23 ސެޕްޓެމްބަރ 2023 - 17:26

އެމްޑީޕީގެ ބައެއް މެމްބަރުން ގުޅައި، އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދޭ ނަމަ ފްލެޓާއި ގޯތި ލިބޭނެ ކަމަށް ބުނަމުންދާ ކަމަށާއި ފްލެޓާއި ގޯތި ލިބުނަސް އެ ޕާޓީ އަށް ވޯޓު ދޭން ނުޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު އަދި އެ ދެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ބޯމަތިވެފައި ވަނިކޮށް މާލެ ސަރަހައްދުން އިތުރު ފްލެޓްތަކާއި ގޯތިތައް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ކަމަށް ހާއްސަ އުސޫލުތަކެއް ހަމަޖައްސަން ސަރުކާރުން ވަީ ނިންމައިފަ އެވެ. އަދި ހުޅުމާލެ އަށް 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށްޓަކައި ހިއްކުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮލާލް ވަނީ އެމްޑީޕީގެ މެމްބަރުން ފްލެޓު ލިބުނު ލިސްޓަށް ބަލައި އެކި މީހުންނަށް ގުޅަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ނަމަވެސް އޭނާ އެދިވަޑައިގަތީ، އެފަދަ ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެ، ފްލެޓްތަކާ ގުޅޭ ކަންކަމުގައި އެމްޑީޕީގެ މެންބަރުންނާ ޖަދަލު ނުކޮށް، މުއިއްޒަށް ވޯޓު ދިނުމަށެވެ.
"މިހެން ދައްކާ ވާހަކައެއްގައި ނުޖެހި، ކިތަންމެ ވާހަކައެއް ދެއްކިޔަސް މި ސަރުކާރު ބަދަލު ކުރުމަށްޓަކައި ދެއްވަން ޖެހޭ ވޯޓު ދެއްވީމާ ހުންނާނީ ރަނގަޅަށް،" ތޮލާލް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ދުވަސްވަރު ގިނަ ވައުދުތަކެއް ވަމުން އަންނަ އިރު އެ ވައުދުތަކާ ގުޅޭ ފުރިހަމަ ތަފްސީލްތައް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ދުވަސްވީ މީހުންގެ އެލަވަސާއި ކަރަންޓު ބިލް ފްލެޓު ރޭޓެއް ކަނޑައެޅުން ފަދަ ކަންކަމަކީ މިހާރު ފުރިހަމަ ތަފްސީލް ނުދީފި ނަމަ ފަހުން އޭގެ ގެއްލުން ރައްޔިތުންނަށް ކޮށްފާނެ ފަދަ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރު ޖަހާ މަޅިއެއްގައި ނުޖެހެން އަޅުގަނޑު ރައްޔިތުންނަށް އެދެން،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވަނީ އިންތިހާބުގައި މުއިއްޒާ ދެކޮޅަށް ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަން ފާހަގަ ކުރައްވައިފަ އެވެ. އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބެލުމަށް ތޮލާލް ގޮވާލި އެވެ.