26 ސެޕްޓެމްބަރ 2023 - 12:34

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ޓީމުގައި ހިމެނޭ ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހްމާނާއި، ކޯޕްރަލް އިބްރާހިމް ޝިފާން ހޯދި ކުރިއެރުންތަކާ އެކު ގައުމީ ރެކޯޑް ތަކެއް މުގުރާލައިފި އެވެ.

ޝަރަފިއްޔާ ވަނީ އާދިއްތަ ދުވަހު އޮތް 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި 605.9 ޕޮއިންޓުގެ ޖުމްލަ ސްކޯއެއް ހަދައިގެން، މިއަހަރު އިންޑޮނޭޝިއާގައި އޮތް އޭޝިއަން ރައިފަލް ޕިސްޓަލް ކަޕްގައި އޭނާ ހެދި ރެކޯޑް މުގުރާލައިފަ އެވެ.

އިންޑޮނޭޝިއާގައި އޮތް އޭޝިއަން ރައިފަލް ޕިސްޓަލް ކަޕްގައި ޝަރަފިއްޔާ ރެކޯޑް މުގުރާލާފައި ވަނީ 589.6 ޕޮއިންޓްގެ ސްކޯއެއް ހޯދައިގެންނެވެ.
އިއްޔެ އޮތް ފިރިހެނުންގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކޮށް ޝިފާން އަށް ހޯދުނީ ޖުމްލަ 603.4 ޕޮއިންޓެވެ.
މިއަހަރު އޮތް އޭޝިއަން ރައިފަލް ޕިސްޓަލް ކަޕްގައި ޝިފާން 604.9 ޕޮއިންޓް ހޯދައިގެން ހެދި ރެކޯޑް މުގުރާ ނުލެވުނު ނަމަވެސް، އޭނާ ވަނީ ޝަރަފިއްޔާ އާއެކު މިއަދު އޮތް 10 މީޓަރު އެއާ ރައިފަލް މިކްސްޑް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
ޝިފާން އާއި ޝަރަފިއްޔާ 10 މީޓަރު އެއާ ރައިފަލް މިކްސްޑް އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ، މިއަދުގެ އިވެންޓުގައި ޖުމްލަ 600.9 ޕޮއިންޓް ހޯދައިގެންނެވެ.
ދެ އެތުލީޓުން މުގުރާލީ، އޭޝިއަން ރައިފަލް ޕިސްޓަލް ކަޕްގައި ރެކޯޑް މުގުރާލި ސްކޯ އަށްވުރެ 8.6 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.