކިޔަމަންތެރިވެގެން އެކަން ކުރުން. ފަހުން އޭގެ މައްޗަށް ހުކުމެއް އައުން. މިއީ ކުރައްވަން ޖެހޭ ކަމަކީ," އިލްހާމް ވިދާޅުވި އެވެ.
މިހެން މިކަން ކުރަން ރާވާފައި އޮތްއިރު، ގެއަށް ވަދެ 2018ގެ ޕީޕީއެމްގެ ވެރިކަމުގެ ޓޭޕް ރިވައިންޑްކޮށްލުމުން ވެސް ފެންނާނީ މުޑުދާރުކޮށް ކަމަށް ވިދާޅުވި އެވެ.
އެކަމަކު މި ވެރިކަމުގެ ތަފާތަކީ، މި ސަރުކާރުގައި އެކުލަވާލި ގޯއްޗާއި ފްލެޓް ލިސްޓުގައި ގިނައިން ތިބީ ޕީޕީއެމް މީހުން ކަމަށާއި އެކަމަކު އޭނާ ހިއްސާވެގެން ހުންނެވި ޕީޕީއެމްގެ ވެރިކަމުގައި ލިސްޓު އަންނަނީ ތިރިންނާއި މަތިން ހަމައެކަނި ޕާޓީއަށް ކަމަށް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ދޫކޮށްލެއްވުމަކީ ދުވަހަކު ވެސް ކުރަން ހިތަށް އެރި ކަމެއް ނޫން ކަމަށާއި އެއަށް ވުރެން ހެޔޮ އިންސާނެއް ނުހުންނާނެ ކަމަށެވެ. ވެރިކަންތަކުގައި ގާސިމަށް ލިބިވަޑައިގަތީ އަނިޔާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމް އެންމެ ލޯބިވާ ދަރިފުޅު ސިޔާދު ގާސިމް ވެސް އޮތީ ޖަލުގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކައުންޓްތައް ފްރީޒްކޮށް ކުންފުނި ބަނގުރޫޓްކޮށްލައި ބަލި އެނދުގައި އޮއްވައި ހުކުމް ވެސް އިއްވި އެވެ.
އިލްހާމް އެދިވަޑައިގަތީ އެ މަންޒަރު އަލުން ފެންނަން، ރައްޔިތުން މިސްޓޭކެއް ހަދައި ރާއްޖެ އަށް ކަޅު އަނދިރި ނާމާން ދުވަސްތައް އިޔާދަނުކުރުމަށެވެ. ސިޔާސީ ހަރަކާތަށް ޖާގަ ލިބި ހަމަޖެހުމާ އެކު ރައްޔިތުންނަށް ދިރިއުޅެން ފުރުސަތު ފަހިވެފައި އޮތް ގޮތަށް މި ވެރިކަމުގެ ދައުރު ދަންމާލަން ވިސްނުންތެރިކަމާ އެކު ވޯޓުލާން އޭނާ އެދިވަޑައިގަތެވެ.