ހަތް އަހަރަށް ފަހު ރާއްޖޭން އީރާނާ އެކު އަލުން ގުޅުން ގާއިމުކޮށްފި
ހަތް އަހަރަށް ފަހު ރާއްޖޭން އީރާނާ އެކު އަލުން ގުޅުން ގާއިމުކޮށްފި

ރާއްޖޭން އީރާނާ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން އަލުން ޚާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.

ދެ ގައުމު ގުޅިގެން މިކަން އިއުލާނުކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީޔަން އާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިންވެސްޓުމަންޓާއި ވިޔަފާރި އާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ރާއްޖޭން އިރާނާ އެކު ގާއިމުކޮށްފައި އޮތް ގުޅުމަށް 40 އަހަރު ވެފައިވަނިކޮށް، ކުއްލި ގޮތަކަށް އެ ގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެ އެވެ. މެދުއިރުމަތީގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަރަށް ބޮޑަށް ބަރޯސާވާ، ސައުދީ އަރަބިއްޔާ އިން ވެސް އޭރު އޮތީ އިރާނާ އެކު ގުޅުން ކަނޑާލައިފަ އެވެ.

ޔާމީންގެ ވެރިކަމުގައި ގަތަރާ އެކު އޮތް ގުޅުން ވެސް ރާއްޖޭން ކަނޑަލައިލި އެވެ. އެއީ ވެސް ސައޫދީގެ ނިންމުމަކާ އެކުގަ އެވެ. އެކަމަކު 2021 ވަނަ އަހަރު ރާއްޖޭން ވަނީ އެ ގުޅުން އަލުން އިޔާދަކޮށްފަ އެވެ.

އީރާނާ އެކު ރާއްޖޭން ވެސް އަލުން ގުޅުން ގާއިމުކޮށްފައިވަނީ، ޗައިނާ މެދުވެރިވެގެން އެހެން ގައުމުތަކާއި އިރާނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ މާޗު މަހު ސައުދީން ވެސް ވަނީ އީރާނާ އަލުން ހާރިޖީ ގުޅުން ގާއިމުކޮށް، ދެ ގައުމުގެ އެމްބަސީތައް ވެސް އަލުން ހުޅުވައިފަ އެވެ.